ޚަބަރު

އަދީބުގެ ބޭސްފަރުވާގެ މުއްދަތު އޯގަސްޓް 28 އަށް އިތުރުކޮށްދެއްވައިފި


  • އަދީބްވަނީ ކަރެކްޝަނަށް ފަރުވާގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާފަ

  • މުއްދަތު އިތުރުކުރުމާއިމެދު ގޮތެއް ނިންމާނީ ކަރެކްޝަންގެ މެޑިކަލް ބޯޑުން

  • އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ޢާއިލާއިން ވިދާޅުވޭ

  • އަދީބް ގެންދަވަނީ 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

ރާއްޖޭން ބޭރުގައި ބޭސް ފަރުވާކުރެއްވުމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ދެއްވާފައިވާ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އިތުރުކޮށްދެއްވައިފިއެވެ.

އަދީބު ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދީބު ބޭސްފަރުވާއަށް ފުރާވަޑައިގެންނެވީ ރާއްޖެއިން ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ވިދާޅުވެފައެވެ. ބޭސްފަރުވާއަށް އަދީބަށް ދެއްވި 10 ދުވަހުގެ މުއްދަތު މިމަހުގެ 22 އަށް ހަމަވެފައިވާއިރު، އަދީބުގެ ފަރާތުން ވަނީ އެ މުއްދަތު އިތުރުކޮށްދެއްވުމަށް ހުށަހަޅުއްވާފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، އަދީބް ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅުއްވާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް، އޭނާއަށް ދެވިފައިވާ ހުއްދަ 28 އޮގަސްޓް 2023 އާ ހަމައަށް އިތުރުކޮށްދެއްވާފައިވާކަމަށެވެ.


ރާއްޖެއިން ބޭރަށް މީގެ ކުރިން ބޭސްފަރުވާއަށް ދާ ގައިދީންނަށްވެސް ދެވޭ މުއްދަތުގައި ފަރުވާ ނުނިމިއްޖެނަމަ އިތުރު މުއްދަތު ދޭކަމަށް ކަރެކްޝަންސްއިން މީގެކުރިން ވިދާޅުވެފައިވެއެވެ. އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އެކަމަށް ދޫކުރައްވާފައިވާ ވަގުތީ ޓްރެވަލް ޑޮކިއުމެންޓެއްގައެވެ.

އަދީބު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީން ބުނީ އަދީބު ގެންދަވަނީ ފުރާނައަށް ނުރައްކާވާފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދަވަމުންކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ނޫންކަމަށްވެސް އަދީބުގެ އާއިލާއިން ބުނެފައިވެއެވެ.

އެމް.އެމް.ޕީ.އާރު.ސީގެ ކޮރަޕްޝަންގެ މައްސަލަ އަދީބުގެ މައްޗަށް ސާބިތުވެ، 20 އަހަރުގެ ޖަލު ޙުކުމެއް އިއްވާ، 2 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ޙުކުމެއް އަދީބުގެ މައްޗަށް އިއްވާފައިވަނީ 2020 ވަނަ އަހަރުއެވެ. އެހެންނަމަވެސް، އަދީބުގެ ސިއްޙީ ހާލަތު ހުރި ގޮތުން، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ އޭނާ ގޭބަންދަށް ބަދަލުކޮށްފައެވެ.