ކުޅިވަރު

ވަކި އަދަދަކަށް މެޑަލް ހޯދުމުގެ ވިސްނުމެއް ނެތް: ތަމޫ


މި މަހުގެ 23 ވަނަ ދުވަހު މަޑަގަސްކަރައިގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ވަކި އަދަދަކަށް މެޑަލް ހޯދުމުގެ ވިސްނުމެއް ނެތް ކަމަށާއި, ރާއްޖޭގެ އަމާޒަކީ އެންމެ ފަހުން ބޭއްވި ގޭމްސްގައި ހޯދުނު ކާމިޔާބީ އަށްވުރެ ރަނގަޅު ކާމިޔާބެއް ހޯދުން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް އަޙްމަދު ސައީދު (ތަމޫ) ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ގެނެސްދިން ކުޅިވަރު ވިންދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ތަމޫ ވިދާޅުވީ ޓީމު ކުޅިވަރުތަކަށް ވުރެ ބޮޑަށް މި ފަހަރުގެ ގޭމްސްގައި ރާއްޖެއިން ވަކިވަކި އެތުލީޓުންނާ މެދު އުއްމީދު ބޮޑު ކަމަށެވެ. އެގޮތުން ޓީމު ކުޅިވަރިތަކުން ދިގު މުއްދަތެއް ރާއްޖެއިން ބޭރުގައި ތަމްރީނު ހެދުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރައްވައި ތަމޫ ވިދާޅުވީ އެގޮތަށް ދުނިޔޭގެ ފެޑެރޭޝަންތަކުންވެސް ލަފާ ނުދެއްވާ ކަމަށެވެ.

ތަމޫ ވިދާޅުވީ އައިއޯއައިޖީއަށް ތައްޔާރުވުމުގެ ގޮތުން މި ވަގުތު ރާއްޖޭގެ އެތުލީޓީން ރާއްޖެއިން ބޭރުގައި ތަމްރީނު ހަދަމުން އަންނަ ކަމަށާއި، ބޭރުގައި ތަމްރީނު ހަދަމުން އަންނަ އެތުލީޓުންގެ ޓައިމިންނާ އެންމެ ފަހުގެ ނަތީޖާތަކުން ރާއްޖޭގެ ޓީމާ މެދު އުއްމީދު ބޮޑު ކަމަށެވެ. އަދި ވަކި އަދަދަކަށް މެޑެލް ހޯދުމަށް މި ފަހަރު އަމާޒުކޮށްފައި ނުވި ނަމަވެސް، ރާއްޖެއިން އެންމެ ފަހުން ހޯދި ކާމިޔާބީއަށް ވުރެ ރަނގަޅު ވަނަތެކެއް ލީބޭތޯ މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.

"
އަޅުގަނޑުމެންގެ އުއްމީދަކީ، އަދި ކުޅިވަރާ ބެހޭ ވުޒާރާގެވެސް އޮލިމްޕިކް ކޮމިޓީގެވެސް އުއްމީދަކީ ރަނގަޅު ވަނަތަކެއް، ޕޯޑިއަމް ފިނިޝިން އެތުލީޓުންތަކެއް ބިނާކުރުން.
އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫޙް އަޙްމަދު ސައީދު

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން އެންމެ ބޮޑަށް މިހާރު މަސައްކަތްކުރަމުން ދަނީ އޮލިމްޕިކް ހައުސްއެއް ގާއިމުކުރުމަށެވެ. އެކަން ފާހަގަކުރައްވައި ތަމޫ ވިދާޅުވީ ހައި ޕާފޯމެންސް ސެންޓަރެއްގައި ތަމްރީނު ހެދުމުން، ރާއްޖޭ އެތުލީޓުންނަށް އަންނަ ކުރިއެރުން ފާހަގަވެފައިވާ ކަމަށެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އައިއޯއައިޖީގައި ރާއްޖެއިން ވަނީ 15 މެޑެލް ހޯދާފައެވެ.