ޚަބަރު

ހުޅުމާލެއިން ގަރާޖު ހިންގުމަށް 23 ޕްލޮޓެއް، އިތުރު ޖާގައަށްވެސް ހުޅުވާލާނެ


  • ގަރާޖު ހިންގުމަށް 23 ޕްލޮޓަކަށް ހުޅުވާލީ ޑިސެމްބަރު 2022 ގައި

  • ޖުމްލަ 190 ފަރާތަކުން ފޯމު ހުށަހެޅި

  • ދޫކުރި ބިންތަކުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފެށިގެން 1447 އަކަފޫޓު ހުންނާނެ

  • ގަރާޖުތައް 2 ފަންގިފިލާއަށް ޢިމާރާތްކުރެވޭނެ

  • އިތުރު ޕްލޮޓްތަކަށްވެސް ހުޅުވާލާނެ

މާލޭގައި ހިންގޭ ގަރާޖުތައް ހުޅުމާލެ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ގަރާޖު ހިންގުމަށް ހުޅުމާލެއިން 23 ޕްލޮޓެއް ދޫކޮށްފިއެވެ.

މާލޭގައި މިވަގުތު ގަރާޖު ހިންގާ ފަރާތްތަކުގެ ގަރާޖުތައް ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ހުޅުމާލެއިން ދޫކުރާ ބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ޑިސެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. މިގަރާޖްތައް ބަދަލުކުރުމަށް ހުޅުމާލެއިން 23 ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ.

އެޗް.ޑީ.ސީއިން ބުނީ މިގޮތަށް ހުޅުމާލެއިން ގަރާޖު ހިންގުމަށް ބިން ދޫކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، އެފަދަ ވިޔަފާރިތަކަށްވެސް ފަހި ފުރުޞަތުތަކެއް ހޯދައިދިނުންކަމަށެވެ.

އެގޮތުން ގަރާޖު ހިންގުމަށް ބިން ދޫކުރުމަށް ހުޅުވާލި ފުރުޞަތުގައި ޖުމްލަ 190 ފަރާތަކުން ފޯމު ހުށަހަޅާފައިވާކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. މި ޕްލޮޓްތަކަށް ހޮވުނު ފަރާތްތަކުގެ މެދުގައި ގުރުނެގުން އެޗް.ޑީ.ސީގައި މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ.

23 ޕްލޮޓުގެ ހައްޤުވެރިން ކަނޑައެޅުމުގައި އެޗް.ޑީ.ސީއިން ވަނީ ހުށަހަޅާފައިވާ ފޯމުތަކުގައިވާ މަޢުލޫމާތުތައް ސައްޙަކަން ކަށަވަރުކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާރވޭއެއް ކުރިއަށް ގެންގޮސްފައެވެ. މި ސަރވޭގެ ތެރެއިން އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގާ ގަރާޖުތައް ބަލާފައިވާކަމަށާއި، މީގެތެެއިން ހަތަރު ފުރޮޅުލީ ވެހިކަލްތައް ސަރވިސްކުރާ ގަރާޖުތަކަށް ޚާއްސަކަމެއްދީފައިވާކަމަށް އެ ކޯރޕަރޭޝަނުން ބުނެއެވެ.

މިފަހަރު ހުޅުވާލި ފުރުޞަތުގައި ގަރާޖު ހިންގުމަށް ދޫކުރި ޕްލޮޓްތަކުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފެށިގެން 1447 އަކަފޫޓު ހުންނާނެކަމަށް އެޗް.ޑީ.ސީއިން ބުނެއެވެ. މި ޕްލޮޓްތަކުގައި އަޅާ ގަރާޖުތައް 2 ފަންގިފިލާއަށް ޢިމާރާތްކުރެވޭނެކަމަށް އެޗް.ޑީ.ސީއިން ވިދާޅުވެއެވެ. މިފަހަރު ލިބުނު ތަރުޚީބަށް ބަލާ، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ޕްލޮޓްތައްވެސް ހުޅުވާލުމަށް އެޗް.ޑީ.ސީއިން ވަނީ ނިންމާފައެވެ.