ޚަބަރު

ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް، 5 މީހެއްގެ ޙާލު ސީރިއަސް


  • 5 މީހެއްގެ ޙާލު ސީރިއަސްވެ ހުޅުމާލޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުން

ހުޅުމާލޭ ފަޅުތެރެއަށް ވަންނަން ސަރަހައްދުގައި 2 ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، މި ޙާދިސާގެ ރިޕޯޓް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބިފައިވަނީ މިރޭ 20:09 ހާއިރުކަމަށެވެ. މި ޙާދިސާގައި އެކްސިޑެންޓުވެފައިވަނީ ޖޯއީ އައިލެންޑް ރިސޯޓުން އެއަރޕޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗަކާއި ލިއޯ ޓްރޭޑިންގއަށް ނިސްބަތްވާ ލޯންޗެކެވެ.

ޖޯއީ އައިލެންޑްގެ ލޯންޗުގައި އެވަގުތު 13 ފަތުރުވެރިންނާއި 3 ފަޅުވެރިން ތިބިކަމަށާއި، މި ޙާދިސާގައި އެ ލޯންޗުން ދަތުރުކުރި މީހުންނަށް ލިބިފައިވަނީ ކުދިކުދި ޒަޚަމްތަކެއްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. އަދި އެ ހުރިހާ ފަތުރުވެރިންވެސް ފުރަން އެއަރޕޯޓަށް މިހާރު ގެންގޮސްފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މި އެކްސިޑެންޓުގައި ދެ ލޯންޗަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ލިއޯ ޓްރޭޑިންއަށް ނިސްބަތްވާ ލޯންޗުގައި އެ ވަގުތު 8 މުވައްޒަފުންނާއި 2 ފަޅުވެރިންގެ ތިބިކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

އެމީހުންގެ ތެރެއިން 5 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ހުޅުމާލޭ ހޮސްޕިޓަލުގެ އެމެޖެންސީގައި ފަރުވާ ދެމުންދާކަމަށް އެމް.އެން.ޑީ.އެފުން ވަނީ ވިދާޅުވެފައެވެ. ލޯންޗުގެ ކެޕްޓަންގެ ޙާލު ސީރިއަސްކަމަށްވެސް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މި ޙާދިސާގައި ދެ ލޯންޗުންވެސް ދަތުރުކުރި މީހުންގެ ތެރެެއިން އެއްވެސް މީހަކު ގެއްލިފައިނުވާކަން އެމް.އެން.ޑީ.އެފުން ވަނީ ކަށަވަރުކޮށްދީފައެވެ.