މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދުން ފެށިގެން ކޮންމެ ދުވަހަކު މާލޭގެ ގެތަކަށް ވަޑައިގެން ކެމްޕެއިން ކުރެއްވުމަށް ނިންމަވައިފިއެވެ.
ގޭގެއަށް ވަޑައިގެން ތާއިދު ހޯއްދެއްވުމަށްޓަކައި ފެށްޓެވި ހަރަކާތުގައި އެމަނިކުފާނު މިއަދު ހަވީރު ވަނީ މައްޗަންގޮޅި އުތުރު ދާއިރާއާއި، މާފަންނު އުތުރު ދާއިރާގެ ގޭގެއަށް ވަޑައިގެން އެ ގެތަކުގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވާ ވަގުތު ހޭދަކުރައްވާފައެވެ. އަދި މިއީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު އެ މަނިކުފާނު މާލޭ ކެމްޕެއިންގައި ދޮރުންދޮރަށް ހިންގަވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.
އެމްޑީޕީން ބުނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތުގައި ރައީސް ޞާލިހް މާލޭގެ އެކި ގެތަކަށް ވަޑައިގަތް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
ގޭގެއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ކެމްޕެއިން ހަރަކާތުގައި ރައީސް ޞާލިޙްގެ އިތުރުން ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އެގޮތުން އެމްޑީޕީ މާލޭގެ ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ކޯލިޝަން ޕާޓީތަކުގެ އިސް ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް ޞާލިހްގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ދޮރުންދޮރަށް ކެމްޕެއިން ހަރަކާތްތަކެއް ފައްޓަވާފައެވެ. އެކަމަނާ އިއްޔެ ވަޑައިގަތީ ވިލިމާލޭގެ ބައެއް ގެތަކަށެވެ. މިއަދު ވަނީ ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
ރައީސް ޞާލިޙްވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު ދެވަނަ ބުރަށް ކުރައްވާ ކެމްޕެއިން އިތުރަށް ވަރުގަދަކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕާޓީއަށް ހެދިފައިވާ ބައެއް ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކުރައްވާފައިވާކަމަށްވެސް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.