ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ބާރލިންގ ފެއަރގައި އެންމެ ގިނަ ސުވާލުތައް ކުރިމަތިވެވަޑައިގަތީ ރާއްޖެއާ ބެހޭގޮތުން ރާއްޖެއަށް ހެޔޮނޭދޭ ބައެއް ފަރާތްތަކުން ކުރަމުން ގެންދާ ނުރަނގަޅު ކެމްޕެއިންތަކާއި، ރާއްޖެއަކީ އައިއެސްއަށް މީހުން ފޮނުވާ ތަނެއްކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުންކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޙާލަތު ވަރަށް ރަނގަޅަށް މިދަތުރުފުޅުގައި ސާފުކޮށްދެއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖަރުމަނުގައި ކުރިއަށްދާ އައިޓީބީ ފެއަރގައި ބައިވެރިވެވަޑައިގަތުމަށްފަހު، މާލެއަށް ފުރާވަޑައިގަތުމުގެ ކުރިން ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިންނަށް އަމާންތަނެއް ނޫންކަމަށާއި، ރާއްޖޭގައި ފަތުރުވެރިންނަށް އަމާންކަން ނެތްކަމަށް ދެކެވޭ ވާހަކަތައް ހުރިހާ ފަރާތްަކަށް ސާފުކޮށްދެއްވައި، ޓެރަރިޒަމް ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތު ޕީއާރު ކުންފުނިތަކާއި ގުޅިގެން ކުރައްވަމުންގެންދަވާ ކަމަށެވެ. މިހާރުވެސް ރާއްޖޭގެ ބައެއް ފަރާތްތަކުން ފެެއަރ ކުރިއަށްދާ ވަގުތެއްގައި ރާއްޖެއާއި ދެކޮޅަށް ކެމްޕެއިންތައް ކުރަމުންދާ ކަމަަށާއި، އައިޓީބީ ފެއަރ ކާމިޔާބުވިޔަ ނުދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޖަރުމަނުގައި ރާއްޖެއާއި ދެކޮޅަށް އިދިކޮޅު ކެމްޕެއިން ކުރަމުންދާ ފަރާތްތައް ހޯދާ އެފަރާތްތަކާއި އެކު މަޝްވަރާކޮށް، ރާއްޖޭގެ ޙާލަތުބެލުމަށްފަހު ރަނގަޅު މައުލޫމާތު ސާފުކޮށްދިނުމަށްޓަކައި ރާއްޖެއަށް އައުމަށް ދައުވަތުދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އައިޓީބީ ފެއަރ ތެރެއިން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކާއި، މިހާރުވެސް އިންވެސްޓްކުރަމުންދާ ކުންފުނިތަކުން މިނިސްޓަރ އާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިހާރު އިންވެސްޓްކުރަމުންދާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތަކާއި، ހުޅުވުމަށް ތައްޔާރުވަމުންދާ ރިސޯޓްތަައް ހުޅުވާނެ ތާރީޚްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރގެ މި ދަތުރުފުޅުގައި ދުނިޔޭގެ އެކި އެކި މީޑިއާތަކަށް އިންޓަވިއު ދެއްވާފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ފަރާތުން މިއަދު ޚާއްޞަ ޕްރެސްކޮންފަރެންސެއްވެސް ބާއްވާފައިވެއެވެ. މި ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ބޭފުޅުންވެސް ބައިވެރިވަޑައިގެންފައިވެއެވެ.