ޚަބަރު

ރައްޔިތުންގެ އެދުމަކީ ދުވާފަރު ހިއްކިބިމުން ފްލެޓާއި ރޯހައުސް ލިބުން


  • ދުވާފަރުން 22.2 ހެކްޓަރުގެ ބިމެއް ވަނީ ހިއްކާފައި

  • ރައްޔިތުން އެދެނީ ހިއްކި ބިމުން ރޯހައުސް އާއި ފްލެޓް ލިބުން

  • ބޯހިޔާވަހިކަމުގެ އިތުރަށް އިޤްތިޞާދީ ހަރަކާތްތަކަށްވެސް ބިން ބޭނުން ކުރާނެ

ރައްޔިތުން ދިރިއުޅުމަށް ރ. ދުވާފަރުން ގޯތި ދޫނުކުރާތާ 14 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު އެރަށުގެ އާބާދީ އިތުރުވެ ބޯހިޔާވަހިކަމުގެ މައްސަލަަތައް ވަނީ ވަރަށް ބޮޑަށް ފެންމަތިވެފައެވެ.

އެއްގެއްގައި ހަތަރު ފަސް އާޢިލާ ދިިރުއުޅެމުން އަންނައިރު އާޢިލީ މައްސަލަތަކާއި އިޖްތިމާޢީ އެތަކެއް މައްސަލަތަކެއް ފެންމަތިވެއެވެ. ބޯހިޔާވަހިކަމުގެ މައްސަލަ އިންތިޙާއަށް ބޮޑުވެފައިވާ މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިވީ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް އެރަށުން ވަނީ ބިމެއް ހިއްކާފައެވެ. އަދި މިބިން ޚާއްސަކޮށްފައިވަނީ ގޯތި ގެދޮރަށާއި އިޤްތިޞާދީ ވިޔަފާރިތަކަށްވެސް ޚާއްސަކޮށްގެންނެވެ.

ރ. ދުވާފަރަކީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހު ކުރިމަތިވި ސުނާމީ ކާރިޘާއާ ގުޅިގެން ރ. ކަނދޮޅުދޫގެ ބޮޑުބައެއް ގިރުމާ ގުޅިގެން، އެރަށުގެ މީހުން އާބާދުވުމަށް ތަރައްޤީ ކޮށްފައިވާ ރަށެކެވެ. އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރަސެންޓް (އައި.އެފް.އާރް.ސީ) އާއި ދިވެހި ސަރުކާރުން ގުޅިގެން ތަރައްޤީކޮށްފައިވާ ދުވާފަރަށް، ރ. ކަނދޮޅުދޫ މީހުން ބަދަލުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުއެވެ.

އޭރުންފެށިގެން މިހާތަނަށް އައިރުވެސް ބިން ފުރުމާއެކު ބޯހިޔާވަހިކަމަށް ގޯތި ދުކޮށްފައެއްނެތެވެ. މިކަން ވެގެންދިޔައީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށެވެ. ޚާއްސަގޮތެއްގައި އެއް ގެއެއްގައި އެތަކެއް އާއިލާއެއް އުޅެން ޖެހިފައިވަނީ ކުޑަ ތަންކޮޅެއްގައެވެ. މިއާއެކު އާޢިލީ މައްސަލަތަކާއި އިޖްތިމާޢީ މައްސަލަތައްވެސް ފެންމަތިވާން ފެށިއެވެ.

ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ރަށުގެ ކުރިއެރުމަށްޓަކައި ދުވާފަރުން ބިން ހިއްކަން އަދުގެ ސަރުކާރުން ނިންމަވާ 22.2 ހެކްޓަރުގެ ބިމެއް މިހާރު ވަނީ ހިއްކަވައިދެއްވާފައެވެ. އަދި މިތަނުގެ ލޭންޑް ޔޫސް ޕްލޭންވެސް ވަނީ އެކުލަވާލާފައެވެ. ހިއްކި ބިމުގެ ބޮޑުބައެއް ޚާއްސަކުރުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމަށެވެ.

