ޚަބަރު

ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދޭނަން: ޤާސިމް


  • ޖޭޕީގެ ކެމްޕެއިން ބޮޑު ޖަލްސާ ބާއްވާފައިވަނީ މާމިގިލީގައި

  • ޤާސިމް ވަނީ ފުލުހުންނާއި ސިފައިންގެ އާއިލާތައް ބިކަވެފައިވާކަމަށް ވިދާޅުވެފައި

  • ސިފައިންނާއި ފުލުހުން އަދި ފަނޑިޔާރުންނަށް ބޯހިޔާވަހިކަން ދެއްވާނީ ހިލޭކަމަށް ވިދާޅުވި

ފުލުހުންނާއި ސިފައިންގެ އިތުރުން ފަނޑިޔާރުންނަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް، ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވަޢުދުވެވަޑައިގެންފިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ނިސްބަތްވެވަޑައިގަންނަވާ އދ.މާމިގިލީގައި ބޭއްވި އެ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް ވިދާޅުވީ، ރެޔާއި ދުވާލު ރައްޔިތުންގެ ޚިދުމަތުގައި އުޅުއްވާ މީހުން ނިކަމެތި ހާލުގައި އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. ޚާއްޞަކޮށް ފުލުހުންނާއި ސިފައިންގެ އާއިލާތައް ބިކަވަމުން އަންނަކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤައުމުގެ އަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދެއްވަން ތިއްބެވި ސިފައިންނާއި ފުލުހުނަށް ގަދަރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވަނީ ދިވެހި އަސްކަރިއްޔާގެ ޢަދަދު އިތުރުވެ، މިހާރު ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި ބޭނުންކުރަމުންދާ ބަނޑޭރިކޮށީގައި ޖާގައިގެ ދަތިކަން ކުރިމަތިވާކަން ފާހަގަކުރައްވާ، އެކަމަށް ޙައްލެއް ގެނެސްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ޤާސިމް ވިދާޅުވީ، އެފަރާތްތަކަށް އެކޮމަޑޭޝަން ދޭނެކަމަށް ކޮންމެ ސަރުކާރަކުން ވެސް ބުނާކަމަށާއި، ނަމަވެސް އެކަން ހަގީގަތަކަށް ވެފައިނުވާކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައިސިފައިންނާއި ފުލުހުންގެތެއިން އެމީހަކު ވަޒީފާ އަދާކުރާތަނަކުން ބޯހިޔާވަހިކަން ހަމަޖައްސަވައިދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ އަދި އެވެސް ކުއްޔެއް ދަންކަން ނުޖެހޭނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. އަދި ބަނޑޭރިކޮށި ތަރައްޤީކުރައްވަނީ 15 ބުރިއަށްކަމަށްވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.


"އަޅުގަނޑުގެ ވެރިކަމެއްގައި ކޮންމެ ސިފައިންގެ ބޭފުޅަކަށްވެސް ކޮންމެތާކު ހުއްޓަސް ޒަމާނީ އެކޮމޮޑޭޝަން ފޯރުކޮށްދޭނަން. ފުލުހުންނަށްވެސް ހަމަ މިގޮތަށް އެއްވެސް ކުއްޔަކާ ނުލައި އެކޮމޮޑޭޝަން ދޭނަން. ފަނޑިޔާރުންވެސް މަގާމުގައި ތިބިހާ ހިނދަކު ކުލި ދެއްކުމަކާއި ނުލައި އެކޮމޮޑޭޝަން ފޯރުކޮށްދޭނަން." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް އިބްރާހީމް ވަނީ ފަނޑިޔާރުންނަށްވެސް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ހިޔާ ފްލެޓާއި، ސިފައިންނާއި ފުލުހުންގެ ފްލެޓުގެ ކުލިވެސް މަޢާފްކޮށްދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.