މަތީ ތަޢުލީމާއި ތަމްރީންގެ ފުރުޞަތުތައް ކުރިއަށްވުރެ ބޮޑަށް މިވަނީ އިތުރުވާން ފަށާފައެވެ. ކުރިން ހަމައެކަނި މާލެއިން ލިބެމުން އައި ތަޢުލީމު އަތޮޅުތެރެއަށް ފުޅާކޮށް އެންމެ އާދައިގެ މީހާއަށްވެސް ތަޢުލީމީ ސަނަދެއް ޙާސިލުކުރުމުގެ ފުރުޞަތު މިވަނީ ފަހިވެފައެވެ.
އަމިއްލަ ރަށުގައި ތިބެގެން ކިޔެވުމުގެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ޖޫނިއަރ ކޮލެޖްތަކާއި ޓިވެޓް ސެންޓަރުތައް ތަރައްޤީކުރެއްވުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ. މިއިން ކޮންމެ ތަނަކީވެސް ފަސޭހައިން އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދީ ހުނަރުވެރި މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރައްވާ މަސައްކަތްތަކެވެ.
ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން ދިވެހިން ތަމްރީން ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މަތީ ތަޢުލީމާއި ތަމްރީން މުޅި ރާއްޖެއަށް ފުޅާކުރަމުން އަންނައިރު އެކި ސަރަޛައްދުތަކުގައި ޖޫނިއަރ ކޮލެޖްތަކާއި ޓިވެޓް ސެންޓަރުތައް އަންނަނީ ތަރައްޤީކުރައްވަމުންނެވެ. މިގޮތަށް ތަރައްޤީކުރައްވާ ތަންތަނަކީ ކޮންމެވެސް އެއް ދާއިރާއަކަށް ޚާއްސަކުރައްވައިގެން ކޯސް ހިންގެވުމަށް ހަމަޖެހިފައިވާ ތަންތަނެވެ.
މިފަދަ އެއް މަރުކަޒަކީ ރ. އަލިފުށީގައި މިހާރު ތަރައްޤީކުރައްވަމުން އަންނަ ޓިވެޓް ސެންޓަރެވެ. މިތަން ޚާއްސަކުރައްވާފައިވަނީ ބޯޓް ބިލްޑިންގެ ދާއިރާތަކުގެ ކޯސްތައް ހިންގުމަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައްވެސް މި އިންސްޓިޓިއުޓްގައި ހިންގުމަށް ހަމަޖެހިފައިވެއެވެ.
އަލިފުށީގެ ބޯޓް ޔާޑްތައް ހުންނަ ސަރަޙައްދުގައި ޢިމާރާތްކުރާ މި ސެންޓަރުގެ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ. 3 ބްލޮކަކަށް ތަރައްޤީކުރާ މި މަރުކަޒުގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމާލާފައެވެ. މިއަހަރުގެ ތެރޭގައި ކޯސްތައް ފެށުމަށްޓަކައި މަސައްކަތް ކުރައްވަމުން އަންނައިރު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އަންނަނީ މި މަރުކަޒުގައި ޤާއިމްކުރާ ލެބޯޓަރީއަށް ބޭނުންވާ ސާމަނު ހޯދުމުގެ މަސައްކަތްތަކާއި މުވައްޒަފުން ހޯދުމުގެ މަސައްކަތްތައްވެސް ކުރައްވަމުންނެވެ.
އަލިފުށީގައި މީގެ ކުރިންވެސް ވަނީީ ބޯޓު ފަހަރު ބަނުމާ ގުޅުން ހުރި އެކި މަސައްކަތްތައް ދަސްކޮށްދޭ ޕްރޮގްރާމަތްތައް ކުރިއަށްގެންގޮސްފައެވެ. އެ މަސައްކަތްތައް އަހަރުތަކެއް ވަންދެއް ހުއްޓިފައި އޮތުމަށްފަހު އަލުން އެރަށުގައި އެ މަސައްކަތް ފެށިގެންދިއުމަކީ ރަށުގެ ރައްޔިތުން އުފާކުރާކަމެކެވެ.
ރަށުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި އެރަށުގައި ޓިވެޓް ސެންޓަރެއް އަޅާ ބޯޓް ބިލްޑިންގެ ދާއިރާގެ ކޯސްތައް ހިންގުމަކީ ރަށުގެ ކުރިއެރުމުގެ އިތުރަށް މުޅި ރާއްޖެއަށްވެސް ފައިދާ ކުރާނެ މަސައްކަތެއްކަމަށެވެ. ޚާއްސަގޮތެއްގައި ރާއްޖެއަކީ ފުޅާ ދާއިރާއަށް މަސްވެރިކަން ކުރާ ޤައުމަކަށް ވުމާއެކު މުސްތަޤްބަލުގައި އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރާނެ ދިވެހި ދަރިންތަކެއް އުފެދިގެން ދިއުން މުހިންމުކަން ރައްޔިތުން ފާހަގަކުރިއެވެ.
