ކުޅިވަރު

އައިއޯއައިޖީގައި ވާދަކުރި އެތުލީޓުންނަށް ރަތްދޫލައިގެ މަރުޙަބާއެއް


މިދިޔަ އާދިއްތަ ދުވަހު ދުވަހު މަޑަގަސްކަރައިގައި ނިމިގެންދިޔަ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރި އެތުލީޓުންނަށް ރަތްދޫލައިގެ މަރުޙަބާއެއް ދަންނަވައިފިއެވެ.

ރާއްޖޭގެ ކޮންޓިނިޖެންޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ޖުމްހޫރީ މައިދާނުގައި ކުރިއަށްދިޔަ ޚާއްސަ ރަސްމިޔާތުގައި އެތުލީޓުންނަށް ރަތްދޫލައިގެ މަރުޙަބާއެއް ދެންނެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ޚާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ކޮންޓިނިޖެންޓް ރައީސުލްޖުމްހުރިއްޔާއަށް ތައާރަފުކޮށް އެރުވިއިރު، މެޑަލް ހޯދި އެތުލީޓުން ތައާރަފުކޮށް އެރުވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެރުޖެހުމާއި ތާޅަފިލީގެ ހަރަކާތާއެކުވެ.

11 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން ވަނީ ޖުމްލަ 28 މެޑަލް ހޯދާފައެވެ. އޭގެތެރޭގައި 5 ރަން މެޑަލް، 9 ރިހި މެޑަލް އަދި 14 ލޯ މެޑަލް ހިމެނެއެވެ.

މި ގެމޭސްގައި ވާދުކުރި އެތުލީޓުންނަށް މަރުޙަބާ ދެންނެވުމަށް މިރޭ ކުޅިވަރު އާއިލާގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ރައްޔަތުން ވަނީ ޖުމްހޫރީ މައިދާނަށް ޖަމާވެފައެވެ. މި ޚާއްސަ އިވެންޓު ނިމިގެންދިޔައީ 10 މިނަޓަށް އެރުވި ހަވާގެ ހަރަކާތާއެކުއެވެ. މިއީ ރާއްޖެއިން މަލްޓި ސްޕޯޓްސް އިވެންޓެގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.