ޖަޕާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހަޔާޝީ ޔޮޝިމާސާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގެންފިއެވެ. އެމަނިކުފާނު ރާއްޖެވަޑައިގަތީ ރޭގެ ވަގުތެއްގައެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރ ހަޔާޝީ ޔޮޝިމާސާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޚަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރ ރާއްޖެއަށް މި ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުالله ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.
FM Hayashi arrived at the #VelanaAirport. Thank you State Minister Ahmed Khaleel for kindly receiving the delegation. @MoFAmv pic.twitter.com/691xOPYY4z
— Embassy of Japan in Maldives (@JapaninMaldives) July 29, 2023
މިނިސްޓަރ ހަޔާޝީގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނުގެ ސިޔާސީގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓްތަކަށް ދެޤައުމުން ވެސް 90 ދުވަހުގެ މުއްދަތަކަށް ވިސާ އާ ނުލައި އެތެރެވުމާ ގުޅޭ ލިޔެކިއުންތަކެއް ބަދަލުކުރެއްވުމާއި، ރާއްޖެއާއި ޖަޕާނާ ދެމެދު ކުރިއަށްގެންދާ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ދޭ ސްކޮލަރޝިޕް ޕްރޮގްރާމާއި ގުޅޭ ލިޔެކިޔުންތައް ބަދަލުކުރައްވާނެއެވެ. ހަމައެހެންމެ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ބޭނުންވާ ފަޔަރ ބޯޓާއި އައިސީޓީ އިކުއިޕްމަންޓް ޙަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެހެންމެ އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން ޢިމާރާތްކުރި ކަލާފާނު ސްކޫލަށާއި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ސީވޯލް ޓެޓްރާޕޮޑް މޮނިއުމެންޓަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅަކީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖަޕާނުގެ ކުރީގެ ފޮރިން މިނިސްޓަރ ތާރޯ ކޯނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށްފަހު ޖަޕާނު ސަރުކާރުގެ އިސް އޮފިޝަލަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރަށް 56 އަހަރު ފުރޭނެއެވެ.