ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށް އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
އެމް.ޑީ.ޕީގެ ޕާލިމެންޓްރީ ގްރޫޕުން މިގޮތަށް ނިންމާފައި މިވަނީ ޕީޖީ ގްރޫޕުން މިރޭ ބޭއްވި ބައްދުލުވުމުގައި އެ ގްރޫޕުގެ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މިކަން އެމް.ޑީ.ޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވަނީ ޕީ.އެސް.އެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
ރައީސް ނަޝީދާއި އީވާގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމް.ޑީ.ޕީގެ ޕީޖީ ގްރޫޕުން ނިންމާފައި މިވަނީ ރައީސް ނަޝީދުގެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ގެ އިތުބާރުނެތްކަމުގެ މައްސަލަ 50 މެންބަރުންގެ ސޮޔާއެކު އެމް.ޑީ.ޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހެޅީ މެއިމަހުގެ 23 ވަނަ ދުވަހުއެވެ. އަދި 54 މެންބަރުންގެ ސޮއި ހިމެނޭހެން، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ މިދިޔަ ޖޫންމަހުގެ 14 ވަނަ ދުވަހުއެވެ.
މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ އެ މައްސަލަތައް ހުށަހެޅުއްވި އެމް.ޑީ.ޕީން އަނބުރާގެންދިޔަކަން އަދި ރައްޔިތުންގެ މަޖިލީހަށް އަނގަވާފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. އަދި ހޯމަދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލުޖުމްހޫރިއްޔާ ހަމަޖެއްސެވިނަމަވެސް، މާދަމާ މަޖިލީހުގެ ޖަލްސާ މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް ކުރިއަށްދާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.