ދިވެހި އަސްކަރިއްޔާގެ ބާރު ނުހިނގާ އެއްވެސް ސަރަހައްދެއް އަދި އުޅަނދެއްވެސް ނެތްކަމާއި، އެހެން ޤައުމެއްގެ ސިފައިން ރާއްޖޭގައި ޤާއިމުވެނެތްކަމުގެ ޔަޤީންކަން ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕުން ދެއްވައިފިއެވެ. އެމްއެންޑީއެފްގެ ލީޑަރޝިޕުން ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރުއަރާފަދަ އެއްވެސް ކަމެއް ނުހިނގާކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ، އޭރަކު އޮންނަ ސަރުކާރެއްގެ ޚާރިޖީ ސިޔާސަތާއި، ދިފާޢީ ސިޔާސަތުގެ ތެރެއިން ބޭރުގެ އަސްކަރިއްޔާތަކާ ގުޅިގެން ގިނަ ހަރަކާތްތައް ހިންގާކަމަށާއި، އޭގެ ތެރޭގައި ޓްރޭނިންގެ ހަރަކާތްތަކާއި އެކިއެކި އޮޕަރޭޝަންތައް ހިމެނޭކަމަށެވެ. ޝަމާލް ވިދާޅުވީ، ބޭރުގެ ޤައުމުތަކާއެކު ބާއްވާ އަސްކަރީ ގުޅުމުގެ މައިގަނޑު ޢަމާޒަކީ ދިވެހި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރެއްވުންކަމަށެވެ.
އިންޑިއާގެ އަސްކަރިއްޔާއާއި، ދިވެހި އަސްކަރިއްޔާއާއި ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ޝަމާލް ވިދާޅުވީ، މީހުން ތަމްރީންކުރުމާއި އަސްކަރީ އެކި ހަރަކާތްތަކުގައި އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭ ބައެއްކަމަށެވެ. އެގޮތުން 2011 ވަނަ އަހަރު އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރަކާއި، 2016 ވަނަ އަހަރު އިންޑީއާ ނޭވީގެ ހެލިކޮޕްޓަރެއް އަދި 2019 ވަނަ އަހަރު ޑޯނިއާ މަތިންދާ ބޯޓެއް އަދި އެނޫންވެސް ކަނޑުގެ ވަޞީލަތްތަކާއި ޕެޓްރޯލް އުޅަނދުފަހަރު ހަދިޔާކޮށްދީފައިވާކަން ޝަމާލް ފާހަގަކުރެއްވިއެވެ.
ޝަމާލް ވިދާޅުވީ މި އުޅަނދުތަކަކީ މައިގަނޑުގޮތެއްގައި ބަލި މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމާއި ސާރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައްފަދަ ހިއުމެނިޓޭރިއަން ކަންކަމަށް ބޭނުންކުރާ ވަޞީލަތްތަކެއްކަމަށެވެ. އަދި މިއީ ދިވެހި ސިފައިންގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލްގެ ދަށުން އޮޕަރޭޓްކުރާ އުޅަނދުތަކެއްކަމަށް ޝަމާލް ވިދާޅުވިއެވެ.
