ޚަބަރު

އޯއޭސީޕީއެސް ވަޒީރުންގެ މަޖިލީހުގެ 116 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ


  • ރާއްޖެ ތަމްޞީލުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް

  • ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމަށް ބުނި

  • އޯއޭސީޕީއެސްގައި މެންބަރު ޤައުމުތަކުގެ ގޮތުގައި 79 ޤައުމެއް

  • ރާއްޖެއަށް ފުރިހަމަ މެންބަރުކަން ލިބުނީ ޑިސެމްބަރު 2022 ގައި

ބެލްޖިއަމްގެ ބްރަސަލްސްގައި މިހާރު ކުރިއަށްދާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ ވަޒީރުންގެ މަޖިލީހުގެ 116 ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްޞީލުކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލެވެ. މިއީ ޖަމްޢިއްޔާގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބުނުފަހުން މިފަދަ ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ ޚަލީލް ވަނީ އޯ.އޭ.ސީ.ޕީ.އެސްގެ މެންބަރުކަން ރާއްޖެއަށް ހޯދައިދިނުމަށް އެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކާއި ސެކްރެޓޭރިއެޓުން ދެއްވި އެއްބާރުލެއްވުމާއި، ފުރިހަމަ މެމްބަރަކަށްވުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވެދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ތަރައްޤީވަމުން އަންނަ ހުރިހާ ކުދި ޖަޒީރާ ޤައުމުތަކެއްހެން އެ ޖަމްޢިއްޔާގެ މެންބަރުންނަށް މިހާރު ވެފައިވާކަން ޚަލީލް ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ޚަލީލްގެ ވާހަކަފުޅު ނިންމަވާލައްވަމުން، އޯ.އޭ.ސީ.ޕީ.އެސްގެ މެންބަރު ޤައުމުތަކާއެކު، ޙިއްޞާކުރެވިފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

އޯއޭސީޕީއެސްގައި ހިމެނެނީ އެފްރިކާ، ކެރީބިއަން އަދި ޕެސިފިކްގެ 79 މެމްބަރު ޤައުމެވެ. އޯއޭސީޕީއެސް އިން އަންނަނީ އެ ޖަމްޢިއްޔާގެ މެންބަރު ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށާއި، ދުނިޔޭގެ އިޤްތިޞާދުގައި އެ ޤައުމުތަކުން އަދާކުރާ ހިއްސާ އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ.

އޯ.އޭ.ސީ.ޕީ.އެސްގެ ފުރިހަމަ މެމްބަރު ޤަމަކަށްވުމަށް ރާއްޖެއިން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ. އަދި 23 މާރިޗު 2022 ގައި ވަނީ އޯ.އޭ.ސީ.ޕީ.އެސްގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައެވެ. އެ ޖަމްޢިއްޔާގެ "އޮބްޒާވަރ ސްޓޭޓަސް ޖޫން 2022 ގައި ދީފައިވާއިރު، ޖަމްޢިއްޔާ ހުރިހާ މެންބަރު ޤައުމުތަކުގެ ތާޢީދާއެކު ޖަމްޢިއްޔާގެ ފުރިހަމަ މެންބަރުކަން ރާއްޖެއަށް ލިބިފައިވަނީ އެ އަހަރުގެ ޑިސެމްބަރުމަހުގައެވެ.