ރިޕޯޓް

ދޮގު ވާހަކަ ފަތުރާ މީހާއަކީ ވިހަ ގުނަވަނެއް


ދޮގުހެދުމަކީ އެކަން ކުރާ މީހާގެ ތަބީޢަތުގައި ދޭތެރެޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއްކަމަށާއި ދޮގު ޚަބަރު ފަތުރާ މީހަކީ މުޖުތަމަޢުގައި ހިމެނޭ ވިހަ ގުނަވަނެއްކަމަށް ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. 11 ޖެނުއަރީ އަދި 2 ޖުމާދިލްއާޚިރާގެ ހުކުރު ޚުޠުބާގައި ދޮގުހެދުމާއި ދޮގުހެކިދިނުމުން ދުރުހެލިވުމަށް ބާރުއަޅުއްވައި، އިމާމު މުޅި ރައްޔިތުންނަށް ދެއްވި ޚިޠާބުގައި މި ފާހަގަކުރެއްވީ، ރާއްޖޭގައި ސިޔާސީ މައިދާނުގައި އަދި ސޯޝަލް މީޑިއާއާއި އަދި މާސް މީޑިއާގައި، ސާބިތު ނުހިފޭ އަދި ސާބިތުކުރެވެން ނެތި ދައްކައިގެން ނުވާނެކަމަށް ބެލެވޭ ފަދަ ވާހަކަތައް ދެކެވުން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ.

ޚުޠުބާގައި ވިދާޅުވެފައިވާ ގޮތުގައި، ދޮގުހެދުމަކީ މުޖުތަމަޢުގެ އަމްނުގެ ޙައްޤުގައި ބޮޑު ޖަރީމާއެކެވެ. އަދި އެއީ އިސްލާމް ދީނުގެ ޙައްޤުގައިވެސް ޖަރީމާއެކެވެ. އޭނާގެ އަމާޒަކީ މުޖުތަމަޢުގެ އަމާންކަން ނަގާލުމެވެ. އޭނާ އެކުރާ މަސައްކަތަކީ މުޖުތަމަޢުގެ އެއްބަނޑު އެއްބަފާކަން ކަނޑާލުމަށް އެހީވުންކަމަށްވެސް ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

އެކި ޕްލެޓްފޯމްތަކުގެ ސަބަބުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ގޮތާއި ވައްޓަފާޅިއާއި އަދި އެކަމަށް ހުރި ފުޅާ ޓެކްނިލޮޖީގެ އަދި އިދިފުށު ވިސްނުމުގެ ފުރުޞަތުތަކަށް އިޝާރާތްކުރައްވަމުން، ޚުޠުބާގައި ބަޔާންކުރައްވާފައިވާ ގޮތުގައި ދޮގު ޚަބަރާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން މިހާރު ވަނީ ބޮޑުވެފައެވެ.

"ދޮގު ޚަބަރުތަކާއި ވާހަކަތައް ފެތުރުމަކީ މީސްތަކުންނަށް ޙައްޤު އޮޅުވާލާނެ ކަމެއް. މީސްތަކުން ހަމަމަގުން އެއްކިބާކުރުވާނެ ޢަމަލެއް. އެކަމުގެ ނުބައިކަން މީހުން މެރުމަށްވުރެ ބޮޑު." ޚުޠުބާގައި ވިދާޅުވިއެވެ.

މިކަންކަމަކީ، އިސްލާމީ ތާރީޚާއި އިސްލާމް ދީނުގެ އެކި ކަންކަމުން އިބްރަތް ލިބެން ހުރި ކަންތައްތައް ކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ.