ޚަބަރު

ލޯންޗު އެކްސިޑެންޓުގައި ޒަޚަމްވި 8 މީހުންގެ ތެރެއިން 2 މީހަކު ފިޔަވާ އެންމެން ދޫކޮށްލައިފި


  • މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފަޅަށް ވަންނަ ސަރަޙައްދުގައި

  • ދެ ލޯންޗަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

  • 2 މީހަކު ފިޔަވާ އެންމެން ފަރުވާއަށްފަހު މިހާރު ވަނީ ދޫކޮށްލާފައި

2 ލޯންޗު ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒަޚަމްވި މީހުންގެ ތެރެއިން 2 މީހަކު ފިޔަވާ އެހެން އެންމެން ފަރުވާއަށްފަހު ދޫކޮށްލާފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ފަޅުތެރެއަށް ވަންނަ ސަރަޙައްދުގައެވެ. އެކްސިޑެންޓް ހިނގިކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފްގެ މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް ލިބިފައިވަނީ ރޭ 20:09 ހާއިރެވެ. މި ޙާދިސާގައި އެކްސިޑެންޓުވެފައިވަނީ ޖޯއީ އައިލެންޑް ރިސޯޓުން އެއަރޕޯޓަށް ދަތުރުކުރަމުންދިޔަ ލޯންޗަކާއި ލިއޯ ޓްރޭޑިންގއަށް ނިސްބަތްވާ ލޯންޗެކެވެ.

ޖޯއީ އައިލެންޑްގެ ލޯންޗުގައި އެވަގުތު 13 ފަތުރުވެރިންނާއި 3 ފަޅުވެރިން ތިބިކަމަށާއި، މި ޙާދިސާގައި އެ ލޯންޗުން ދަތުރުކުރި މީހުންނަށް ލިބިފައިވަނީ ކުދިކުދި ޒަޚަމްތަކެއްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މި އެކްސިޑެންޓުގައި ދެ ލޯންޗަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ލިއޯ ޓްރޭޑިންއަށް ނިސްބަތްވާ ލޯންޗުގައި އެ ވަގުތު 8 މުވައްޒަފުންނާއި 2 ފަޅުވެރިންގެ ތިބިކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވީ، ރޭގެ އެކްސިޑެންޓާއި ގުޅިގެން 8 މީހަކު އެ ހޮސްޕިޓަލުގެ އިމަޖެންސީއަށް ގެނެސް ފަރުވާ ދީފައިވާކަމަށެވެ. އޭގެ ތެރެއިން 2 މީހަކު ފިޔަވާ އެހެން ހުރިހާ މީހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ދޫކޮށްލާފައިވާކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. އޮބްޒަވޭޝަންގައި މިވަގުތު އޮތް 2 މީހުންނަކީވެސް ދިވެހިންކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މަޢުލޫމާތުދެއްވައެވެ.