ކުޅިވަރު

އައިއޯއައިޖީ 2023: ޓައެކްވަންޑޯއިން ރާއްޖެއަށް ފަސް މެޑަލް


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ޓައެކްވަންޑޯ ޓީމުން ފަސް މެޑަލް ހޯދައިފިއެވެ.

އެގޮތުން މިއަދު ރާއްޖޭގެ ފާތިމަތު އިބްރާހީމް (ފާތުން) ވަނީ 40 އަހަރުގެ ކެޓެގަރީގެ ޕޯމްސައޭ އިވެންޓުން ލޯ މެޑަލް ހޯދާފައެވެ.

އަދި އިއްޔެ ބޭއްވި އިވެންޓްތަކުން ގައުމީ ޓައެކްވަންޑޯ ޓީމުން ވަނީ ދެ ރިހި މެޑަލާއި ދެ ލޯ މެޑަލް ގެނެސްފަ އެވެ. އެގޮތުން ގައުމީ ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ ފާތުން)ވަނީ ރިހި މެޑަލަކާއި ލޯ މެޑަލް އެއް ހޯދައިފަ އެވެ. ފާތުން ރިހި މެޑަލް ހޯދާފައިވަނީ އަންހެނުންގެ -53 ކިލޯގުރާމް ކެޓަގަރީންނެވެ. އަދި ލޯ މެޑަލް ހޯދީ އަންހެނުންގެ -62 ކިލޯގުރާމް ކެޓަގަރީންނެވެ.

ރާއްޖެ ޓީމުގައި ހިމެނޭ އަނެއް އަންހެން އެތުލީޓު، ޖަންނަތު ޖަވާދު، ވަނީ -46 ކެޓަގަރީން ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ރާއްޖޭން ދެން ހޯދި ރިހި މެޑަލް ހާސިލްކުރީ ފިރިހެނުންގެ -87 ކިލޯގުރާމުން ދަށުގެ ކެޓެގަރީން އަހުމަދު ފަޒީލް އެވެ.

ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ފާތުމަތު އާއި ފަޒީލް ބަލިވީ މަޑަގަސްކަރައިގެ އެތުލީޓުން އަތުން 2-0 އިންނެވެ.

ގައުމީ ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ އެހެން އެތުލީޓުންގެ ނަތީޖާތަކަށް ބަލާއިރު، ފިރިހެނުންގެ -54 ކެޓަގަރީގައި ވާދަކުރި މުހައްމަދު ސައިފް ޝާން އަބްދުﷲ އަށް ކުރިއަށް ދެވޭ ގޮތެއްނުވި އެވެ. ފިރިހެނުންގެ -63 ކިލޯގުރާމުން ކެޓެގަރީގައި ވާދަކުރި މުހައްމަދު ރޫދު އަހުމަދު ބަލިވީ ލޯ މެޑަލް މެޗުންނެވެ.