ޚަބަރު

އިންތިޚާބާއި ގުޅޭ މައްސަލަތައް ބެލުމާއި ގުޅޭގޮތުން ޓްރެއިނިންގ ސެޝަންތަކެއް


  • އިންތިޚާބާއި ގުޅޭ މައްސަލަތައް ބެލުމާއި ގުޅޭގޮތުން ޓްރެއިނިންގ ސެޝަންތަކެއް އީސީގައި ކުރިއަށްދަނީ

  • އީސީގެ އިތުރުން 5 މުއައްސަސާއެއް މި ސެޝަންތަކުގައި ބައިވެރިވޭ

  • މިއީ އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ސެޝަންތަކެއް

ކުރިއަތް އޮތް ރިިޔާސީ އިންތިޚާބާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭގޮތުން ޢަމަލުކުރާނެގޮތުގެ ޓްރެއިނިންގ ސެޝަންތަކެއް އިލެކްޝަންސް ކޮމިޝަނުން ކުރިއަށްގެންދަވައިފިއެވެ.

މި ޓްރެއިނިންގ ސެޝަންތަކުގައި އިލެކްޝަންސް ކޮމިޝަންގެ އިތުރުން ރާއްޖޭގެ އިތުރު 5 މުއައްސަސާއެއް ބައިވެރިވާނެއެވެ. އެއީ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހާއި، ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލާއި އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންއެވެ.

މި ޓްރެއިނިންގ ސެޝަންގެ ބޭނުމަކީ އެކި މުއައްސަސާތަކަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްފަހު، އެ މުއްސަސާއަކުން އަމަލުކުރާނީ ކިހިނެއްކަމާއި، އިލެކްޝަނަށް އެ މައްސަލަ ހުށަހެޅުމުގައި ޢަމަލުކުރަންވީ ގޮތާއި ގުޅޭގޮތުން އިރުޝާދުދިނުމާއި، މަޝްވަރާކުރުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި ދެފުށް ފެންނަ އިންތިޚާބަކަށް، ކުރިއަށްއޮތް ރިޔާސީ އިންތިޚާބު ހެދުމަކީވެސް މި ޓްރެއިނިންގ ސެޝަންތައް ކުރިއަށްގެންދިއުމުގެ ބޭނުމެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އަލްއުސްތާޛާ ހުޒައިމާ ތައުފީޤް ވިދާޅުވީ، މި ޓްރެއިނިންގ ސެޝަންއަކީ 1 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ ޓްރެއިނިންގ ސެޝަނެއްކަމަށެވެ. އަދި މީގެ އިތުރުންވެސް، އެކި މުއައްސަސާތަކާއި ކޮމިޝަނާއި ދެމެދު މަޢުލޫމާތު ބަދަލުކުރެވުން ކުރިއަށްދާނެކަމަށްވެސް، އީސީގެ ޑެޕިއުޓީ ޑިރެކްޓަރ ވިދާޅުވިއެވެ.

ހުޒައިމާ ތައުފީޤް ވިދާޅުވީ، މި ސެޝަންގައި އިންތިޚާބާއި ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހިއްސާ ކުރާނަމަ، އެ ޝަކުވާއެއް ބެލުމާއި ބަލައިގަތުމުގައި އެކި މުއައްސަސާތަކުން ޢަމަލުކުރައްވާނެ ގޮތާއި، އަދި އިލެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގައިވެސް އެހެން މުއައްސަސާތަކަށް މައްސަލަ ހިއްސާ ކުރުމުގައި ޢަމަލުކުރާނެ ގޮތާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާނެކަމަށެވެ. އިންތިޚާބާއި ގުޅޭގޮތުން މައްސަލައެއް އަތުވެއްޖެނަމަ، ރިޔާސީ އިންތިޚާބުތަކާއި ގުޅޭ ޤަވާޢިދުގައި އޮންނަ ގޮތުން ދެ ދުވަހުގެ ތެރޭގައި އެ މައްސަލައަކަށް ޖަވާބު ދޭންޖެހޭނަކަމަށްވެސް ހުޒައިމާ ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގެ ޢާންމު ޤާނޫނުގައި އޮންނަ ގޮތުން 5 ދުވަހުގެ ތެރޭ މިފަދަ މައްސަލަތަކަށް ޖަވާބު ދޭންޖެހޭނެކަމަށް ހުޒައިމާ ފާހަގަކުރެއްވިއެވެ.

"ޚާއްސަކޮށް އިންތިޚާބާއި ގުޅޭ ކަންކަމުގައި މި ހުންނަނީ މުއްދަތު ކަނޑައެޅިފަ، ދެ ދުވަހުގެ ތެރޭގައި (އަޅުގަނޑުމެން) ޖަވާބު ދޭންޖެހޭ، ރިޔާސީ އިންތިޚާބުގެ ޤަވާޢިދު ބުނާ ގޮތުން. ދެން އިންތިޚާބާއި ގުޅޭ ޢާންމު ޤާނޫނުތައް ބުނާ ގޮތުން 5 ދުވަހުގެ ތެރޭގައި ޖަވާބު ދޭން ޖެހޭ. އެހެންވީމަ މި މުއްދަތުގެ ތެރޭގައި ޖަވާބު ދިނުމަށްޓަކައި އަޅުގަނޑުމެން އެކީގައި މަސައްކަތް ކުރެވިފައި ހުރުން އަދި އަވަހަށް އެ މައްސަލަތަކަށް ޖަވާބު ދޭނެގޮތެއް ޔަޤީންކުރެވިފައި އޮތުން އެއީ ވަރަށް މުހިންމު ކަމެއް." ހުޒައިމާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މުއައްސަސާތަކާއި ގުޅިގެން ޓްރެއިނިންގ ސެޝަންތަކެއް ކުރިއަށް ގެންދަމުންދާއިރު، މިދިޔަމަހުގެ 15 އިން 21 އަށް، އިލެކްޝަނަށް ބޭނުންވާ އޮފިޝަލުން ތަމްރީނުކުރުމަށްޓަކައި ޓްރެއިނަރުން އުފެއްދުމުގެ ޕްރޮގުރާމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އިލެކްޝަނަަށް ބޭނުންވާ އޮފިޝަލުން ތަމްރީނުކުރުން، އަތޮޅުތެރެ އާއި މާލޭގައި މިހާރު ދަނީ ކުރިއަށްގެންދަމުންނެވެ.

އަންނަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު އިލެކްޝަނުން ހުޅުވާލީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ. އިންތިޚާބަށް ވާދަކުރެއްވުމަށް ހުޅުވާލި ފުރުޞަތު މިމަހުގެ 7 ވާ ހޯމަށް ދުވަހަށް ހަމަވާނެއެވެ. އަންނަ ރިޔާސީ އިންތިޚާބު ބޭއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަމަހުގެ 9 ވަނަ ދުވަހުއެވެ.