"މި 3 އުޅަނދު އެކި އަހަރުތަކުގެ މަތިން ގެނެވިފައި މި އޮތީ. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ ސިފައިންގެ ރިކުއެސްޓަށް ސިފައިންނާއި ގުޅިގެން މި ހަރަކާތްތައް މި ހިިންގެނީ ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލުގެ ދަށުން. ވަރަށް ގިނަ ޢަދަދެއްގެ ބަލި މީހުން މިހާތަނަށް އުފުލިފައިވަނީ ހަޤީޤަތުގައި ގާތްގަނޑަކަށް ޑެއިލީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިކަން ކުރެވެމުންދަނީ. އެހެންނަމަވެސް މި ހަރަކާތްތަކަކަކީ ސިފައިންގެ ބެލުމުގެ ދަށުން ސިފައިންގެ ކޮންޓްރޯލްގައި އޮވެގެން ހިންގޭ ހަރަކާތްތަކެއް." ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވިއެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ވިދާޅުވީ، ބޭރުގެ އަސްކަރިއްޔާތަކާއެކު ރާއްޖޭގެ އަސްކަރިއްޔާއިން އަބަދުވެސް އެކިއެކި އޮޕަރޭޝަންތަކާއި އެކްސަރސައިޒް އަދި ޓްރެއިނިންތައް ކުރިއަށް ގެންދަވާކަމަށެވެ. މިވަގުތުވެސް ރާއްޖޭގައި އަސްކަރީ ދައުރެއް އަދާކުރުމަށް ބޭރުގެ އެއްވެސް މީހަކު ނެތްކަމުގެ ޔަޤީންކަންދެއްވަމުން ޢަބްދުއްރަހީމް ވަނީ ހަމައެކަނި ރާއްޖޭގައި ތިބީ ހެލިކޮޕްޓަރ އަދި ޑޮނިއަރ މަތިންދާ ބޯޓް އޮޕަރޭޓްކުރުމަށް ތިބި ބައެއްކަމަށް ވިދާޅުވެފައެވެ.
"ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް، އެއްވެސް ބަޔަކު ކުރާކަމަށްވާނަމަ، މާތްވެގެންވާ އިސްލާމްދީނާ މިޤައުމުގެ ޙިމާޔަތާ، މިޤައުމުގެ ދިފާޢުގައި އެންމެ ފުރަތަމަ ނިކުންނަ މީހެއްގެ ގޮތުގައި އަޅުގަނޑުވާނަން." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރައްވާތާ 35 އަހަރުގެ ތަޖުރިބާ ހިއްސާކުރައްވަމުން މޭޖަރ ޖެނެރަލް ވައިސް ވަޙީދު ވިދާޅުވީ، ރާއްޖޭގައި ދިވެހި އަސްކަރިއްޔާއަށް ތަމްރީން ދިނުމަށް ގިނަ މަރުކަޒުތަކެއް އެބަހުރިކަމަށެވެ. އަސްކަރިއްޔާގެ ސިފައިން ތަމްރީން ކުރުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ވައިސް ވިދާޅުވީ، ސިފައިން ތަމްރީންކުރުމަށްޓަކައި އެއްވެސް މަރުކަޒެއްގައި ބޭރު އެއްވެސް އަސްކަރިއްޔާގެ ސިފައިންގެ މީހަކު ޤާއިމްވެ ނެތްކަމަށެވެ. ދިވެހި ސިފައިން ތަމްރީން ކުރަނީ ވަރަށް ޤާބިލް ދިވެހި އިންސްޓްރަކްޓަރުންކަންވެސް ވައިސް ފާހަގަކުރެއްވިއެވެ.
"ދިވެހި އަސްކަރިއްޔާ ތަމްރީން ކުރުމުގެ ފަލްސަފާގެވެސް ދިވެހިރާއްޖޭގެ މިނިވަންކަމާ، އިސްތިޤްލާލާ، ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ވަރަށް ބޮޑު ބާރެއް އެޅިފަ އޮންނާނެ އަދި އަޅުގަނޑުމެންގެތެރޭގަ ކޮމްބެޓްގްރޫޕްސްގެ ގޮތުގައި ތަމްރީންވެފައިތިބި މީހުންނަކީ މިގޮތަށް ތަމްރީންވެފައި ތިބި މީހުން." ވައިސް ވިދާޅުވިއެވެ.
