ޚަބަރު

ރާއްޖޭން ދެކުނު ކޮރެއާއަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރު، މަޤާމުގެ ފަތްކޮޅު އަރުވައިފި


  • މި ރަސްމިއްޔާތު އޮތީ ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ ޔޮންގްސަން ރިޔާސީ އޮފީހުގައި

  • އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމަށް ދެބޭފުޅުން މަޝްވަރާކުރެއްވި

  • މި މަޤާމަށް ޞާބިރު ޢައްޔަނުކުރުމަށް މަޖިލީހުން ރުހުންދިޏީ 27 ޖޫން 2022 ގައި

ދިވެހިރާއްޖެއިން ދެކުނު ކޮރެއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޙަސަން ޞާބިރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު އެ ޤައުމުގެ ރައީސް ޔޫން ސުކް ޔޯލްއަށް އަރުވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ދެކުނު ކޮރެއާގެ ސޯލްގައި ހުންނަ ޔޮންގްސަން ރިޔާސީ އޮފީހުގައެވެ. ސަަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު ދެ ބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އެ ޤައުމަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު ޙަސަން ޞާބިރު ވަނީ ކޮރެއާގެ ރައީސަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި ދިވެހިންގެ ނަމުގައި ހެޔޮ އެދުމާއި ތަޙުނިޔާ ފޮނުއްވާފައެވެ.

ކޮރެއާ ސަރުކާރާއެކު އެކި ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ގުޅުންބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ޚާއްސަ އަޙައްމިއްޔަތުކަމެއްދެއްވާނެކަން މި ބައްދަލުކުރެއްވުމުގައި ޞާބިރު ފާހަގަކުރެއްވިއެވެ.

ސަފީރު ޙަސަން ޞާބިރު ކޮރެއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮރެއާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ރާއްޖެއަށް ފުރުޞަތުތައް ހޯއްދެވުމާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ދިވެހި ރާއްޖެއިން ކޮރެއާއަށް ކަނޑައަޅުއްވާ ނޮން ރެސިޑެންސް ސަފީރުގެ މަޤާމަށް ޙަސަން ޞާބިރު ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވީ 27 ޖޫން 2022 ގައެވެ. ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި މިނިސްޓަރުކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.