ޚަބަރު

ރިޔާސީ އިންތިޚާބު: އޮބްޒާވަރަކަށްވުމާއި މޮނިޓަރަކަށްވުމަށް ހުށަހެޅުމުގެ ސުންގަޑި މާދަމާ ހަމަވާނެ


  • ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މާދަމާ މެންދުރުފަހު 15:00

  • ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ޕާޓީތަކާއި އަމިއްލަ ޙައިސިއްޔަތުންވެސް ހުށައެޅޭނެ

އަންނަމަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް އޮތް ސުންގަޑި މާދަމާ ހާމަވާނެތީ އެކަމަށް ސަމާލުކަން ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލެއްވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އަދި މާދަމާ މެންދުރުފަހު 15:00ގައި އެ ފުރުޞަތު ބަންދުވާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމާވާއިރު، އެކަމަށް އެދެން ބޭނުންވާ ފަރާތްތަކުން ވަގުތު ހަމަވުމުގެ ކުރިން އެކަމަށް އެދި ހުށައެޅުމަށް ހަނދާންކޮށްދޭކަމަށެވެ. އަދި އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ހުށަހަޅާ ފޯމާއެކު ހިމަނަންޖެހޭ ލިޔެކިޔުމާއި އެހެނިހެން ތަކެތިވެސް ހަމައަށް ހުށަހެޅުމަށް ހަބީބް އެދިވަޑައިގެންނެވިއެވެ.

އިންތިޚާބު އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ހުށައަޅާ ފޯމު، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް އަދި ކޮމިޝަންގެ އިދާރާއިންވެސް ލިބޭނެއެވެ. އަދި އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމުގެ ބަދަލުގައި، އީމެއިލް މެދުވެރިކޮށްވެސް ފޯމު ހުށައެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އިންތިޚާބު މޮނިޓަރކުރުމުގެ ފުރުޞަތު ނޫސްވެރިންނާއި، މަދަނީ ޖަމިއްޔާތަކާއި ޕާޓީތަކާއި އަމިއްލަ ޙައިސިއްޔަތުން އިންތިޚާބު އޮބްޒާވް ކުރައްވަން ބޭނުންވާ މިހުންނަށްވެސް ލިބޭނެއެވެ.

ރިޔާސީ އިންތިހާބު މޮނިޓަރކޮށް، އޮބްޒާވްކުރުމަށް ދޭ ފުރުސަތަކީ ވީހާވެސް ދެފުށް ފެންނަ ގޮތަކަށް އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިއުމުގެ މަޤްޞަދުގައި ދެއްވާ ފުރުޞަތެކެވެ.

އިލެކްޝަންސް ކޮމިޝަނުން އެކުލަވާފައިވާ އުސޫލުގައިވާ ގޮތުން އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި އެ ފަރާތަކީ ޖިނާޢީ ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެންނުވާނެކަމަށް އުސޫލުގައިވެއެވެ.

މޮނިޓަރުންގެ ގޮތުގައި މި އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ފަރާތަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތްކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދޭންޖެހޭނެއެވެ. އަދި ނޫސް މަޖައްލާއެއްނަމަވެސް އެކަމާއި ގުޅޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދޭންޖެހޭނެއެވެ.

މިކަމާއި ގުޅޭ އުސޫލުގައިވާ ގޮތުން ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށްވުމަށް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ހުށައެއް ނޭޅޭނެއެވެ. އަދި އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ އައްޔަންކޮށްފައި ހުންނަ މީހަކަށްވެސް މޮނިޓަރެއްގެގޮތުގައި ނުވަތަ އޮބްޒާވަރެއްގެގޮތުގައި ހަރަކާތްތެރިއެއް ނުވެވޭނެއެވެ.