ނ. ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީން ފަށައިިފިއެވެ.
އެމްޓީސީސީން ބުނީ ޅޮހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. އަދި މިހާރު ކުރަމުން އަންނަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.
ޅޮހީގައި މިހާރު ބޭނުންކުރާ ބަނދަރަކީ 2008 ގައި ހަދާފައިވާ ބަނދަރެކެވެ. މަރާމާތުނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން މި ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެގޮތުން އެރަށުގެ ބަނދަރުގެ އެއްގަމު ތޮއްޓާއި ލަފާ ފުރުމަށް ބޭނުން ކުރާ ސަރަހައްދު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. ޅޮހީގެ ބަނދަރަށް ދިމާވެފައި އޮތް މައްސަލަ ހައްލުކޮށް ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކުރެއްވީ މިދޔަ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހުއެވެ.
We have commenced physical works of N. Lhohi Harbor Development Project on 13th Aug 2023. Existing harbor basin dredging operations are ongoing.
— MTCC Plc (@MTCCPlc) August 13, 2023
Scope of works for the project include maintenance dredging operations of 66,701cbm, channel dredging operations of 2,205cbm,… pic.twitter.com/GdHGtdUKaZ
މި މަޝްރޫއުގެ ދަށުން 66701.94 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 2205 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 281 މީޓަރުގެ ބްރޭކްވޯޓަރ ޖެހުމާއި، 40 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓަރ ޖެހުމާއި، 95 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 366 މީޓަރުގެ އެއްގަމު ތޮށި ޖެހުމާއި، 366 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުމާއި، 50 މީޓަރުގެ ގްރޮއިން ޖަހާ، 10 މޫރިންގ ބޮއި ހަރުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 121 އަކަ މީޓަރުގެ ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީ ހެދުމާއި، 2 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 19 މަގު ބައްތި ހަރުކުރުމާއި 1720 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުންވެސް މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ.
978 މީހުން ދިރިއުޅޭ ނ.ޅޮހީއަކީ މަސްވެރިކަމާއި ލޯކަލް ޓޫރިޒަމް އޮންނަރަށެއެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ރަށުގެ ބަނދަރުގެ ބޭނުން ހިފާ މީހުންވެސް މަދެއްނޫނެވެ.
ޅޮހީގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެން ދިއުމުން މިހާރު އޮތް ބަނދަރަށް ޖާގަ އިތުރުވެ ދޯނިތަކަށް އެއްވެސް ދަތިކަމެއް ނެތި ޖެޓީއާއި ގާތް ކުރެވި ރަށަށް އަރާފައިބާ ފަރާތްތަކަށް ލުއިފަސޭހަކަން ލިބިގެން ދާނެކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.
ނ. ޅޮހީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކުރައްވާފައިވަނީ 640 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިމަޝްރޫޢަށް ގާތްގަނޑަކަށް 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.