ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ބޭރުގެ އަސްކަރީ ސިފައިން ޤާއިމުވެތިބެ ހަރަކާތްތެރިނުވާކަމުގެ ޔަޤީންކަން ދިވެހި އަސްކަރިއްޔާގެ ލީޑަރޝިޕުން ދެއްވައިފިއެވެ. ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރުއަރާފަދަ އެއްވެސް ކަމެއް ނުހިނގާކަމަށާއި، އެފަދަ ކަމެއްކުރުމަށް ޖާގަވެސް ނުދެއްވާނެކަމަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، އޭރަކު އޮންނަ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތާއި، ދިފާޢީ ސިޔާސަތުގެ ތެރެއިން ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ގިނަ ހަރަކާތްތައް ހިންގާކަމަށާއި، އޭގެ ތެރޭގައި ޓްރޭނިންގެ ހަރަކާތްތަކާއި އެކިއެކި އޮޕަރޭޝަންތައް ހިމެނޭކަމަށެވެ. ޝަމާލް ވިދާޅުވީ، ބޭރުގެ ޤައުމުތަކާއެކު ބާއްވާ އަސްކަރީ ގުޅުމުގެ މައިގަނޑު ޢަމާޒަކީ ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރެއްވުންކަމަށެވެ.
އިންޑިއާގެ އަސްކަރިއްޔާއާއި، ދިވެހި އަސްކަރިއްޔާއާއި ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޝަމާލް ވިދާޅުވީ، މީހުން ތަމްރީންކުރުމާއި އަސްކަރީ އެކި ހަރަކާތްތަކުގައި އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރަކާއި، 2016 ވަނަ އަހަރު އިންޑީއާ ނޭވީގެ ހެލިކޮޕްޓަރެއް އަދި 2019 ވަނަ އަހަރު ޑޯނިއާ މަތިންދާ ބޯޓެއް އަދި އެނޫންވެސް ކަނޑުގެ ވަޞީލަތްތަކާއި ޕެޓްރޯލް އުޅަނދުފަހަރު ހަދިޔާކޮށްދީފައިވާކަން ޝަމާލް ފާހަގަކުރެއްވިއެވެ.
ޝަމާލް ވިދާޅުވީ މި އުޅަނދުތަކަކީ މައިގަނޑުގޮތެއްގައި ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމާއި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައްފަދަ ހިއުމެނިޓޭރިއަން ކަންކަމަށް ބޭނުންކުރާ ވަޞީލަތްތަކެއްކަމަށެވެ. އަދި މިއީ ދިވެހި ސިފައިންގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ދަށުން އޮޕަރޭޓްކުރާ އުޅަނދުތަކެއްކަމަށް ޝަމާލް ވިދާޅުވިއެވެ.
"މި 3 އުޅަނދު އެކި އަހަރުތަކުގެ މަތިން ގެނެވިފައި މި އޮތީ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ ސިފައިންގެ ރިކުއެސްޓަށް ސިފައިންނާއި ގުޅިގެން މި ހަރަކާތްތައް މި ހިިންގެނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލުގެ ދަށުން. ވަރަށް ގިނަ ޢަދަދެއްގެ ބަލި މީހުން މިހާތަނަށް އުފުލިފައިވަނީ ހަޤީޤަތުގައި ގާތްގަނޑަކަށް ޑެއިލީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިކަން ކުރެވެމުންދަނީ. އެހެންނަމަވެސް މި ހަރަކާތްތަކަކަކީ ސިފައިންގެ ބެލުމުގެ ދަށުން ސިފައިންގެ ކޮންޓްރޯލްގައި އޮވެގެން ހިންގޭ ހަރަކާތްތަކެއް." ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާގެ ބާރު ނުހިނގާ ތަންތަން ރާއްޖޭގައި އެބަހުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވަނީ ދޮގުކުރައްވާފައެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ދިފާޢުކޮށް ނެގެހެއްޓުމުގައި ދިވެހި ސިފައިން އަބަދުވެސް ސާބިތުކަމާއެކީ ތައްޔާރަތިބޭނެކަމަށް ޝަމާލް ވިދާޅުވިއެވެ.
"ވަރަށް ބޮޑަށް ދެކެވޭ ވާހަކަތެއް ދެއްތޯ ދިވެހި ސިފައިންގެ ބާރު ނޯންނަ ތަންތަން، ދިވެހި ސިފައިންގެ ބާރު ނުހިނގާތަންތަން ރާއްޖޭގައި ހުރިކަމަށް. އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެކަން. އަދި އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި ކުރިމަގުގައިވެސް އެ ފުރުޞަތެއް އެއްވެސް ބަޔަކު ނުދޭނެކަން. ވަކިން ޚާއްސަކޮށް ބޭރުގެ ޤައުމެއްގެ އަސްކަރީ ބޭސްއެއް ނުވަތަ ފެސިލިޓީއެއް ނުވަތަ ބޭރު ޤައުމެއްގެ ބަޔަކު، ސިފައިންގެ ކޮންޓްރޯލެއްނެތި އޮޕަރޭޓްކުރާ ފެސިލިޓީއެއް ރާއްޖޭގައި ނެތްކަން އަޅުގަނޑުހަމަ ފާހަގަކުރަން." ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވިއެވެ.
މި ބަސްދީގަތުމުގައި އުތުރުތިލަފަޅުގައި ތަރައްޤީކުރާ ދިވެހި އަސްކަރިއްޔާގެ "އެކަތަ" ބަނދަރު މަޝްރޫޢު ގުޅޭގޮތުން ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، އެ މަޝްރޫޢާއި ގުޅޭ މަޢުލޫމާތުތަކަކީވެސް މީޑިއާގައިވެސް އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގައިވެސް ހިއްސާކުރައްވާފައިވާ މަޢުލޫމާތުތަކެއްކަމަށެވެ. އަދި "އެކަތަ" ބަނދަރުގައި ތަރައްޤީކުރާ ހުރިހާ ފެސިލިޓީއަކާއި އެތަނުގައި ބޭނުންކުރާ ހުރިހާ ސާމާނަކީވެސް ދިވެހި ދައުލަތުގެ ފެސިލިޓީތަކެއްކަމަށް ޝަމާލް ވިދާޅުވިއެވެ. ޝަމާލް ވިދާޅުވީ، އެތަނުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައިވެސް ދިވެހި ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.
ދިވެހި ސިފައިންނަކީ އަބަދުވެސް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ނެގެހެއްޓުމުގައި ސާބިތުކަންމަތީގައި މަސައްކަތްކުރާނެ ބައެއްކަމަށް ޝަމާލް ވިދާޅުވިއެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން، އެމް.އެން.ޑީއެފްގެ ލީޑަރޝިޕުންވެސް ވަނީ ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި އަސްކަރީ ބޭނުންތަކަށް ބޭރުގެ ބަޔަކު ޤާއިމުވެ ނެތްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭނެ ފަދަ އެއްވެސްކަމަކަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން އެބޭފުޅުން ވަނީ ދެއްވާފައެވެ.