ޚަބަރު

ޔާމީންގެ ކެނޑިޑަސީ މައްސަލަ ސުޕްރީމްކޯޓަށް


  • - ސުޕްރީމްކޯޓަށް މައްސަލަ ހުށައެޅީ މިއަދު

  • - އިސީން ނިންމެވީ ގާނޫނު އަސާސީގެ 109 ވަނަ މައްދާގައި ބުނާ ޝަރުތު ފުރިހަމަ ނުވާކަމަށް

  • - ސުޕްރީމްކޯޓުން 7 ދުވަސްތެރޭ މައްސަލަ ނިންމަވަންޖެހޭ

ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ އިލެކްޝަން ކޮމިޝަނުން ބަލައި ނުގަތް މައްސަލަ ޕީޕީއެމުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

އަންނަމަހުގެ 9 ވަނަ ދުވަހު ބާއްވާ ބާއްވާ އިންތިޚާބުގައި ވާދަކުރުމަށް ރައީސް ޔާމީންގެ ކެނޑިޑަސީ ހުށައެޅުއްވީ އިއްޔެ އެވެ. އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީންގެ ކެނޑިޑަސީ ބަލައިނުގަތުމަށް ނިންމަވާފައިވާ ނިންމުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރުމަށް ގާނޫނޫ އަސާސީގައި ބުނާ ޝަރަތު ރައީސް ޔާމީންގެ ކިބައިގައި މިވަގުތު ފުރިހަމަ ނުވާކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފުކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑަސީއާއ މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނުނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.