ބ. އަތޮޅު ބަޔޮސްފިއާ ރިޒާވާއި އެގޮތަށް ހިމާޔަތް ކުރާ އެހެނިހެން ތަންތަނުން ލިބޭ އާމްދަނީ އެ ސަރަހައްދެއްގެ ރަށްރަށަށް ލިބޭނެ ގޮތް ހަދަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބަށް ކެމްޕެއިންގައި ބ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާޅޮހަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބަޔޮސްފިއާ ރިޒާވްގެ ތެރޭގައި ކައުންސިލްގެ އިހުތިޞާސްގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުން ކައުންސިލްތަކާ ހަވާލުކޮށް އެއިން ލިބޭ އާމްދަނީ ކައުންސިލުތަކަށް ލިބޭނެ ގޮތަށް ހަދަން ނިންމާފައިވާކަމަށެވެ. ބަޔޮސްފިޔާ ރިޒާވް ހިމަޔާކޮށްފައި އޮންނަތާ 10 އަހަރު ވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިތުރު 10 އަހަރަށް އެތަން ހިމާޔަތް ކުރުމަށް ނިންމަވާފައިވާކަމަށެވެ.
މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 33 ސަރަހައްދެއް ހިމާޔަތްކޮށްފައިވާކަންވެސް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އަމާޒަކީ އެ ސަރަހައްދުތަކުން ލިބޭ އާމްދަނީ ރަށު ކައުންސިލުތަކަށާއި ރަށްރަށަށް ލިބޭނެ ގޮތަށް ހަދާނެކަމަށެވެ.
"ކުރިއަށް އޮތް ދައުރުގެ ތެރޭގައި މި ހިމާޔަތްކުރެވޭ ތަންނުން ފައިދާ ލިބޭ ނިޒާމަކަށް ބަދަލުކޮށް، މި ފައިދާ އެ އަތޮޅަކަށާއި މުޅި ރާއްޖެއަށް އެންމެ ރަނގަޅު ފައިދާ ލިބޭނެހެން މެނޭޖުމެންޓެއްގެ ދަށަށް ބަދަލުކޮށް އޭގެ ފައިދާ މުޅި ރާއްޖެއަށް ލިބޭ ގޮތަށް ހަދާނަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ މާޅޮހަކީ ބަޔޮސްފިޔާ ރިޒާވްއާއި ކައިރީގައި އޮންނަ ރަށެއްކަން ފާހަގަކުރައްވާ އެތަނަށް އަންނަ ފަތުރުވެރިންނަށް ތިބެވޭގޮތަށް މާޅޮހުގައި ސިޓީ ހޮޓަލަކާއި ޕިކްނިކް ދާނެ ރަށެއް ތަރައްޤީކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އައު ސިއްހީ މަރުކަޒެއް އަޅައި ހިދުމަތްތަކާއި ވަސީލަތްތައް އިތުރު ކުރުމާއި އައު މިސްކިތެއް އެޅުމާއި ޒުވާނުންނަށް ފުޓްސަލް އަދި ފުޓްބޯޅަ ދަނޑެއް އެޅުމާއި، ޒަމާނީ ފެންވަރަށް އެރަށުގެ ބޮޑެތި މަގުތައް ހެދުމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ.