ޚަބަރު

މާލޭ ސަރަހައްދުގައި ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާއެއް: އެޗްޕީއޭ


  • މި ވައިރަސް ފެތުރެނީ ޢާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނުގައި

  • ރައްކާތެރިވުމަށް ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުން މުހިންމު

  • ހޮޑުލާއި، ބޭރަށް ހިންގާފައި ހުންނަ ތަންތަން ސާފު ކުރާއިރު، ބްލިޗް އަޅައިގެން ސާފުކުރުން މުހިންމު

  • މި ވައިރަހުގެ އަލާމާތްތަކުގެ ތެރޭގައި، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިއްސުން ހިމެނޭ

މާލެ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ރޯގާ އަކީ ނޯރޯ ވައިރަހުގެ ސަބަބުން ފެތުރޭ ރޯގާއެއްކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން ވިދާޅުވެއްޖެއެވެ. އެޗް.ޕީ.އޭއިން މިކަން ހާމަކުރައްވާފައި މިވަނީ ބޭރަށް ހިންގުމާއި، ހޮނޑުލުމުގެ ރޯގާއެއް މާލޭ ސަރަޙައްދުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ދަނޑިވަޅެއްގައެވެ.

އެޗް.ޕީ.އޭ އިން ވިދާޅުވީ، މާލޭ ސަރަހައްދުގައި މިހާރު ފެތުރެމުންދާ ނޯރޯ ވައިރަހަކީ ވަރަށް ހަލުވިކަމާއިއެކު، ފެތުރެމުންދާ ވައިރަހެއްކަމަށެވެ. ޚާއްސަކޮށް ބަންދުކޮށް ހުންނަ ތަންތަނުގައްޔާއި، މީހުން ޢާންމުކޮށް އެއްވެ ތިބޭ ތަންތަނުގައި، ވަރަށް އަވަސްކަމާއިއެކު މި ވައިރަސް ފެތުރޭނެކަމަށް، މި ބަޔާނުގައި ހާމަކޮށްފައިވެއެވެ.

މި ރޯގާއިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތައް:

މި ރޯގާއިން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނަގިނައިން އަތް ދޮވުން މުހިންމުކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ. އަދި ހަމައެކަނި ހޭންޑް ސެނެޓައިޒަރ ބޭނުންކުރުމުން މި ވައިރަހުން ރައްކާތެރި ނުވާނެކަމަށާއި، މި ވައިރަހުން ރައްކާތެރިވުމަށް އެދޭނަމަ، ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް، އެޗްއޕީއޭއިން ވިދާޅުވެއެވެ. މީގެ އިތުރަށް، ހޮޑު ނުވަތަ ބޮޑު ކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފު ކުރާއިރު ސަމާލުވުމަށްވެސް، އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފައެވެ.

އެޗް.ޕީ.އޭއިން އިތުރަށް ފާހަގަކުރައްވާ ގޮތުގައި، ހޮޑުލާ، ބޮޑު ކަމުގޮސްފައި ހުރި ތަންތަން ސާފު ކުރާއިރު، ޓިޝޫ ނުވަތަ ޕޭޕަރ ޓަވަލް ބޭނުންކޮށްގެން ސާފުކުރުމަށްފަހު، އެ ތަކެތި ރައްކާތެރި ގޮތުގައި އުކާލުން މުހިންމެވެ. އަދި އެތަން ބްލީޗް އަޅާފައި 5 މިނެޓު ވަންދެން ބެހެއްޓުމަށްފަހު، އަދި އެއްފަހަރު ބްލީޗް އަޅައިގެން ސާފުކޮށް، ސައިބޯނި ނުވަތަ ދޮންނަ ސޮލިއުޝަން ފަދަ އެއްޗެއް ބޭނުންކޮށްގެން ސާފުކުރުމަކީ މުހިންމުކަމެއްކަމަށް އެޗްޕީއޭއިން ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރި ނުވުމުގެ އިތުރަށް، ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަކީވެސް، މި ވައިރަހުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް، އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

ރޯގާގެ އަލާމާތްތަކާއި، ރައްކާތެރިވުމަށް އަމިއްލަ ފަރުދުންނަށް އެޅިދާނެ ފިޔަވަޅުތައް:

ނޯރޯ ވައިރަހުގެ ސަބަބުން މިހާރު ފެތުރޭ ރޯގާގެ އަލާމާތްތަކުގެ ތެރޭގައި ގިނަގިނައިން ބޭރަށް ހިންގުމާއި، ހޮނޑުލުމުގެ އިތުރަށް، ބަނޑުގައި ރިއްސުންފަދަ ކަންކަން ހިމެނެއެވެ.