ބޭރުގެ އަސްކަރިއްޔާތަކާއެކު ކޮންމެ އަހަރަކުވެސް އެކްސަރސައިޒް އަދި ތަމްރީންތައް ބާއްވާކަމަށާއި، އެއީ އެޤައުމަކާއެކު ހުރިހާ ޑިޕްލޮމެޓިކް ޗެނަލްތައް އެޕްރޫވެގެން ބޭއްވޭ ޓްރައިންތަކެއްކަމަށް ވައިސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމެރިކާ އޮސްޓްރޭލިއާ އިންޑިއާ ބަންގްލަދޭޝް އަދި ސްރީލަންކާ ފާހަގަކުރެއްވިއެވެ.
ދިވެހި އަސްކަރިއްޔާގެ ލޮޖިސްޓިކް ދާއިރާއަށް އަލިއަޅުއްވާލައްވަމުން އެމްއެންޑީއެފް ކޮމަޑާންޓް ސާރވިސްކޯރ މޭޖަރ ޖެނެރަލް ޙާމިދު ޝަފީގް ވިދާޅުވީ، ލޮޖިސްޓިކް ދާއިރާއިންވެސް ބޭރުގެ އަސްކަރިއްޔާތަކާއެކު ވަރަށް ގިނަ ތަމްރީންތައް ކުރިއަށް ގެންދަވާކަމަށެވެ.
"ދިވެހި ރައްޔިތުންނަށް އަޅުގަނޑު ޔަޤީންކަން އަރުވަން، މި ފަސްގަނޑުގަ އަދި އެއްވެސް އަސްކަރީ އުޅަނދެއްގަ ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނުތިބޭނެކަމުގެ ޔަޤީންކަން. ހަމައެއާއެކު ރާއްޖޭގެ މިނިވަންކަމާ، އިސްތިޤްލާލާ ސިޔާސަތު ގެއްލޭފަދަ އެއްވެސް ހަރަކާތަކަށް، އެއްވެސް އަސްކަރީ ރޯލެއްގަ ބޭރުގެ ބަޔަކު ތިބޭކަށް އަޅުގަނޑު ސިފައިންގެ މީހެއްގެ ހައިސިއްޔަތުން އަދި ސިފައިންގެ ޖެނެރަލެއްގެ ހައިސިއްޔަތުން އަޅުގަނޑު އެފުރުޞަތު ނުދޭނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަން." ހާމިދު ވިދާޅުވިއެވެ.
އެފަދަ ބަޔަކު މިފަސްގަނޑުގައި ތިބޭނަމަ އަދި ތިބެން ގަސްތުކުރާނަމަވެސް އެންމެ ފުރަތަމަ އެކަމާ ދެކޮޅަށް އެންމެ ފުރަތަމަ ތެދުވާނެކަމުގެ ޔަޤީންކަން ޙާމިދު ދެއްވިއެވެ.
ކޯސްޓްގާޑުގެ ކޮމަޑާންޓް އިބްރާހީމް ޙިލްމީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާ، ސިޔާދަތާ އިސްތިޤްލާލަށް ނުރައްކާވާ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ދިވެހިއަސްކަރިއްޔާއިން ނުދެއްވާނެކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ވަރަށް ބޮޑު ސަރަޙައްދެއްކަން ފާހަގަކުރައްވާ ޙިލްމީ ވިދާޅުވީ، ސިޔާދަތީ ސަރަހައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ބަލާއިރު އެއީ އެއްމިލިއަން އަކަނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއްކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ސަރަަހައްދުގެ ބޭރަށް ސާރޗް އެންޑް ރެސްކިއު ރީޖަންވެސްދާކަމަށާއި، އެ ބޮޑު ސަރަހައްދުގެ ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި އުޅަނދުފަހަރު ހޯދައި، އެމީހުން ސަލާމަތްކުރުމުގައި ކުރާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތްތަކެއްކަމަށް ޙިލްމީ ވިދާޅުވިއެވެ. އަދި އެކަމުގައި ބޮޑެތި ގޮންޖެހުންތަކެއް ފާއިތުވިތަނުގައި އޮތްކަންވެސް ޙިލްމީ ފާހަގަކުރެއްވިއެވެ.
