ޚަބަރު

ތުޅާދޫގައި ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސް އިފްތިތާޙް ކޮށްދެއްވައިފި


  • ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްޢުއާއެކު ރަށްގިރުމަށް ބޮޑު ޙައްލެއް

  • 100 ހައުސިންގ ޔުނިޓާއެކު ބޯހިޔާވަހިކަމަށް ޙައްލު

  • ހައުސިންގ ޔުނިޓްތަކަކީ 3 ކޮޓަރީގެ ތަންތަން

  • ފެނަކައިގެ އޮފީސް އިމާރާތުގެ ޖާގަ ތަނަވަސް

ބ. ތުޅާދޫގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާޙްކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ އެމަނިކުފާނު މިހާރު ބ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، އެރަށުގެ 100 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ ނިމުން ފާހަގަކޮށްދެއްވައި، ފެނަކަ އައު އޮފީސް ހުޅުއްވައިދެއްވާފައެވެ.

ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ ދަށުން 140 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް އަދި 30 މީޓަރުގެ ޖިއޯބޭގް ގްރޮއިން ޖަހާފައިވެއެވެ. ރަށް ގިރުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވަމުން އަންނަ ތުޅާދޫގައި ޙިމާޔަތް ކުރީ ރަށުގެ އުތުރުފަރާތުން ހުޅަނގަށްވާގޮތަށެވެ. ދޯނި އެހެލާ ސަރަހައްދަކާ އެކު ހިމާޔަތް ކުރި މިސަރަހައްދުގެ ގެތަކަށް މިއާއެކު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އެރަށު ކަައުންސިލުން ވިދާޅުވެއެވެ.

ތުޅާދޫގައި ހިމާޔަތްކުރި މިސަރަހައްދުން މިވީ 5 އަހަރެއްހާ ދުވަސްތެރޭ 90 ފޫޓަށްވުރެ ބޮޑު ސަރަހައްދެއް ގިރައިގެން ގޮސްފައިވެއެވެ.

ތުޅާދޫގައި ތަރައްޤީކުރި 100 ހައުސިންގ ޔުނިޓްގެ މަސައްކަތް ކޮށްފައިވަނީ ޖޮއިންޓް ވެންޗަރ އުސޫލުން ޕްރިސިޝަން އިންޖިނިއަރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑް އަދި ފްލެކްސްއިން ޕްރައިވެޓް ލިމިޓެޑުންނެވެ. މި ހައުސިންގ ޔުނިޓްތަކަކީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

އެ 100 ހައުސިން ޔުނިޓް ދޫކުރާނެ އުސޫލުގައިވާ ގޮތުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށުގައި ދިރިއުޅޭ ގެދޮރުވެރިކަން ނެތް ބޮޑެތި އާއިލާތަކަށެވެ. އަދި އަލަށް ރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް މީގެތެރެއިން 8 ޔުނިޓް ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މި ހައުސިން ޔުނިޓްތަކާއެކު 3000އަށް ވުރެބޮޑު އާބާދީއެއް އޮންނަ ތުޅާދޫއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ޙައްލެއް އަންނާނެކަން އެރަށު ކައުންސިލުން ފާހަގަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި ތުޅާދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، މީޓިންގ ރޫމް، ގެސްޓްރޫމް އަދި ޕޭންޓްރީ ހިމެނޭ ޖާގައިގެ ގޮތުން ތަނަވަސް އޮފީސް އިމާރާތެކެވެ.