ރިޔާސީ އިންތިހާބު

ވަގުތު ހަމަވިއިރު ރިޔާސީ ރޭހަށް 8 ކެންޑިޑޭޓުން، މިހާތަނަށް 5 ކެނޑިޑޭޓުންގެ ފޯމް ބަލައިގެންފި


އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް 8 ކެނޑިޑޭޓަކު ފޯމް ހުށަހަޅުއްވައިފިއެވެ.

މީގެ ތެރެއިން ޕާޓީތަކުން ކުރިމަތިލެއްވި ހުރިހާ ކެނޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނުންވަނީ ބަލައިގެންފައެވެ.

ރިޔާސީ އިންތިޚާބަށް ޝަރުޠު ހަމަވާ ކަމަށް ބަލައިގަނެ މިހާތަނަށް ކެނޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ޤަބޫލްކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް މިއަދު ކުރިމަތިލެއްވި، ގާސިމް އިބްރާހީމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި ޑރ. މުހައްމަދު މުއިއްޒުއާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، އިލްޔާސް ލަބީބުއާއި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން، ރިޔާސީ އިންތިޚާބަށް ކުރިމަތި ލެއްވި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހްއާއި، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން، ކުރިމަތި ލެއްވި، މުޙައްމަދު ނާޒިމްއެވެ.

އެކޮމިޝަނުން ވިދާޅުވީ 3 ކެނޑިޑޭޓެއްގެ ކެނޑިޑަސީއާއިމެދު އަދި ގޮތެއް ނުނިންމަވާކަމަށެވެ. އެ 3 ކެނޑިޑޭޓުންނަކީ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާނެކަން އިޢުލާންކުރައްވާފައިވާ ފާރިސް މަޢުމޫން އާއި މިސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ޙަސަން ޒަމީލް އާއި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ.

މިރޭގެ ވަގުތެއްގައި އެ ކެނޑިޑޭޓުންގެ ކެނޑިޑަސީއާއި މެދު ގޮތެއް ނިންމަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.