ޗާގޮސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭނެ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ދެކުނުގެ ކަނޑުން ބައެއް އަދި އިޓްލޮސްގެ ނިންމުމަށް އަސަރުކުރާނެ އެއްވެސް ވާހަކައެއް ނެތް ކަމަށް ބާ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ބާ ކައުންސިލަށް މަތިކޮށްފައިވާ މައްސޫލިއްޔަތުތަކުގެ ދަށުން ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދު ފުށުއަރާ މައްސަލައިގައި، ދިވެހި ދައުލަތުން އެ މައްސަލާގައި އަމަލުކުރި ގޮތުގެ ދިރާސާއެއް ބާ ކައުންސިލުން އަންނަނީ ކުރަމުންނެވެ. ދާދިފަހުން މީޑިއާގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބާ ކައުންސިލާ މިހާރު ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި މައްސަލަ ދިރާސާކުރުމުގެ މަސައްކަތް ކުރުމަށް ބާ ކައުންސިލުން ވަނީ 3 މެންބަރުންގެ މައްޗަށް އެކުލެވޭ ލޯ ރިވިއު ކޮމެޓީއެއް އުފައްދަވާފައެވެ. އަދި މި މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުވެސް ހިމެނޭހެން އިޓްލޮސްއަށް ރާއްޖޭން ހުށަހެޅި ހުރިހާ ލިޔެކިޔުންތަކެއް ބާ ކައުންސިލަށް ވަނީ ލިބިފައެވެ.
މި ސިޓީފުޅުގެ ސައްހަކަން ބެލުމަށް ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް ރައީސް އޮފީހަށް ވަޑައިގެން ސިޓީގެ އަސްލު ވަނީ ބައްލަވާފައެވެ. އަދި އެ ކައުންސިލަށް ސިޓީގެ ސައްހަކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަޤީންކުރެވިފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި މި ސިޓީފުޅުގައި އިޓްލޮސްގެ ނިންމުމަށްވެސް އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލޭ އެއްވެސް ވާހަކައެއް ނެތެވެ.
އިޓްލޮސްއަށް ހުށަހެޅި ހުރިހާ ލިޔެކިޔުންތަކެއް ވަރަށް ތަފްޞީލީ ގޮތެއްގައި ދިރާސާކޮށް، ފުރިހަމަ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ބާ ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ. އަދި މިކަމުގައި ދިވެހި ދައުލަތުން ވަކާލާތުކުރީ ރާއްޖެ އަށް އެންމެ ފައިދާ ހުރި ގޮތަށްތޯ ނުވަތަ ނޫންތޯ ވެސް މި ރިޕޯޓްގައި ހިމަނާނެއެވެ.
މެލޭޝިއާ އާއި އިންޑޮނޭޝީއާ ދެމެދު ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައިވާ މިފަދަ ކަނޑުގެ ސަރަހައްދުގެ މައްސަލައެއްވެސް ދެ ޤައުމުގެ ބޭފުޅުން މަޝްވަރާކުރައްވައިގެން ދާދިފަހުން ވަނީ ހައްލުކުރައްވާފައެވެ. މި އެގްރިމެންޓްގައި ސޮއިކުރެވުނީ މިއަހަރުގެ ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. މި އެގްރިމެންޓް ގެ އެއްބަސްވުގެ އަސާސަކަށް ބަލާފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚާއްޞަގޮތެއްގައި 1982 ވަނަ އަހަރު ލޯ އޮފް ދަ ސީ ކޮންވެންޝަންގެ ޤާނޫނެވެ.
ރާއްޖެއާއި މޮރޭޝަސާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލަ ހައްލުކުރީ އިންޓަރނޭޝަނަލް ޓްރައިބިއުނަލްއަކަށް ގޮސްގެނެވެ. އަދި އެ ޓްރައިބިއުނަލްގައި ރިއާޔަތްކޮށްފައި އޮތީވެސް 1982 ގެ ލޯ އޮފް ދަ ސީގެ ކޮންވެންޝަން ގެ ޤާނޫނަށެވެ.