"2011 ވަނަ އަހަރު ނަންމިލިޓްރީ ރޯލެއް އަދާކުރުމަށްޓައި އިންޑިއާގެ މިލިޓަރީ ހެލިކޮޕްޓަރެއް އައްޑޫސިޓީ ގަމުގަ ސްޓޭޝަންކުރެވިގެން ގޮސްފައިވޭ. އޭގެ އިތުރަށް 2016ވަނަ އަހަރު އިންޑިއާ ނޭވީގެ ހެލިކޮޕްޓަރެއް ލ.ކައްދޫގަ ސްޓޭޝަންކުރެވިގެން ގޮސްފައިވޭ. އަދޮ 2019 ވަނަ އަހަރު ހދ.ހަނިމާދޫގަ އިންޑިއާގެ ޑޯނިއަރ މަތިންދާބޯޓެއްވެސް ސްޓޭޝަންކުރެވިގެން ގޮސްފައިވޭ. މި ވައިގެ އުޅަނދުފަހަރުގެ މައިގަނޑު ދައުރަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކުގަ އުޅަނދުފަހަރު ހޯދައި މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރުން. އަދި އެކި ސަރަހައްދުތަކުގަ ކަނޑުމަތީގައި ހިންގަންޖެހޭ މެޑިކަލް އިވެކުއޭޝަން ނުހިންގޭފަދަ ހާލަތުގަ އަދި ކްރިޓިކަލް ޕޭޝަންޓުން މާލެއަށްސިއްޙީ ފަރުވާއަށް ގެންނަންޖެހޭ ވަގުތުތަކުގައި މިވައިގެ އުޅަނދުފަހަރުގެ އެހީތެރިކަމާއެކު މަސައްކަތްކުރަމުން މިއަންނަނީ." ޙިލްމީ ވިދާޅުވިއެވެ.
އެ ހުރިހާ އުޅަނދުތަކުގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް ދިވެހި އަސްކަރިއްޔާގައި އޮތްކަމުގެ ޔަޤީންކަންވެސް ޙިލްމީ ދެއްވިއެވެ. އެ އުޅަނދުތައް އޮޕަރޭޓްކުރާނީ ސިވެހި ސިފައިންނާއެކުކަމަށާއި، އަދި އުދުހޭނީވެސް ދިވެހި އަސްކަރިއްޔާގެ ކޮމާންޑާއެކުކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.
ސިފައިންގެ މެޑިކަލްކޯގެ އެންމެ އިސްވެރިޔާ، ބްރިގޭޑިއަރ ޖެނެރަލް ޑރ.އަލީ ޝާހިދު މުޙައްމަދު ވިދާޅުވީ، ސިއްޙީ ދާއިރާއިން ބޭރުގެ އަސްކަރިއްޔާތަކާއި ގުޅުން ގާއިމްކުރެވިފައިވާކަމަށެވެ. މިގޮތުން ސެޕްޓެމްބަރ 2012އިން ފެށިގެން ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި ދިވެހި އަސްކަރިއްޔާގެ ބެލުމުގެމަތިން އިންޑިއާގެ ސިފައިންގެ ސިއްޙީ ދާއިރާގެ ބޭފުޅުން މަސައްކަތްކުރަމުން ގެންދާކަމަށް ވިދާޅުވިއެވެ.
