ކުޅިވަރު

އައިއޯއައިޖީ 2023: އަންހެން ޓީޓީ ޓީމުން ރަން މެޑަލް ދިފާއުކޮށްފި


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ގެ ޓޭބަލް ޓެނިސް އަންހެން ޓީމު އިވެންޓުގެ ރަން މެޑަލް ރާއްޖޭގެ ޤައުމީ ޓީމުން ދިފާއުކޮށްފިއެވެ.

ލީގު އުސޫލުން ޓީޓީ އަންހެން ޓީމުގެ އިވެންޓް ކުރިއަށްދިޔަ އިރު، ޓީޓީ ޓީމުން ވަނީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. އިއްޔެ ކުޅުނު މެޗުތަކުގައި ރިޔޫނިއަންއާއި މަޑަގަސްކަރަ ބަލިކޮށް، މިއަދު ލީގު ބުރުގެ ފަހު މެޗަށް މެޑަލް ދިފާއުކުރަން ރާއްޖެއިން ނުކުތީ މޮރިޝަސްއާ ދެކޮޅަށެވެ.

މިއަދު ކުޅުނު ފަހު މެޗުގައި ރާއްޖެއިން މޮރިޝަސް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޭމްގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ނުކުތީ ޖާލިމް ނަންޑޭޝްވަރީއާ ދެކޮޅަށެވެ. އެ މެޗުގައި ރަފާ ވަނީ ސީދާ ތިން ސެޓުން މޮރިޝަސް ކުޅުންތެރިޔާ ބަލިކޮށްފައެވެ. ރަފާ ސެޓުތައް ގެންދިޔައީ 11-8، 12-10 ގެ އިތުރުން 11-6 އިންނެވެ.

ދެވަނަ ގޭމްގައި ފާތިމަތި ދީމާ އަލީ ހޮސެނަލީ އޮމެހަނި ތައްޔެއާ ދެކޮޅަށް ނުކުމެ ގޭމް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ސެޓު ހޮސެނަލީ 11-6 އިން ގެންދިޔަ ނަމަވެސް ދެން ކުޅުނު ތިން ސެޓު ދީމާ ވަނީ 11-6، 11-9 އަދި 11-2 އިން ގެންގޮސްފައެވެ.

މިއަދުގެ މެޗުގައި ރާއްޖެއަށް ގެއްލުނީ މެޗުގެ ތިންވަނަ ގޭމް އެކަންޏެވެ. އެ ގޭމްގައި ރާއްޖޭގެ ލައިސާ ފަތުހުﷲ އިސްމާއީލް ކިނޯ ރުގައްޔާ ކައިރިން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ގޭމްގެ ފުރަތަމަ ދެސެޓު ކިނޫ 11-8 އިން ގެންގޮސްފައިވާ އިރު، ލައިސާ ވަނީ ތިންވަނަ ސެޓު 11-7 އިން ގެންގޮސްފައެވެ. ކިނޫ ގޭމް ގެންދިޔައީ 11-3 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.

ރާއްޖެއިން ރަން މެޑަލް ޔަގީންކުރީ ހަތަރުވަނަ ގޭމްގައި ދީމާ ނުކުމެ، ސީދާ ތިން ސެޓުން ޖާލިމް ބަލިކޮށްގެންނެވެ. ދީމާ ސެޓުތައް ގެންދިޔައީ 11-5، 11-4 އަދި 11-8 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ރާއްޖޭން ރަން މެޑަލް ދިފާއުކުރިއިރު، 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އަންހެން ޓީމު އިވެންޓުގައި ޓީޓީ ޓީމު ވަނީ ހަމަ މޮރިޝަސް ބަލިކޮށް ރަން މެޑަލް ހޯދާފައެވެ. އެ ފަހަރު އަންހެން ޓީމުން މޮރިޝަސް ބަލިކުރީ 3-2 އިންނެވެ.