ޚަބަރު

"ސިފައިން ތަމްރީންކުރަން އެއްވެސް މަރުކަޒެއްގައި ބޭރު އެއްވެސް އަސްކަރިއްޔާގެ ސިފައިންގެ މީހަކު ޤާއިމްވެ ނުތިބޭނެ"


  • ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ސިފައިން ޤާއިމުވެ ނެތްކަމަށް

  • ދިވެހި އަސްކަރިއްޔާގެ ބާރު ނުހިނގާ ތަނެއް ނެތްކަން

  • ދިވެހި އަސްކަރިއްޔާގެ ބާރު ނުހިނގާ އުޅަނދެއްވެސް ނެތްކަން

ދިވެހި ސިފައިން ތަމްރީންކުރަން އެއްވެސް މަރުކަޒެއްގައި ބޭރުގެ އެއްވެސް އަސްކަރިއްޔާގެ ސިފައިންގެ މީހަކު ޤާއިމްވެ ނުތިބޭނެކަމުގެ ޔަޤީންކަން ޤައުމީ ދިފާޢީ ބާރުގެ ލީޑަރޝިޕުން ދެއްވައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ދިވެހި އަސްކަރިއްޔާގައި މަސައްކަތްކުރައްވާތާ 35 އަހަރު ވެފައިވާ، އެމް.އެން.ޑީ.އެފްގެ މެރިން ކޯޕްސްގެ ކޮމަޑާންޓް މޭޖަރ ޖެނެރަލް ވައިސް ވަޙީދު ވިދާޅުވީ، ރާއްޖޭގައި ދިވެހި އަސްކަރިއްޔާއަށް ތަމްރީން ދިނުމަށް ގިނަ މަރުކަޒުތަކެއް އެބަހުރިކަމަށެވެ. އަސްކަރިއްޔާގެ ސިފައިން ތަމްރީން ކުރުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނެވި ވައިސް ވިދާޅުވީ، ސިފައިން ތަމްރީންކުރުމަށްޓަކައި އެއްވެސް މަރުކަޒެއްގައި ބޭރުގެ އެއްވެސް އަސްކަރިއްޔާގެ ސިފައިންގެ މީހަކު ޤާއިމްވެ ނެތްކަމަށެވެ. އަދި ދިވެހި ސިފައިން ތަމްރީން ކުރަނީ ވަރަށް ޤާބިލް ދިވެހި އިންސްޓްރަކްޓަރުންކަންވެސް ވައިސް ފާހަގަކުރެއްވިއެވެ.

"ދިވެހި އަސްކަރިއްޔާ ތަމްރީން ކުރުމުގެ ފަލްސަފާގެވެސް ދިވެހިރާއްޖޭގެ މިނިވަންކަމާ، އިސްތިޤްލާލާ، ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި ވަރަށް ބޮޑު ބާރެއް އެޅިފަ އޮންނާނެ އަދި އަޅުގަނޑުމެންގެތެރޭގަ ކޮމްބެޓްގްރޫޕްސްގެ ގޮތުގައި ތަމްރީންވެފައިތިބި މީހުންނަކީ މިގޮތަށް ތަމްރީންވެފައި ތިބި މީހުން." ވައިސް ވިދާޅުވިއެވެ.

ބޭރުގެ އަސްކަރިއްޔާތަކާއެކު ކޮންމެ އަހަރަކުވެސް އެކްސަރސައިޒް އަދި ތަމްރީންތައް ބާއްވާކަމަށާއި، އެއީ އެޤައުމަކާއެކު ހުރިހާ ޑިޕްލޮމެޓިކް ޗެނަލްތައް އެޕްރޫވެގެން ބޭއްވޭ ތަމްރީންތަކެއްކަމަށްވެސް ވައިސް ވިދާޅުވިއެވެ. އޭގެ ތެރޭގައި އެމެރިކާ، އޮސްޓްރޭލިއާ، އިންޑިއާ، ބަންގްލަދޭޝް، އަދި ސްރީލަންކާ ފަދަ ޤައުމުތަކާއެކީ ތަފާތު ތަމްރީންތައް ކުރިއަށްގެންދަވާކަން ވައިސް ފާހަގަކުރެއްވިއެވެ.

ޤައުމީ ދިފާއީ ބާރުގެ މަސައްކަތްތަކަށް ބަލާއިރު، އެންމެ ބޮޑު ރޯލެއް ފެނިގެންދަނީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓެވުމުގައެވެ. އެގޮތުން ކަނޑުމަތީގައި ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވުމާއި، ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، މެޑިކަލް އިވެކުއޭޝަންފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑުގެ ރޯލު ބޮޑުވެފައި މުހިންމެވެ.

