ޚަބަރު

ސިޔާސީ ބޭނުމަށް ދިން ވަޒީފާތަކުން މީހުން ވަކި ނުކުރާނަން - މުޢިއްޒު


  • - މުޢިއްޒު ވިދާޅުވީ ވަޒީފާގެ ބިރު ނުދައްކާނެކަމަށް

  • - މުޢިއްޒު ވަނީ ދިއްދޫގައި އެއަރޕޯޓް ތަރައްޤީކޮށްދެއްވާކަމަށް ވަޢުދުވެވަޑައިގެންފައި

ސިޔާސީ ބޭނުމަށް ވަޒީފާ ދީފައިވާ މީހުންގެ ވަޒީފާއިން އެ މީހުން ވަކިނުކުރާނެކަމަށް މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ، މިހާރު ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ހދ. ދިއްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މުޢިއްޒު ވިދާޅުވީ، ވަޒީފާގެ ފުރުޞަތުތައް ހޯދައިދީ ފުދުންތެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމަކީ އޭނާގެ ސަރުކާރުގެ ދެވަނައަށް އެންމެ މުހިންމު ސިޔާސަތައް ހައްދަވާނެކަމަށެވެ

ރާއްޖޭގައި ސިޔާސީ ބޭނުމަށް އުފައްދާ ވަޒީފާތައް ވަރަށް ގިނަަކަން ފާހަގަކުރައްވަމުން މުޢިއްޒު ވިދާޅުވީ އެމީހުނަށްވެސް ދެރަގޮތެއް ވިޔަ ނުދެއްވާނެކަމަށެވެ. ސިޔާސީ ބޭނުމަށް ދީފައިވާ ވަޒީފާތަކުގައި ތިބި މީހުން އެ ވަޒީފާތަކުން ވަކިކޮށް، ވަޒީފާތައް އުވާނުލައްވާނެކަމަށް މުއިޢްޒު ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ ވަޒީފާތަކުން ކުންފުނިތަކަށް މާލީ ބުރަ އުފުލަންޖެހޭނަމަ އެހެން މުޢައްސަސާތަކަށް ވަޒީފާ ބަދަލުކުރުން ފަދަ ބަދަލުތައް ގެންނަވާނެކަން މުއިޢްޒު ފާހަގަކުރެއްވިއެވެ.

" ކުންފުންޏަށް ނުވަތަ ފިނޭންސަށް ބޮޑު ބުރަޔަކަށް ވާގޮތަށް ވަޒީފާ ދީފަ ހުރިނަމަ، ކުންފުނި ބަދަލުކުރުން ފަދަ ބަދަލެއް ގެނެސްފާނެ. ނަމަވެސް ރަށުގައި ހުރެގެން ވަޒީފާ އަދާކުރެވޭނެކަމުގެ ޔަގީންކަން ދެން. ވަޒީފާގެ ބިރެއް ނުދައްކާނަން." މުޢިއްޒު ވިދާޅުވިއެވެ.

ދިއްދޫގައި ބޭއްވި ޖަލްސާގައި މުޢިއްޒު ވަނީ އެރަށުގެ ބިން ހިއްކާ އެއަރޕޯޓް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. މުޢިޢްޒު ވިދާޅުވީ، އޭނާގެ ވިސްނުންފުޅަކީ އެއަރޕޯޓް ތަރައްޤީކޮށް ޚިދުމަތް ދިނުމުގައިވެސް ރަށާއި ސަރަޙައްދުގެ ރައްޔިތުންނަށް ފުރުޞަތު ފަހިކޮށްދެއްވުން ކަމަށެވެ. މީގެއިތުރުން ދިއްދޫ ހޮސްޕިޓަލް ތަރައްޤީކުރުމާއި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވިއެވެ.

މުޢިއްޒުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވަނީ ހއ، ހދ އަތޮޅުންނެވެ. ހދ. އަތޮޅުގެ 4 ރަށަކަށް އަދި ހއ.އަތޮޅުގެ 7 ރަށަށް މި ދަތުރުގައި ވަޑައިގަންނަވައެވެ. މި ދެ އަތޮޅުގެ ކެމްޕެއިން ފަހު ދަތުރުތައް މިއަދު ނިމޭނެއެވެ.

މުޢިއްޒު ދެން ވަޑައިގަންނަވާނީ ވ، މ، ފ އަދި ދ އަތޮޅުގެ ރަށްތަކަށެވެ. މި އަތޮޅުތަކުގެ 9 ރަށަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުތައް އޮންނާނީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގައެވެ.