ޚަބަރު

ބޭބެ މަރާލިކަމަށް ކޮއްކޮ ކޯޓުގައި އެއްބަސްވެއްޖެ


  • ބޭބެ މަރާލީ މަސްތުގެ ހާލުގައި ހުރެކަމަށް ބުނި

  • މަރަލަން ބޭނުންކުރީ ކަތުރެއް

  • މިހާރު އެކަމާ ހިތާމަކުރާކަމަށް

  • އެންމެ ލުއި އަދަބެއް ކަނޑައެޅުމަށް އެދުނު

މިއަހަރުގެ މެއި މަހު އައްޑޫ ސިޓީ މަރަދޫފޭދޫގައި މަރާލި އެ ރަށު ބްލޫސްޓާ، އަހުމަދު ޝުއައިބުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ މީހާ ކުށަށް އިއުތިރާފް ވެއްޖެއެވެ. ދެ ބެއިންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ބޭބެ މަރާލި މި މައްސަލައިގައި ދައުވަކުރަނީ ކޮއްކޮ ޙުސައިން މަވާޒްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

މަވާޒް ވަނީ ތަހުގީގު މަރުހަލާގައިވެސް އަދި މިއަދު ޝަރީޢަތް ފެށުމާއެކު ކޯޓުގައިވެސް ކުށަށް އިޢުތިރާފްވެ ހާދިސާ ހިނގާދިޔަ ގޮތް ތަފްސީލްކޮށް ކިޔައިދީފައެވެ. 31 މެއި 2023 ވަނަ ދުވަހުގެރޭ ހިނގާ ދިޔަ އެ ހާދިސާ ތަފްސީލްކޮށްދެމުން މަވާޒް ބުނީ، އެރޭ ބޭބެއާ ރެސްޓޯރަންޓަކުން ދިމާވި ކަމަށާއި، އެތަނުން ބޭބެގެ ފޯނު ނަގައިގެން އޭނާ ދިޔައީކަމަށެވެ. އަދި ގެއަށް ދިޔައީ މަސްތުވާއެއްޗެއް ބަލާކަމަށާއި، ގެއަށް އައުމުން ބޭބެ ސުވާލު ކުރި ކަމަށެވެ. ސުވާލު ކުރުމުން، ބޭޞެގެ ފޯނު ސިމާއެކު ވިއްކާލިކަމަށް ބުނި ކަމަށާއި، އެހިސާބުން ހަމަނުޖެހުން އުފެދި މާރާމާރީ ހިނގަން މެދުވެރިވީކަމަށް މަވާޒް ބުންޏެވެ.

މަވާޒް ބުނީ އޭނާ އެވަގުތު ހުރީ މަސްތުގެ ހާލުގައިކަމަށާއި، ބޭބެއަށް ޙަމަލާދިނީ 3 އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުންކަމަށެވެ. ޙަމަލާ އަމާޒުވީ ބޭބެގެ ވާއަތު ކަރާއި ދިމާލުން ތިރިއަށް މެއަށްކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ އެ ހާދިސާ ހަނދާނުގައި އެބަހުރިކަމަށްވެސް ބުނެފައެވެ.

ޝަރީޢަތުގައި މަވާޒް ވަނީ ވީހާވެސް ލުއި އަދަބެއް ދިނުމަށްވެސް އެދިފައެވެ. އޭނާ ކުރިއަށްދާން ބޭނުންވަނީ ތަހުގީގުގައި ދީފައިވާ އިއުތިރާފު ބަޔާނާ އެއްގޮތަށް ކަމަށާއި، އެ ވާހަކަތައް މިހާރު ދައްކަން އުނދަގޫކަމަށްވެސް އޭނާ ބުންޏެވެ.

މަވާޒް ކށަށް އިއުތިރާފްވުމުން އޭނާގެ މައްޗށްކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. ދައުލަތުން މަވާޒާއެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި އެ އެއްބަސްވުން ދަމަހައްޓަން އޭނާ ބޭނުންވޭތޯ ބެލުމަށްފަހު އޮންނަނީ އަދަބު ކަނޑައެޅުމެވެ.

އިއުތިރފް އެއްބަސްވުން އޮތްގޮތުން މަވާޒްގެ މައްޗށް 12 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ. އެއްބަސްވުން ދަމަހައްޓަން ބޭނުންނުވާނަމަ އެ އަދަބު ބޮޑުވާނެއެވެ.

އޭނާގެ މައްޗަށް އަދަބު ކަނޑައަޅުމުގެ ޝަރީޢަތުގެ މަޖިލިސް އޮންނާނީ 10 ދުވަސް ފަހުންނެވެ.