ޚަބަރު

ގާއެރިފަޅު ހިންނަވަރަށް، މަތިވެރި ފިނޮޅު މަތިވެރީގެ އިޚްތިޞާސްގައި ހިމަނައިފި


  • މަތިވަރު ފިނޮޅު ކުރިން އޮތީ ރިސޯޓެއް ހެދުމަށް ބަޔަކަށް ދީފައި

  • ގާއެރިފަރު އޮތީ މަސްވެރިކަމުގެ ބޭނުންމަށް ދޫކޮށްފައި

އއ. މަތިވެރީގެ އިޚްތިޞާސްގައި މަތިވެރި ފިނޮޅު އަދި ހިންނަވަރުގެ އިހުތިޞާސްގައި ގާއެރިފަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ހިމަނުއްވައިފިއެވެ.

މި ދެ ރަށުގެ އިދާރީ ދާއިރާގެ އިހުތިޞާސްއަށް ބަދަލު ގެނެސްފައިވަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނެރުއްވި ގަރާރަކުންނެވެ.

އެ ގަރާރުގައިވަނީ ޅ. ހިންނަވަރުގެ އިދާރީ ދާއިރާގެ އިހުތިޞާސްގެ ތެރޭގައި ގާއެރިފަރު ހިމަނާފައިވާކަމަށެވެ. އަދި އއ. މަތިވެރީގެ އިދާރީ ދާއިރާގެ އިހުތިޞާސްގެ ތެރޭގައި މަތިވެރިފިނޮޅު ހިމަނާފައިވާކަމަށެވެ.

މަތިވެރި ފިނޮޅަކީ މަތިވެރި ކައިރީގައި އޮންނަ ކުޑަކުޑަ ރަށެކެވެ. 2014 ވަނަ އަހަރު މަތިވެރި ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އަމިއްލަ ބަޔަކަށް ދޫކުރިއެވެ. އެހެންނަމަވެސް އެ ރަށ ދަތުރުދާނެ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށް ރަށުގެ ރައްޔިތުން އެދެމުން، ރައީސް ޞާލިހް މީގެ ދެހަފްތާ ކުރިން އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެކަން ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.


ޅ. ހިންނަވަރުގެ އިދާރީ ދާއިރާގެ އިހުތިޞާސްގެ ތެރޭގައި މިހާރު ހިމަނާފައިވާ ގާއެރިފަރަކީ 3.3 ހެކްޓަރު ބޮޑުމިނުގެ ރަށެކެވެ. މި ރަށް މިހާރު އޮންނަނީ މަސްވެރިކަމުގެ ބޭނުމަށް އަމިއްލަ ބަޔަކަށް ދޫކޮށްފައެވެ. އެ ރަށް އެ މަސްވެރިކަމުގެ ބޭނުމަށް ހަވާލުކުރީ 2016 ވަނަ އަހަރުއެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުންކަމަށް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވެއެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ އިހްތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.