ޚަބަރު

ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކަށް ސާމްޕަލް އުފުލުން ޓެސްޓްކޮށްފި


  • ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކަށް ސާމްޕަލް އުފުލުމުގެ މަސައްކަތް މިމަހު ފެށުމަށް އަންނަނީ ތައްޔާރުވަމުން

  • ޑްރޯންއިން ސާމްޕަލް އުފުލުމުގެ ޓެސްޓް ކޮށްފައިވަނީ ގދ. އަތޮޅުގައި

  • މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ދެމުން އަންނަ ޚިދުމަތެއް

ޑްރޯންގެ ބޭނުންކޮށްގެން ލެބޯޓްރީތަކަށް ސާމްޕަލް އުފުލުމުގެ މަސައްކަތް ގދ. އަތޮޅުގައި ޓެސްޓް ކޮށްފިއެވެ.

ގދ. މަޑަވެލީގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އެކަން އިއުލާނު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޑްރޯންގެ ޚިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެކަމަށް ވާޞިލުވުމަށްޓަކައި ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީތަކަށް ސާމްޕަލް ޓްރާންސްފާ ކުރުމުގެ މަސައްކަތް ފެށުމަށް ގދ. އަތޮޅުގައި ޓެސްޓުކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން ވިދާޅުވީ، ޑްރޯންގެ ޒަރިއްޔާއިން ލެބޯޓްރީތަކަށް ސާމްޕަލް ފޮނުވުމުގެ މަސައްކަށް ވީހާވެސް އަވަހަށް ފެށުމަށްޓަކައި ތައްޔާރީތައް ވަމުން އަންނަކަމަށެވެ. އަދި މިމަހުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ސާމްޕަލް ލެބޯޓަރީތަކަށް ގެންދިޔުމުގެ މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ޑްރޯން ބޭނުންކޮށްގެން ސާމްޕަލް އަދި ބޭސް އުފުލުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރުވެސް ކުރަމުން އަންނަކަމެވެ. ނަމަވެސް ރާއްޖޭގައި މި މަސައްކަތް އަލަށް ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިޚިދުމަތުގެ ސަބަބުން އެއްރަށުން އަނެއްރަށަށް ސާމްޕަލް އަދި ބައެއް ރިޕޯޓްތައް ފޮނުވުމުގައި ލުއިތަކެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވިއެވެ.


އެމްޑީޕީގެ ރިޔާސީ ދެވަނަ ދައުރުގެ މެނިފެސްޓޯގައިވެސް ވަނީ ޑްރޯން ބޭނުންކޮށްގެން އެއް ލެބޯޓްރީން އަނެއް ލެބޯޓްރީ އަށް ސާމްޕަލް އުފުލުން ހިމަނާފައެވެ. މީގެ އިތުރުން ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންތިޚާބުވެވަޑައިގެންފިނަމަ، ރާއްޖޭގެ ނެޝަނަލް ހެލްތު ސާވިސް ވަކި އިދާރާއަކަށް ހަދާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމް ލާމަރުކޮށް، ރައްޔިތުންނާއި ވިހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްޙި ޚިދުމަތްތަކެއް ދިނުމަށް މަސައްކަތްކުރައްވަމުން އަންނަކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޑްރޯމް ބޭނުންކޮށްގެން ލެބޯޓްރީ ސާމްޕަލްތައް އެއްރަށުން އަނެއްރަށަށް އުފުލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި އަހަރު ނިމުމުގެ ކުރިން މަދަނީ ޚިދުމަތްތައް ދިނުމުގައި ޑްރޯން ބޭނުންކުރުމުގެ ހުއްދަ ދޫކުރަން ނިންމާފައެވެ.