އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަކުރަން ފުރުސަތު ނުލިބިއްޖެނަމަ ޕީޕީއެމުން އިތުރު މީހަކު ނެރުމަށް ވަގުތު ދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމްކޯޓްގައި އެދިވަޑައިގެންފިއެވެ.
އަންނަމަހުގެ 9 ވަނަދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނަން ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލެއްވި ފުރުސަތު އަންނަ ހޯމަދުވަހަށް ހަމަވާނެއެވެ.
ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ނަން ޕީޕީއެމުން ހުށައެޅުމުން އިލެކްޝަންސް ކޮމިޝަނުން، އެމަނިކުފާނުގެ ޝަރުތެއް އުނިވެފައިވާކަމަށް ކަނޑައަޅާ ކެނޑިޑަސީ ބަލައި ނުގަތުމަށްވަނީ ނިންމަވާފައެވެ. އެ ނިންމުން ސުޕްީމްކޯޓަށް ހުށައެޅުމުން ބޭއްވި ފުރަތަމ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ފާރާތުން 3 ކަމަކަށް އެދިވަޑައިގެންފައިވެއެެވެ. އޭގެެ ތެރޭގައި އިސީގެ ނިންމުން ބާތިލުކުރުމާއި އެކަން އެހެން ނުވެ އެމަނިކުފާނަށް ކުރމަތިނުލެވޭނަމަ އިތުރު މީހަކު ޕީޕީއެމުން ނެރުމަށް ވަގުތު ދެއްވުންވެސް ހިމެނެއެވެ.
ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި އެހެން ބޭފުޅަކަށް ފުރުސަތު ދޭން ޔާމީން ސުޕްރީމްކޯޓުގައި އެދިވަޑައިގެންނެވިއިރު އެމަނިކުފާނަށް ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ކެނޑިޑޭޓެއް ނެރެން ނިންމާ އެޕާޓީން ވަނީ ޑރ. މުހައްމަދު މުއިއްޒަށް ރިޔަސީ ކެނޑިޑޭޓްކަންވެސް އިއްޔެ ދީފައެވެ.
ސުޕްރީމް ކޯޓްގައި ހިނގާ މައްސަލައިގެ ތެރެއަށް ދައުލަތުގެ ބަންޑާރަ ނައިބާއި ޕީޕީއެެމުން ވަނީ ތަަދައްހުލްވެފައެވެ. ބަންޑާރަ ނައިބް މައްސަލައިގެ ތެރެއަށް ވަނީ ސުޕްރީމްކޯޓްގެ އެންގެވުމަށެވެ. ޕީޕީއެމުން މައްސަލައިގެ ތެރެއަށް ވަނީ އެޕާޓީން އަމިއްލައަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ޤާނޫނު އަސާސީ ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއި ކުށެއް ސާބިތުވެގެން އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތްނަމަ އެ ހުކުމެއް ތަންފީޒުކޮށް ނިމުމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.
އިންތިޚާބުތަކާއި ބެހޭ އާއްމު ޤާނޫނު ބުނާގޮތުން ކެނޑިޑެސީއާއި މެދު ސުވާލު އުފެއްދިއްޖެ ނަމަ އެ މައްސަލަ ހުށައެޅޭނީ ހަމައެކަނި ސުޕްރީމް ކޯޓަށެވެ. އަދި މިގޮތަށް ހުށައަޅާ މައްސަލައެއް އެ ކޯޓަށް ހުށައަޅާތާ ގިނަވަގެން 7 ދުވަހުގެ ތެރޭގައި ނިންމަވަންޖެހެއެވެ. އަދި މި ފަދަ މައްސަލަތައް ނިންމަންވާނީ ސުޕްރީމްކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންކަމަށާއި ސުޕްރީމްކޯޓުގެ އެ ނިންމެވުމަކީ އެންމެ ފަހުގެ ނިންމެވުންކަމަށްވެސް ޤާނޫނު އަސާސީގައިވަނީ ބަޔާންކޮށްފައެވެ.