ދުވާފަރު ކައުންސިލްގެ މެމްބަރު މަރިޔަމް ޔަސްފާ ވިދާޅުވީ، ހިއްކި ބިމުން ގޯތި ދިނުމުގެ އިތުރަށް ޓުއަރިޒަމްއާއި އެކި ވިޔަފާރިތަކަށް ބިން ދޫކުރުމަށްވެސް ޕްލޭންގައި އެކުލަވާލާފައިވާކަަމަށެވެ. އަދި ހިއްކާފައިވާ ސަރަޙައްދަކީ މިހާރު މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު ހިސާބަކަށްވުމުން ސްކޫލްއެއް އެޅުމާއި އެހެނިހެން ވަޞީލަތްތައްވެސް ޤާއިމްކުރުމަށް ޕްލޭންގައި ހިމަނާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި ހުރީ މި ބިމުން ގޯތި ދޭއިރުވެސް އެންމެން ބޮޑު އިސްކަމެއް ދޭނީ މިހާރު އެއްގެއެއްގައި ދިރިއުޅެމުން އަންނަ މީހުންގެ ތެރެއިން އެންމެ ހާލުގައި އުޅޭ ފަރާތްތަކަށް .މި ބިމުން ވިޔަފާރިއަށް ކުއްޔަށް ބިން ދޫކުރުމަށާއި ގެސްޓްހައުސް ވިޔަފާރިއަށްވެސް ބިން ދޫކުރުމަށް ޕްލޭންގައި ވާނީ ހިމަނާފަ،" ޔަސްފާ ވިދާޅުވިއެވެ.


ދުވާފަރުގެ ރައްޔިތުން އެދެމުން އަންނަނީ ހިއްކި ބިމުން ރޯހައުސްއާއި ފްލެޓްތައް އެޅުމަށެވެ. އަދި ރަށުގެ ރައްޔިތުން އިންތިޒާރުކުރަމުންދަނީ ދުރުނޫން މުސްތަޤްބަލެއްގައި އެތަނުން ގޯތި ލިބި އާއިލާތައް ހަމަޖެހިލައިގެން އުޅެވޭނެ ދުވަހަކަށެވެ. މިއާއެކު 5000 އިން މަތީގެ އާބާދީއެއް އޮތް ދުވާފަރުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އުއްމީދީ ހައްލެއް ލިބިގެންދާނެއެވެ.

"ދުރުނޫން މުސްތަގިބަލެއްގައި މި ބިމުގައި މީހުން ދިރިއުޅޭ މަންޒަރު ބަލަން ބޭނުންވެ، ވަރަށް ހާލުގައި އަޅުގަނޑުމެން މިއުޅެނީ. ކޮންމެ ގެއެއްގައި 5 ވަރަކަށް އާޢިލާ އެބައުޅޭ. އަލަށް ފަށާ އާއިލާތަކައްވެސް ގޯތި ނުލިބުމަކީ ބޮޑު މައްސަލައެއް." ދުވާފަރުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ބިމުގެ ދަތިކަމަކީ މީހުން ދިރިއުޅޭ ރަށްރަށް މިވަގުތު ދިމާވެފައިވާ އިޖްތިމާޢީ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަައްސަލައެވެ. ޚާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށަށް ދިމާވެފައިވާ މި މައްސަލައިގެ ސަބަބުން ދަތިހާލުގައި އުޅެންޖެހޭ ފަހަރު އާދެއެވެ. ރަށުގެ ބިން ކުޑަވުމުގެ ސަބަބުން މިކަމުގެ އަސަރު ކުރަނީ ހަމައެކަނި ބޯހިޔާވަހިކަމަށް އެކަންޏެއް ނޫނެވެ. ބިން ނެތުމުގެ ސަބަބުން ވިޔަފާރިތަކަށާއި ޖުމްލަ ގޮތެއްގައި އެރަށެއްގެ އިޤްތިޞާދަށްވެސް ނުސީދާ ގޮތުންނަމަވެސް އަންނަނީ އަސަރުކުރަމުންނެވެ.

އެހެންކަމުން ސަރުކާރުން އަންނަނީ ބިމުގެ ދަތިކަން ހުރި ރަށްރަށަށް ބިން އިތުރުކޮށްދެއްވަމުންނެވެ. ބޮޑެތި ޚަރަދުކޮށްގެން ކުރިއަށްގެންދާ މިފަދަ ބިން ހިއްކުމުގެ މަޝްރޫޢުގައި އެރަށެއްގެ އިޤްތިޞަދީ ކުރިއެރުމަށް އިސްކަން ދެއްވައެވެ.