ކޯސްޓްގާޑުގެ ކޮމަޑާންޓް އިބްރާހީމް ޙިލްމީ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާ އިސްތިޤްލާލަށް ނުރައްކާވާ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ދިވެހި އަސްކަރިއްޔާއިން ނުދެއްވާނެކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ވަރަށް ބޮޑު ސަރަޙައްދެއްކަން ފާހަގަކުރައްވާ ޙިލްމީ ވިދާޅުވީ، ސިޔާދަތީ ސަރަހައްދާއި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދަށް ބަލާއިރު އެއީ އެއް މިލިއަން އަކަނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަޙައްދެއްކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބޭރަށް ސާރޗް އެންޑް ރެސްކިއު ރީޖަންވެސްދާކަމަށާއި، އެ ބޮޑު ސަރަހައްދުގެ ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި އުޅަނދުފަހަރު ހޯދައި، އެމީހުން ސަލާމަތްކުރުމުގައި ކުރާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތްތަކެއްކަމަށް ޙިލްމީ ވިދާޅުވިއެވެ.

މި މަސައްކަތްތަކުގައި ބޭރުގެ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ އުޅަނދުތަކާއި ވަޞީލަތްތައް ކޯސްޓްގާޑުން ބޭނުންކުރައްވާކަމަށާއި، ނަމަވެސް މިހުރިހާ އެއްޗަކީވެސް ދިވެހި ސިފައިންގެ ފުލް ކޮމާންޑް އެންޑް ކޮންޓްރޯލް ހިންގާ ތަކެތިކަން ޙިލްމީ ފާހަގަކުރެއްވިއެވެ.

"2011 ވަނަ އަހަރު ނަންމިލިޓްރީ ރޯލެއް އަދާކުރުމަށްޓައި އިންޑިއާގެ މިލިޓަރީ ހެލިކޮޕްޓަރެއް އައްޑޫސިޓީ ގަމުގައި ސްޓޭޝަންކުރެވިގެން ގޮސްފައިވޭ. އޭގެ އިތުރަށް 2016 ވަނަ އަހަރު އިންޑިއާ ނޭވީގެ ހެލިކޮޕްޓަރެއް ލ. ކައްދޫގަ ސްޓޭޝަންކުރެވިގެން ގޮސްފައިވޭ. އަދި 2019 ވަނަ އަހަރު ހދ. ހަނިމާދޫގައި އިންޑިއާގެ ޑޯނިއަރ މަތިންދާބޯޓެއްވެސް ސްޓޭޝަންކުރެވިގެން ގޮސްފައިވޭ. މި ވައިގެ އުޅަނދުފަހަރުގެ މައިގަނޑު ދައުރަކީ ކަނޑުމަތީގައި ހިނގާ ހާދިސާތަކުގަ އުޅަނދުފަހަރު ހޯދައި މީހުން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރުން. އަދި އެކި ސަރަހައްދުތަކުގަ ކަނޑުމަތީގައި ހިންގަންޖެހޭ މެޑިކަލް އިވެކުއޭޝަން ނުހިންގޭފަދަ ހާލަތުގަ އަދި ކްރިޓިކަލް ޕޭޝަންޓުން މާލެއަށްސިއްޙީ ފަރުވާއަށް ގެންނަންޖެހޭ ވަގުތުތަކުގައި މިވައިގެ އުޅަނދުފަހަރުގެ އެހީތެރިކަމާއެކު މަސައްކަތްކުރަމުން މިއަންނަނީ." ޙިލްމީ ވިދާޅުވިއެވެ.

މި ހުރިހާ އުޅަނދުތަކުގެ ފުރިހަމަ ކޮމާންޑް އެންޑް ކޮންޓްރޯލް ދިވެހި އަސްކަރިއްޔާގައި އޮތްކަމުގެ ޔަޤީންކަންވެސް ޙިލްމީ ދެއްވިއެވެ. އެ އުޅަނދުތައް އޮޕަރޭޓްކުރާނީ ދިވެހި ސިފައިންނާއެކުކަމަށާއި، އަދި އުދުހޭނީވެސް ދިވެހި އަސްކަރިއްޔާގެ ކޮމާންޑާއެކުކަމަށްވެސް ޙިލްމީ ވިދާޅުވިއެވެ.