"މިރަށުގައި ޓިވެޓް ސެންޓަރެއް އެޅުމަކީ ބޮޑު އުފަލެއް. ޚާއްސަގޮތެއްގައި ބޯޓުފަހަރު ބަންނަ ރަށެއްކަމަށްވުމުން އަޅުގަނޑުމެންގެ ދަރިންނަށްވެސް އެ މަސައްކަތް ދަސްކޮށްދޭނެ އިތުރު މަގެއް މި ފަހިވަނީ.. މިކަމުން މިރަށުގެ އިތުރަށް މުޅި ރާއްޖެއަށްވެސް ފައިދާތަކެއް ކުރާނެ. މިތަނުން ބޯޓު ބިލްޑިންގެ ކޯސްތަކުގެ އިތުރަށް އިތުރު ކޯސްތަކެއް ވެސް ކުރިއަށް އެބަގެންދޭ. ޒުވާނުންނަށް ހުޅުވޭ އިތުރު ދޮރެއް މިއީ" އަލިފުށިން ވާހަކަދެއްކި މީހަކު ބުންޏެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ މި ސެންޓަރުން ފުރިހަމަ ތަޢުލީމެއް ފޯރުކޮށްދޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ. އަދި އެހެން ރަށްތަކުގެ ކުދިންނަށްވެސް އެ ސެންޓަރުގައި ތިބެގެން ކިޔެވޭނެ މަގު ތަނަވަސްވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޒަމާނުއްސުރެ މިރަށުގައި ބޯޓު ބިލްޑިންގެ މަސައްކަތްތައް އަންނަނީ ކުރަމުން. އޭރު ސްކޫލް ނިންމާ ގިނަ ދަރިވަރުން ވީޓީސީއަށް ވަދެ މިދާއިރާއިން ތަޢުލީމް ހާސިލްކޮށް މަސައްކަތުގެ ދާއިރާއަށް ނުކުންނާނެ. މިކަން ހުއްޓިފަ އޮތުމަށްފަހުން ޓިވެޓް ސެންޓަރު މިރަށުގައި އެޅިގެން އައުމަކީ ލިބޭ ހިތްހަމަޖެހުމެއް." އާދަމް އިމްރާން ވިދާޅުވިއެވެ.
މި ޓިވެޓް ސެންޓަރުގައި ބޯޓްޔާޑަކާއި، ކާޕެންޓްރީ ވޯކްޝޮޕަކާއި، މެޝިން ވޯކްޝޮޕަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 6 ކްލާސް ރޫމާއި، އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެއެވެ. އަދި ދަރިވަރުން ބޭތިއްބުމަށް، 58 ދަރިވަރުންގެ ޖާގައިގެ އެކޮމޮޑޭޝަން ބްލޮކަކާއި، ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް ޤާއިމްކުރެވިފައި ހުންނާނެއެވެ.
2000 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ރ. އަލިފުއްޓަކީ ކިއްސަރު ވަޑާމަށް މަޝްހޫރު އަދި ބޯޓު ފަހަރު ބަނުމަށްވެސް މަޝްހޫރު ރަށެކެވެ. ރަށުގެ ބައެއް މީހުން އަމްދަނީ ހޯދުމަށްކޮށް އުޅޭ މަސައްކަތަކީ ބޯޓުފަހަރު ބަނުންކަމަށްވާއިރު ރާއްޖޭގައި ބަނދެފައިވާ މަސްދޯނި ފަހަރާ ކަނޑުގައި ދުއްވާ 80 އިންސައްތަ އުޅަނދަކީ މިރަށު މަސައްކަތްތެރީންގެ ހިއްސާ އޮވެގެން ބަނދެފައިވާ އުޅަނދުފަހަރެވެ.
މިއީ ދިވެހިންގެ އެތަކެއް ހުނަރެއް ދައްކުވައިދޭ މަސައްކަތަކަށްވާއިރު މި މަސައްކަތް އަންނަން އޮތް ޖީލަށް ފޯރުކޮށްދިނުމަކީވެސް މުހިއްމު ކަމެކެވެ. އެހެންކަމުން ސަރުކާރުން އަންނަނީ މިފަދަ ދިވެހިންގެ އަމިއްލަ މަސައްކަތްތައް ދަސްކޮށްދީ ތަޢުލީމީ ސަނަދުވެސް ޙާސިލްކުރެވޭނެ މަގުތައް ތަނަވަސްކޮށްދެއްވަމުންނެވެ.
އަލިފުށީގައި ތަރައްޤީކުރާ ޓިވެޓް ސެންޓަރާއެކު ކުރިން މިދާއިރާއިން ސަނަދެއް ޙާސިލްކޮށްފައި ނުވާ މީހުންނަށްވެސް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި ކާބަފައިންގެ މި ބުރަ މަސައްކަތް އަންނަން އޮތް ޖީލަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މަގުވެސް ތަނަވަސްވެގެންދާނެއެވެ.