ނޯރޯ ވައިރަހުން ރައްކާތެރިވުމަށްޓަކައި، އެޗްޕީއޭއިންވެސް ފާހަގަކުރައްވާފައިވާ ގޮތަށް ރަނގަޅަށް ސައިބޯނި ލައިގެން އަތް ދޮވުމާއިއެކު، އެކިކަހަލަ މޭވާ އާއި ތަރުކާރީ ކާއިރު ރަނގަޅަށް ދޮވެގެން ކެއުން މުހިންމެވެ. އަދި ބަލިވެއްޖެނަމަ ގޭގައި މަނޑުކުރުމާއި، ބަލީގެ އަލާމާތްތައް، މީހާގެ ކިބައިން ފިލުމަށްފަހު، ދެ ދުވަސް ވަންދެން ގޭގައި މަޑުކުރުމަކީވެސް މުހިންމު ކަމެކެވެ.

ހަމައެހެންމެ ބަލިނަމަ، އެހެންނަމީހުންނަށް ކާތަކެތި ތައްޔާރުކުރުމުން ދުރެވެ ހުރުމަކީވެސް، އެހެންމީހުން ވައިރަހުން ރައްކާތެރިކޮށްދިނުމުގެ ގޮތުން އަމިއްލައަށް އެޅިދާނެ، ފިޔަވަޅެކެވެ.

މި ވައިރަސް ފެތުރެނީ ކިހިނެއް:

މި ވައިރަސް ފެތުރޭ ގޮތަށް ބަލާލާއިރު، ޢާންމު ގޮތެއްގައި މި ވައިރަސް ފެތުރެނީ، މި ވައިރަސް ޖެހިފައި ހުރި މީހަކު ހަދާ ކެއުމެއް ނުވަތަ ބުއިމެއް، އެހެންމީހަކު ބޭނުންކުރުމުގެ ސަބަބުންނެވެ. އަދި ވައިރަސް ހުރި ތަނެއްގައި އަތްލާއި، އަތްނުދޮވެ، އަނގަޔަށް އަތްލުމާއި، ކެއުމުގެ ސަބަބުންވެސް މި ވައިރަސް ޖެހިދާނެއެވެ. އެހެންވުމާއިއެކު، އަނގަޔަށް އަތްލުން، ވީވަރަކުން މަދުކުރުމަކީ މުހިންމު ކަމެކެވެ.

މި ރޯގާ އާއި ގުޅިގެން މި ހަފްތާ ތެރޭ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ޑޮކްޓަރަށްވެސް ދައްކާފައެވެ. އެގޮތުން، ޑޮކްޓަރަށް ދެއްކި ފަރާތްތަކުގެ ތެރެއިން، ގިނައީ ކުޑަކުދިންކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

މި ވައިރަހާއި ގުޅިގެން، ބައެއް ފަރާތްތަކުން ވަނީ މި ވައިރަސް ފެތުރެނީ ކެވޭ އެއްޗަކުންކަމަށް ބުނެ، ވާހަކަ ފަތުރާފައެވެ. އެހެންނަމަވެސް، އެޗްޕީއޭއިން ވަނީ މިކަން ދޮނގުކުރައްވާފައެވެ. އެޗްޕީއޭއިން ވިދާޅުވީ މި ރޯގާއަކީ ވައިރަސްއެއްގެ ސަަބަބުން ފެތުރެމުންދާ ރޯގާއެއްކަން މިހާތަނަށް ހެދި ޓެސްޓްތަކުން ދައްކާކަމަށެވެ. އަދި އެއީ ކާއެއްޗެއްގެ ސަބަބުން ފެތުރުނު ރޯގާއެއްކަން ހާމަވާ ހެއްކެއް ނެތްކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.