ޚަބަރު

ދުރާލާ ވިސާ ނެގުމަކާ ނުލާ ދިވެހިންނަށް ހޮންޑޫރަސްއަށް ދިއުމުގެ ފުރުޞަތު


  • ވިސާނެގުމެއްނެތި 30 ދުވަހުގެ މުއްދަތަކަށް ދަތުރުކުރެވޭނެ

  • މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅެއް

  • ހޮންޑޫރަސްއާއެކު ޚާރިޖީ ގުޅުން ޤާއިމުކުރީ 2011 ގައި

ދިވެހިރާއްޖޭ އާއި ހޮންޑޫރަސްއާ ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުމުގެ ދަށުން، ދުރާލާ ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ހޮންޑޫރަސްއަށް 30 ދުވަހުގެ މުއްދަތަކަށް ދަތުރުކުރެވޭނެއެވެ. އަދި އެ ޤައުމުގެ ރައްޔިތުންނަށް ވެސް ވިސާނެގުމެއް ނެތި 30 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖެއަށް ދަތުރުކުރެވޭނެއެވެ.

ރާއްޖެއާއި ހޮންޑޫއުރަސްއާއި ދެމެދު ވިސާ ވެއިވަރ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލްއެވެ. އަދި ހޮންޑޫރަސް ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުގެ މިިނިސްޓަރ އޮފް ފޮރިން އެފެއާޒް އެން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޑުއަޑޯ އެންރީކޭ ރެއިނާ ގާރްސިއާއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޚަލީލް ވަނީ ރާއްޖެއާއި ހޮންޑޫރަސް އާ ދެމެދު ގުޅުން ބަދަހިކުރެއްވުމަށްޓަކައި އެ ޤައުމުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން ބަދަހިވެ، އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

ހޮންޑޫރަސް އަކީ މެދުތެރޭ އެމެރިކާގެ ޤައުމެކެވެ. ދިވެހިރާއްޖެއިން ހޮންޑޫރަސްއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 13 އޮކްޓޫބަރ 2011 ގައެވެ. މިއަހަރު މި ގުޅުމަށް 12 އަހަރު ފުރިގެންދާނެއެވެ.