"އެމީހުންގެ ހަމައެކަނި މަސައްކަތަކީ މެޑިކަލް ޑޮކްޓަރެއްގެ ހައިސިއްޔަތުން ބަލިމީހުން ބެލުން. އަދި މިމީހުން މަސައްކަތްކުރަމުން ގެންދަނީ ދިވެހިރާއްޖޭގެ ޤާނޫނާ ޤަވާއިދުގެ މަތިން ރަޖިސްޓްރީކުރަންޖެހޭ ތަންތަނުގަ ރަޖިސްޓްރީވެގެން. މިމީހުންގެ ހަމައެކަނި މަސައްކަތަކީ ބަލިމީހުން ބެލުން. މިނޫން އެއްވެސް މަސައްކަތެއް އެމީހުންގެ ނޯންނާނެ. އެމީހުންގެ ބޭނުން ސަރުކާރުގެ އެހެން ބައެއް ހޮސްޕިޓަލްތަކުގެ ބޭނުމަށް ދޫކުރެވިފަ ހުންނާނެ. އަދި ރާއްޖެތެރޭގެ ބައެއް ސެންޓަރުތަކުގައިވެސް އެމީހުން ބޭނުންކުރެވިފަ ހުންނާނެ. މިހުރިހާ ކަމެއްގައިވެސް އެމީހުންގެ ދައުރަކީ ބަލިމީހުން ބެލުން." ޑރ.ޝާހިދު ވިދާޅުވިއެވެ.
އިންޑިއާގެ އިތުރުން އެހެން ބައެއް ޤައުމުތަކުގެ ސިއްޙީ ދާއިރާގެ ބޭފުޅުންވެސް ސެނެހިޔާގައި މަސައްކަތްކޮށްފައިވާކަަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެމީހުން ރާއްޖެ އަންނަނީ އަހަރުންއަހަރަށް ރާއްޖެއިން ބޭނުންވާ ވަކި ދާއިރާތަކަކުންކަމަށެވެ.
ރާއްޖޭގެ އެއްވެސް ތަނެއްގައި މިލިޓްރީ ބޭސްއެއް އަދި މިލިޓްރީ މަސައްކަތެއްކުރުމަށް އެއްވެސް ޤައުމެއްގެ ސިފައިން ނެތްކަމުގެ ޔަޤީންކަންވެސް ޑރ.ޝާހިދު ދެއްވިއެވެ.
މާލެ އޭރިއާގެ ކޮމާންޑުގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޤިޔާސް ވިދާޅުވީ، މާލެ އޭރިއާގެ ކޮމާންޑުގައި ބޭރުގެ އެއްވެސް އަސްކަރިއްޔާގެ އެއްވެސް ސިފައިގެ މީހަކު އަސްކަރީ މަސައްކަތް ނުކުރާކަަމަށެވެ. އަދި އެހެން ސަރަހައްދެއްގައިވެސް އަސްކަރީ މަސައްކަތްކުރުމަށް ބޭރުގެ ސިފައިން ނެރްކަމުގެ ޔަޤީންކަން ޤިޔާސް ދެއްވިއެވެ.
މާލެ އޭރިއާގެ ކޮމާންޑް ހިމެނެނީ ކ އަތޮޅުން ފެށިގެން ވ އަތޮޅަށެވެ. ޤިޔާސްއަކީ ސިފައިންގެ ލަފާދޭ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ އަދި އެހެން ބައެއް ބޯޑުތަކުގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
"އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް ޔަޤީންކަން އަރުވަން ދިވެހިރާއްޖޭގެ އިސްތިގްލާލާ ސިޔާދަތާ މިނިވަންކަމާ ދެކޮޅަށް އެއްވެސް މީހަކު އެއްވެސް ޢަމަލެއް ހިންގާކަމަށްވާނަމަ އެކަމާ ދެކޮޅަށް ނިކުންނާނެ ފުރަތަމަ މީހަކީ އަޅުގަނޑުކަމުގަ ވާނަން. އަދި އަޅުގަނޑުގެ ކޮމާންޑުގައި މަސައްކަތްކުރާ އެހެން ސިފައިންވެސް އަޅުގަނޑާ އެކު ނިކުންނާނެކަމުގެ ޔަޤީންކަން ދިވެހިރައްޔިތުންނަށް އަރުވަން." ޤިޔާސް ވިދާޅުވިއެވެ.
ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ރަޝީދުވެސް ވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު އޮޕަރޭޝަނަލް އެއްވެސް ހަރަކާތެއް ނުހިންގާކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"ރާއްޖޭގެ މިނިވަންކަމާ އިސްތިޤްލާލާ ސިޔާދަތަށް ބުރޫއަރާފަދަ އެއްވެސް ކަމެއް މިދިވެހި ފަސްކަނޑަކު ނުހިނގާ.އަދި އެފަދަ ކަމެއް ހިނގާނަމަ ދިވެހި ސައިން އެފަދަ ކަމަކަށް ފުރުޞަތެއް ނުދޭނެ. އަދި އެފަދަ ކަމެއް ހިނގާކަމަށްވާނަ އެންމެ ފުރަތަމަ ނިކުންނާނެ މީހެއްގެ ގޮތުގަ އަޅުގަނޑު ހުންނާނަން." އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ޑިފެންސް އިންޓެލިޖަންސް ސާރވިސްގެ އެއް މަޤްޞަދަކީވެސް ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް އެއްވެސް އުނިކަމެއް، ނުރައްކަލެއް އޮތްތޯބަލައި، އެކަމުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ފޯރުކޯށްދިނުމެވެ. ޑައިރެކްޓަރ ޖެނެރަލް ޑިފެންސް އިންޓެލިޖަންސް ސާރވިސްގެ ވެރިޔާ ޢަބްދުﷲ ޒުހުރީވެސް ވަނީ ރާއްޖޭގެ ފަސްގަނޑުގައި އަސްކަރީ ބޭނުމެއްގައި ސިފައިން ނެތްކަމާއި އެފަދަ މަސައްކަތެއް ނުކުރާކަމަށް ވިދާޅުވެފައެވެ.
"ރާއްޖޭގައި ވަރަށް ގިނަ ބޭރު މީހުން އުޅޭ. އެމީހުންނާ ގުޅޭ ވަރަށް ގިނަ މަޢުޫމާތުތައް އެކުރަމުންދަން. އެ މަޢުލޫމާތުތައް ކަމާބެހޭ ފަރާތްތަކަށް ދެން. އަޅުގަނޑު އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރެއްގެ ހައިސިއްޔަތުން ދިވެހި ރައްޔިތުންނަށް ޔަޤީންކަން އަރުވަންބޭނުންވަނީ ދިވެހިރާއްޖޭގައ މިނިވަންކަމާ ސިޔާސަތާ އިސްތިގްލާލަށް އުނިކަން އަތުވެދާފަދަ އެއްވެސް ކަމެއް އަޅުގަނޑު އެންމެ ފުރަތަމަ އެންމެ އިސްސަފުގައި ނިކުމެ އެބަޔަކަ ދެކޮޅަށް މަސައްކަތްކުރާނެކަމަށް."
ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްވެސް ވަނީ ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާގެ ސިފައިން ޤާއިމްވެ ނުތިބޭކަމުގެ ޔަޤީންކަން ދެއްވާފައެވެ.
"ރާއްޖޭގެ އަސްކަރިއްޔާތަކާއި ބޭރުގެ އަސްކަރިއްޔާތައް ގުޅިގެން ދިވެހި ސިފައިން ކުރިއަރުވަން ރާއްޖެއާއ ރާއްޖެއިން ބޭރުގަ އެކިއެކި ހަރަކަތްތައް ހިންގަމުން ގެންދަން. ދިވެހިރާއްޖޭޣެ ފަސްގަނޑުގަ އަސްކަރީ ދައުރެއް އަދާކުރުމަށް ބޭރުގެ އެއްވެސް ބަޔަކު ރާއްޖޭގައި މަސައްކަތްކުރަމުން ނުދޭ." ޢަބްދުﷲ ވިދާޅުވިއެވެ.
އެމް.އެން.ޑީއެފްގެ ލީޑަރޝިޕުންވެސް ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލޭނެ ފަދަ އެއްވެސްކަމަކަށް ފުރުޞަތު ނުދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.