ޚަބަރު

މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ ހިންގާ ޤަވާއިދު ފާސްކުރުން މިމަހު 29 ގައި


  • ހިންގާ ޤަވާއިދު ފާސްކުރުމަށް ބާއްވާ ޖަލްސާ 29 ޖުލައި ގައި މަޖީދިއްޔާ ސްކޫލުގެ ދާރުލް ޢުލޫމްގައި

  • ނަންބޯޑު އާއްމުންނަށް ފެންނަން ހުންނާނެހެން ހަރުކުރެވޭނެ

  • ރާއްޖޭގައި ހަރަކާތްތެރިވާ މިފަދަ އެންމެ ދުވަސްވީ އެއް ޖަމްޢިއްޔާ

  • ޖަމްޢިއްޔާއަށް މިއަހަރު 77 އަހަރު ވަނީ ފުރިފައި

މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ ހިންގާ ޤަވާއިދު ފާސްކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 29 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާގެ ޢާންމު މެންބަރުންގެ މި ޚާއްސަ ޖަލްސާ އޮންނާނީ މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ 20:15 މަޖީދިއްޔާ ސްކޫލުގެ ހޯލުގައެވެ.

މި ޖަލްސާގައި އެ ޖަމްޢިއްޔާގެ ހިންގާ ޤަވާއިދު ފާސްކުރުން އޮންނާނެއެވެ. އަދި ޖަމްޢިއްޔާގެ ނަންބޯޑު މަޖީދިއްޔާ ސްކޫލުގެ ބޭރުން އާއްމުންނަށް ފެންނަން ހުންނާނެހެން ރަސްމީކޮށް ހަރުކުރުން އޮންނާނެއެވެ. ޖަމްޢިއްޔާގެ ހިންގާ ޤަވާއިދު ފާސްވުމާއެކު ޖަމްޢިއްޔާގެ މެމްބަރުންނަށް ވެވޭނެ އުޞޫލުތަކާއި، އަހަރީ ފީގެގޮތުގައި މެންބަރުންގެ އަތުން ނެގޭނެ ޢަދަދުތައް ކަނޑައެޅިގެންދާނެކަމަށް އެ ޖަމިޢްޔާއިން ބުނެއެވެ.

މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމްޢިއްޔާއަކީ ރާއްޖޭގައި މިފަދަގޮތަކަށް އުފެދުނު އެންމެ ފުރަތަމަ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާ އުފައްދާފައިވަނީ 15 ޖުލައި 1946 ގައެވެ. ޖަމްޢިއްޔާ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ މަޖީދިއްޔާ ސްކޫލުގެ އޭރުގެ ޕްރިންސިޕަލް އަދި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ޖަމްޢިއްޔާއަށް މިއަހަރު 77 އަހަރު ވަނީ ފުރިފައެވެ.

މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސްކޫލް ދަރިވަރުންނާއި ޖަމްޢިއްޔާއާއި ދެމެދު އޮންނަ ގުޅުން ހަރުދަނާކުރުމާއި، އެ ސްކޫލުގައި ކިޔަވާ ކުދިންގެ ހިތުގައި ދީނީ، އަޙްލާޤީ، އިޖްތިމާޢީ، އަދަބީ ރޫޙު އުފެއްދުމާއި، ދަރިވަރުންގެ މެދުގައި އެކުވެރިކަމާއި ޤައުމިއްޔަތާއި، ދިވެހި ސަޤާފަތް އަލާކޮށް ދެމެހެއްޓުމެެވެ. ހަމައެހެންމެ ބައިނަލްއަޤްވާމީ މިފަދަ ޖަމްޢިއްޔާތަކާ ގުޅުންބަދަހިކޮށް މަޖީދިއްޔާ ސްކޫލަށް އެހީތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުންވެސް ހިމެނެއެވެ.