ޚަބަރު

އޮންލައިންކޮށް ރީ ރެޖިސްޓްރީވުމުގެ ފުރުޞަތު މިރޭ 12:00އަށް ހަމަވާނެ


  • ރީ-ރެޖިސްޓްރޭޝަންގެ ފުރުޞަތު ހުޅުވާލީ ޖުލައި މަހު 16ވަނަ ދުވަހު

  • އޮންލައިންކޮށް ފޯމު ހުށައެޅޭނީ މިރޭ 12:00އާއި ހަމައަށް

  • ކަރުދާސް ފޯމުގައި، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅޭނެ

އޮންލައިންކޮށް ރީ-ރެޖިސްޓްރޭޝަން އަށް ހުށައެޅޭނެ އެންމެ ފަހު ވަގުތަކީ މިރޭގެ 12:00އާއި ހަމައަށްކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެއެވެ.

ރިޔާސީ އިންތިޚާބުގައި، އަމިއްލަ އުފަން ރަށް ނޫން އެހެން ތަނަކަށް ވޯޓުލާ ފަރާތްތަކުން ރީ-ރެޖިސްޓަރވުމަށް ހުޅުވާލީ ޖުލައި 16ވަނަ ދުވަހުން ފެށިގެންނެވެ.

މިފަހަރު ރީޖެސްޓްރީވުމުގެ ފުރުޞަތު ދެ ގޮތަށް އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. އެއީ އޮންލައިންކޮށާއި، ފޯމު ހުށައަޅައިގެންނެވެ. އޮންލައިންކޮށް ހުޅުވާލުމަށް ނިންމީ، އެމީހަކު ތިބި ތަނެއްގައި ތިބެގެން ފަސޭހައިން ރެޖިސްޓްރީ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ. އަދި ވިހާވެސް ގިނަ ބަޔަކު އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ބޮޑުކުރުމަށެވެ.

އޮންލައިންކޮށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ، ރީ ރެޖިސްޓްރޭޝަން މުއްދަތު ހަމަވުމުގެ އެއް ހަފްތާ ކުރިއާއި ހަމައަށެވެ. މި ފުރުޞަތު މިރޭގެ 12:00އާއި ހަމައަށަ ހަމަވާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ މިގޮތަށް ހަމަޖެއްސީ، ފަހު ވަގުތު އޮންލައިންކޮށް ފޯމު ހުށައަޅަން ފުރުޞަތު ދީފިނަމަ މައްސަލައެއް ދިމާވެގެން ފޯމު ހުށަނޭޅިދާނެ ޙާލަތެއް ކުރިމަތިވެދާނެތީކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ނިންމާފައިވާގޮތުން، މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެއަށް ރީ ރެޖިސްޓްރީކޮށް ވޯޓުލީ މީހުން، ރިޔާސީ އިންތިޚާބުގައިވެސް މާލެއަށް ވޯޓުލާނަމަ އަލުން ރެޖިސްޓްރީވާކަމަށް ނުޖެހޭނެއެވެ. ނަމަވެސް ރެޖިސްޓްރީވެފައިވާ ތަން ކަށަވަރުކުރުމަށް އިލެކްޝަން ކޮމިޝަނުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން VR ސްޕޭސް، އައިޑީ ކާޑް ނަންބަރު ޖެއްސެވުމަށް ފަހު، 1414 އަށް މެސެޖްކުރުމުން އެމީހަކު ރެޖިސްޓްރީވެފައި އޮތް ފޮށީގެ މަޢުލޫމާތު ލިބޭނެއެވެ.

ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލާ މިވީ ދެ ހަފްތާގެ ތެރޭގައި މިހާތަނަށް 11900 އަށްވުރެ ގިނަ މީހުން ވަނީ ރެޖިސްޓަރކޮށްފައެވެ.

އޮންލައިންކޮށް ރީރެޖިސްޓްރީ ކުރެވޭ ފުރުޞަތު މިރޭގެ 12:00އާއި ހަަމައަށް އޮތް ނަމަވެސް، ކަރުދާސް ފޯމުގައި ރީ ރެޖިސްޓްރޭޝަންއަށް ހުށައަޅާ ފަރާތްތަކަށް، އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ފޯމު ހުށައެޅޭނެއެވެ.

މިހާތަނަށް އިލެކްޝަނަލަށް ހުށައެޅި ފޯމުތަކުގެ ތެރޭގައި، 3300އަށްވުރެ ގިނަ މީހުން ރީ ރެޖިސްޓްރޭޝަނަށް އެދިފައިވަނީ ކަރުދާސް ފޯމު ހުށައަޅައިގެންނެވެ. 8600އަށްވުރެ ގިނަ މީހުން ވަނީ އޮންލައިން ފޯމު ހުށައަޅާފައެވެ.

އިލެކްޝަން ކޮމިޝަނުން ދަނީ، ވީހާވެސް އަވަހަށް ރީ-ރެޖިސްޓްރޭޝަނަށް ހުށައަޅާ ނިންމުމަށް އެދެމުންނެވެ.

ވޯޓު ފޮށި ބަހައްޓާ އަދަދާއި ތަންތަން ކަށަވަރު ވާނީ ރީރެޖިސްޓްރޭޝަން މަރުޚަލާއަށް ފަހުގައެވެ. ޚާއްސަކޮށް ރިސޯޓްތަކާއި، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާ ޤައުމުތަށް ކަށަވަރު ވާނީ، އެ އަދަދުތަކަށް އީރެޖިސްޓްރޭޝަން ލިބުމުންނެވެ.