ޚަބަރު

ގެވެށި އަނިޔާ ތަޙައްމަލް ކުރަމުންދާ ފަރާތްތަކަށް، މިއަދުން ފެށިގެން ވަކީލެއްގެ އެހީތެރިކަން


  • ގެވެށި އަނިޔާ ތަހައްމަލް ކުރާ ފަރާތްތަކަށް މިއޮގަސްޓު މަހު 1 އިން ފެށިގެން ވަކީލެއްގެ ޚިދުމަތް ލިބޭނެ

  • މި ޚިދުމަތް ހޯދުމަށް ބޭނުންވާ ފޯމު އެފްޕީއޭގެ ވެބްސައިޓުންވެސް ލިބޭނެ

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް މީހުންނަށް ޤާނޫނީ ވަކީލެއްގެ ޚިދުމަތް ދެއްވަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފައްޓަވައިފިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވިދާޅުވީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުދުންތެރިކަން ނެތް މީހުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ ޤާނޫނުގައިވާ ގޮތުގެ މަތިން އެފަރާތަކަށް އެއެހީތެރިކަން މިއަދުން ފެށިގެން ފޯރުވައިދެއްވާނެ ކަމަށެވެ. އަދި ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީންނާއި އެއޮތޯރިޓީގެ ވެބްސައިޓުން ލިބޭނެއެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޤާނޫނުން ލިބިދޭ ރައްކާތެރިކަން ފޯރުކޮށްދީ، މުޖުތަމަޢުގައި އަމާންކަމާއިއެކު އެފަދަ ފަރާތްތައް ދިރިއުޅުމަށް މަގުފަހި ކުރުމުގެ ގޮތުން އެކަށީގެންވާ އަވަސްމިނެއްގައި އަދުލު އިންސާފު ހޯދޭނެ މަގު ތަނަވަސްކުރުމަކީ ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ދައުލަތުގެ މައްޗަށް މަތިކުރައްވާފައިވާ ޒިންމާއެކެވެ. ނަމަވެސް މިފަދަ ފަރާތްތަކަށް އިންސާފު ހޯދާދިނުމަށް އެކިއިދާރާތަކުންނާއި އަމިއްލަ ޖަމްއުިއްޔާތަކުން ފާއިތުވި 11 އަހަރު ތެރޭގައި މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް ޤާނޫނުގައިވާ ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ތެރެއިން މާލީ ފުދުންތެރިކަން ނެތް ފަރާތްތަކަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިފައިވާ މަސައްކަތްތައް މަދުކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފާހަގަކުރައްވައެވެ. އަދި މިފަދަ ފަރާތްތަކަށް އަދުލު އިންސާފާ ހިސާބަށް ވާސިލުވުމަށް އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފާހަގަކުރައްވައެވެ.

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުން އަސަރަުުތަކެއް ތަހައްމަލް ކުރާ ބަޔަކަށްވާއިރު އެކަށިގެންވާ އަވަސް މިނެއްގައި އެފަރާތްތަކަށް އިންސާފު ހޯދާދިނުމަށް ލިބެންޖެހޭ ޤާނޫނީ ލަފައާއި އެހީތެރިކަން ލިބިދިނުމަކީ މުހިންމު ކަމެއް ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފާހަގަކުރައްވައެވެ.