ޚަބަރު

އިންތިޚާބުގައި ވާދަކުރުމަށް ރައީސް ޔާމިންގެ ޝަރުތު ފުރިހަމަނުވޭ: ސުޕްރީމް ކޯޓް


  • - ޔާމީން ޝަރުތު ފުރިހަމަނުވާކަމަށް ކަނޑައެޅީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާޤުން

  • އެއް ސަބަބަކީ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރައްވަން ގެންދެވުން

  • - އަނެއް ސަބަބަކީ ސާބިތު ދަރަންޏެއް އޮތުން

އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ޝަރުތު ފުރިހަމަނުވާކަމަށް ސުޕްރީމްކޯޓުން ނިންމަވައިފިއެވެ. އެކޯޓުން މިގޮތަށް ނިންމެވީ ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައި ނުގަތުމުން އެމަނިކުފާނު ހުށައެޅި މައްސަލާގައެވެ.

މި މައްސަލަ ނިންމާ ސުޕްރީމްކޯޓުގެ 7 ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައި ވަނީ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގެ ބ އަދި ޅ ގައި ބުނާ ޝަރުތު ރައީސް ޔާމީންގެ ކިބައިން އުނިވެފައިވާކަމަށެވެ. ޤާނުނު އަސާސީގެ 109 ވަނަ މާއްދާގެ ބ ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރާ މީހެއްގެ ސާބިތު ދަރަންޏެއް އޮވެގެން ނުވާނެކަމަށެވެ. އެ މާއްދާގެ ޅ ގައި ބުނެފައިވަނީ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމަށް ކުރިމަތިލާ މީހަކީ ޖިނާއި ކުށެއް ސާބިތުވެގެން 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އޮތް މީހަކަށްވާނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ކަނޑައެޅުނު އަދަބު މައާފު ކުރިތާ 3 އަހަރުވެފައިވާ މީހަކަށް ވާންޖެހެއެވެ.

11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ ކެންޑިޑަސީ ބަލައިނުގަތުމަށް އިސީން ނިންމެވި އެއް ސަބަބަކީ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރައްވަން ގެންދެވުމެވެ. އަދި ހުކުމާއި ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާ ކަނޑައެޅިފައިވާ މުއްދަތުގައި ދައްކާފައި ނުވާތީ ސާބިތު ދަރަންޏެއް އޮތްކަމަށްވެސް އީސީން ވަނީ ނިންމަވާފައެވެ.

މި މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ހުށައެޅުއްވި ނުކުތާތަކަށް ކޯޓުން ސުޕްރީމްކޯޓުން ވަނީ ޖަވާބު ދެއްވާފައެވެ. މިގޮތުން ސާބިތު ދަރަނީގެ މައްސަލާގައި ނެގި ނުކުތާއަށް ޖަވާބު ދެއްވަމުން ސުޕްރީމްކޯޓްގެ ހުކުމުގައިވަނީ ރައީސް ޔާމީންނަށް ިއއްވާފއިވާ ޖަލުހުކުމާއި އެކު ދައްކަންޖެހޭ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަންދިން 6 މަސްދުވަހު މުއްދަތު ހަމަވެފައިވާކަމަށެވެ. އަދި އެކަން ކަމާއި ބެހޭ އިދާރާއިން ނާންގާކަމަށް ރައީސް ޔާމީން ކޯޓުގައި ވިދާޅުވިނަމަވެސް އެކަމާއި ގުޅިގެން މީރާއިން ފޮނުއްވި ލިޔުން ރައީސް ޔާމީނާ ކަރެކްޝަނުން ހަވާލުކުރުމުން އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް އެރުވުމަށް އެދި ކަރެކްޝަންސްގެ ލިޔުންތަކުގައި ސޮއިކުރައްވާ ޕިންގަރ ޕްރިންޓް ޖަހާފައިވާކަމަށެވެ.

މީރާގެ ލިޔުން ނުލިބޭކަމަށް ޔާމީން ވިދާޅުވިނަމަވެސް ލިބުނުކަމުގެ ލިޔުމުގައި ވަނީ ސޮއިކުރައްވާފައި

ސުޕްރީމް ކޯޓްގެ ހުކްމުގައިވަނީ ރައީސް ޔާމީންނަށް އިއްވާފައިވާ ޖަލުހުކުމާއި އެކު ދައްކަންޖެހޭ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ދައްކަން ދިން 6 މަސްދުވަހު މުއްދަތު ހަމަވެފައިވާކަމަށެވެ. އަދި އެކަން ކަމާއި ބެހޭ އިދާރާއިން ނާންގާކަމަށް ރައީސް ޔާމީން ކޯޓުގައި ވިދާޅުވިނަމަވެސް އެކަމާއި ގުޅިގެން މީރާއިން ފޮނުއްވި ލިޔުން ރައީސް ޔާމީނާ ކަރެކްޝަނުން ހަވާލުކުރުމުން އެ ލިޔުން އެމަނިކުފާނުގެ ވަކީލުންނަށް އެރުވުމަށް އެދި ކަރެކްޝަންސްގެ ލިޔުންތަކުގައި ސޮއިކުރައްވާ ޕިންގަރ ޕްރިންޓް ޖަހާފައިވާކަން ސުޕްރީމް ކޯޓްގެ ހުކުމްގައި ވަނީ ފާހަގަކުރައްވާފައެވެ.

އެއްވެސް ކޯޓަކުން ފައިސާއެއް ދައްކަން އަމުރުކޮށްފައިވުމަކީ އެ ފައިސާއަކީ އޭނާ ދައްކަންޖެހޭ އެއްޗެއްކަން އެންގެން އޮންނާތީ އެ ފައިސާއެއް ދައްކަންޖެހޭ މުއްދަތުގައި ނުދައްކާ އޮތުމުން އެއީ ސާބިތު ދަރަންޏަކަށް ބަދަލުވެފައިވާކަމަށް ބެލޭނެކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުމުގައިވެއެވެ. އަދި އެ މައްސަލަ މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފުކޮށްފައި އޮތުމަކީ އެ ފައިސާ ދައްކަން ނުޖެހޭ ސަބަބެއްނޫންކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުގައި ވަނީ ބަޔާންކޮށްފައެވެ.

" ޖިނާއީ އުގޫބާތެއްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއާ މެދު މަތީ މަރުހަލާގެ ކޯޓަކުން ވަކި ގޮތަކަށް އަންގާފައި ނުވާ ހާލަތެއްގައި، ކޯޓުން ކަނޑައަޅާފައިވާ ގޮތަށް އެ ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ނުކުރުމުގެ ނަތީޖާ އަކީ އެ ޖޫރިމަނާއަކީ ސާބިތު ދަރަންޏަކަށް ބަދަލުވެގެން ދިއުން. " ސުޕްރީމްކޯޓުގެ ހުކުމްގައިވެއެވެ.

ނިހާއީ ހުކުމަކަށް ވާންޖެހޭތޯ ކުރެވޭ ބަހުސް

މި މައްސަލާގައި އެންމެ ބޮޑު އެއް ބަހުސަކަށްވީ ޤާނޫނު އަސާސީގެ 109 ބުނާ ޝަރުތު ރައީސް ޔާމީންގެ ކިބައިގައި ފުރިހަމަ ނުވާކަމަށް ކަނޑައެޅީ ނިހާއީ ހުކުމެއް އޮތުމުންކަމަށް އެމަނިކުފާނުގެ ވަކީލުން ފާހަގަކުރެއްވި ނުކުތާއަށެވެ. މި ނުކުތާ ރައީސް ޔާމީންގެ ޓީމުން ފާހަގަކޮށްފައިވަނީ ސުޕްރީމް ކޯޓުން މީގެކުރިން ނިންމަވާފައިވާ ބައެއް ނިންމުންތަކާއި ހަވާލާދެއްވާފައެވެ.

މި ނުކުތާއަށް ޖަވާބު ދެއްވަމުން ސުޕްރީމްކޯޓްގެ ހުކުމުގައިވަނީ މީގެކުރިން އެކޯޓުން ނިންމާފައިވާ ނިންމުންތައް ރައީސް ޔާމީން މިހާލަތާ އަޅައި ނުކިޔޭނެކަމަށެވެ. އެގޮތުން އެއީ އެމީހުންގެ ވަޒީފާއާއި ގުޅޭ މައްސަލަތަކެއްކަމަށާއި އެއީ މުސްތަގުބަލުގައި ލިބިދާނެ މަޤާމަކާއި ގުޅޭ މައްސަލައެއް ނޫންކަމަށެވެ.

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނާ ވާހަކަ އެއީ ނިހާއީ ހުކުމެއް ގޮތުގައި މާނަނުކުރެވޭނެކަމަށްވެސް ސުޕްރީމްކޯޓްގެ ހުކުގައިވެއެވެ. އެގޮތުން އެ މާއްދާ ފާސްކުރުމުގައި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ކޮމެޓީގެ ނިޔަތަކީ ޖަލުގައި ހުކުމެއް ތަންފީޒުކުރާ މީހުންނަށް އެފުރުސަތު ނުދިނުންކަމަށެވެ.

އިތުރު ކެނޑިޑޭޓަކު ނެރުމަށް ވަގުތު ދިނުން

ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރެން އިތުރު ފުރުސަތު ދޭން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމަރުކޮށްދިނުމަށް ރައީސް ޔާމީން ވަނީ މައްސަލައިގެ ތެރެއިން އެދިވަޑައިގެންފައެވެ.

އެހެންނަމަވެސް ސުޕްރީމްކޯޓްގެ ނިންމުމުގައި މިކަމަށް ރިއާޔަތްކޮށްފައެއް ނުވެއެވެ. މި ނުކުތާއަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމްކޯޓްގައި ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމަށް އަދިވެސް އޮތްކަމަށެވެ. އަދި މިހާރު ކަނޑައެޅިފައިވާ މުއްދަތަށްވުރެ ތާރީހުތައް ފަސްކޮށްފިނަމަ އިންތިޚާބު ބާއްވަން ޤާނޫނުގައި ކަނޑައެޅިފައިވާ ތާރީހަށް ނުބޭވޭނެކަމަށެވެ. ސަބަބެއްކަމަށް އީސީން ވިދާޅުވީ އަލުން ވޯޓަރސް ލިސްޓް އެކުލަވާލުމާއި ދެން ހުރި އެހެން ހުރިހާކަމަކަށް ފުރުސަތު ދޭންޖެހުމެވެ.

ހުރިހާ ދޮރެއް ރައީސް ޔާމީނަށް ބަންދުވީ، ޕީޕީއެމުން ދެން ހަދާނެ ގޮތެއް

ސުޕްރީމްކޯޓްގެ މިއަދުގެ ނިންމުމާއި އެކު އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހުރިހާ ދޮރެއް މި ވަނީ ރައީސް ޔާމީންނަށް ބަންދުވެފައެވެ.

ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރޭނެކަމުގެ އިޝާރާތެއް އެޕާޓީން ވަނީ ދީފައެވެ. އެހެންނަމަވެސް މިކަން ޕާޓީން ބުނީ ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލާތުގައި ޕީއެންސީ ކެންޑިޑޭޓަކު ނެރެން ނިންމާ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްކަން މާލޭ ސިޓީގެ މޭޔަރ މުހައްމަދު މުއިއްޒަށް ދިނުމަށްފަހުއެވެ.

މުއިއްޒު ވަނީ އެމަނިކުފާނުގެ ރަނިން މޭޓެއްގެ ގޮތުގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވާ އެކަން އިއުލާންވެސް ކުރައްވާފައެވެ.