ސާފުބޯފެނާއި ރައްކަތެރި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އަސާސީ ހައްޤެކެވެ. މިހާތަނަށް އައިއިރުވެސް މި ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކޮށްފައެއް ނެތެވެ.
ރަށްރަށުގެ ފެން ފަށަލަ ތަޣައްޔަރުވުމާ ގުޅިގެން އެ ފެން ބޭނުން ނުކުރެވޭ ހާލަތަށްގޮސްފައިވާ ކިތަންމެ ރަށެއް އެބައޮތެވެ. އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން ގޯތިތެރޭގައި ޖަންގްޝަންތައް ހަދާ ފެން ހިންދުމުގައި ރައްޔިތުން ދިޔައީ ބޮޑެތި ތަކުލީފުތައް އުފުލަމުންނެވެ. އެހެންނަމަވެސް މިއަދު އެ ހާލަތް މާޒީއަށް ހިނގައްޖެއެވެ. ރަށްރަށުގައި ފެނާ ނަރުދަމާގެ ޤާއިމުކުރުމުގެ މަސައްކަތް ފަށާ ބައެއް ރަށްތަކުގައި އެ މަސައްކަތް ވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ. މީގެ ތެރެއިން ރ. ފައިނުގެ ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތަސް ގޮސްފައެވެ. ފައިނުގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތަށް 63.3 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
ރާއްޖޭގެ ގިނަ ރަށްތަކާ އެއްގޮތަށް ރ. ފައިނުގައިވެސް ޒަމާނުއްސުރެ ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ ސަަބަބުން ރައްޔިތުން ދިޔައީ ގޯތިތެރޭގައި ޖަންގްޝަންތައް ހަދާ ފެންހިންދަމުންނެވެ. އަދި އެ ޖަންގްޝަންތައް ފުރުމުގެ ސަަބަބުން އެ ސާފުކުރުމަކީ ބޮޑު ތަކުލީފެކެވެ. ފެންވެރުމަށާއި އެހެނިހެން ކަންކަން ކުުރުމަށް ބޭނުންކުރާ ފެނުގެ ސާފުކަމާއި ރައްކާތެރިކަމާމެދު ރައްޔިތުންގެ ހިތުގައި އޮތީ ސުވާލު އުފެދިފައެވެ.
ރަށުގެ ފެން ފަށަލަ ތަޣައްޔަރުވެ ފެނުގައި ނުބައިވަސްވެސް ދުވަން މެދުވެރިވެއެވެ. މި މައްސަލަ ހައްލުކުރުމަށް އާބާދީގެ ކުޑަބޮޑު މިނެއް ބެލުމެއް ނެތި ފޯރުކޮށްދެމުން އަންނަ އަސާސީ ޚިދުމަތުގެ ތެރެއިން ފައިނުގައިވެސް ފެނާ ނަރުދަމާ ނިޒާމް އެޅުމުގެ މަސައްކަތް 2019 ވަނަ އަހަރުން ފެށިގެން އަންނަނީ ކުރަމުންނެވެ. މިގޮތުން މިހާރު އެރަށުގައި މި ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިންމާލާފައެވެ.
ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން 4.86 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ޤާއިމްކޮށް ގޭބިސީތަކަށް ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ޕަމްޕްސްޓޭޝަން ޤާއިމްކޮށް ސީ އައުޓްފޯލެއް އަޅައި 1.53 ގެ ޕަންޕިން މެއިންއެއް ޤާއިމްކުރުންވެސް ހިމެނެއެވެ. އެގޮތުން މިހާރު އެ މަސައްކަތު %63 ގެ މަސައްކަތް ވަނީ ނިންމާލާފައެވެ.
މީގެ ތެރޭގައި ޕައިޕްލައިން ހިމެނޭހެން މަސައްކަތުގެ މުހިންމު ކަންކަން ވަނީ ނިންމާލާފައެވެ. އަދި ސީ އައުޓްފޯލް އެޅުމަށް ބޭނުންވާ ސާމާނު މިހާރު ހުރީ ގެނެސްފައެވެ. ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ހުރިހާ މަސައްކަތްތަކެއް ވަނީ ނިންމާލާފައެވެ. މިހާރު ކުރަމުން އަންނަނީ ކަމިޝަން ކުރުމުގެ މަސައްކަތެވެ.
ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރު މަނިކު ވިދާޅުވީ، މި ޚިދުމަތަކީ ރަށުގެ ރައްޔިތުންނަށް މިހާރު ބޭނުންވެފައިވާ އެންމެ މުހިންމު ޚިދުމަތްކަމަށެވެ. އަދި އޯގަސްޓްމަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
"ޕަމްޕް ސްޓޭޝަންގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް އެބަދޭ. އާރްއޯ ޕްލާންޓްގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. ރެއިން ވޯޓާގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އުއްމީދު މިކުރަނީ ވަރަށް އަވަހަށް މި މަސައްކަތް ނިމޭނެކަމަށް." މޫސާ ޢުމަރު މަނިކު ވިދާޅުވިއެވެ.
ފައިނުގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން އެރަށުގައި 5.38 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ޤާއިމްކޮށް ފެނުގެ ނިޒާމް ގުޅަން ބޭނުންވާ ގެތަކަށް ކަނެކްޝަން ގުޅައިދޭނެއެވެ. އަދި ދުވާލަކު 20 ޓަނުގެ ފެން އުފެއްދޭ ވަރުގެ 2 އާރުއޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
480 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ފައިނުގައި ރައްކާތެރި ފެނާއި ނަރުދަމާ ނިޒާމެއް ޤާއިމުވެފައި ނެތުމަކީ އެ ރަށު ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި ރަށުގެ ރައްޔިތުން ތިބީ މިކަމަށް އަވަސް ޙައްލެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.