ޚަބަރު

ސިފައިންގެ ޢާއިލާތަކުގެ ދިގު އިންތިޒާރަށް ނިމުމެއް، ޒަމާނީ ފްލެޓްތައް ކުޑަ އަގެއްގައި


  • ދެ ސަރުކާރުން ކޮންޓްރެކްޓަރ ބަދަލުކޮށްގެންވެސް މި މަޝްރޫއު ނުނިމުނު

  • އަގު ކުޑަކޮށް 19 އަހަރުން މިހާރު ފްލެޓް އަމިއްލަކުރެވޭނެ

  • ފްލެޓްތަކުގެ ޙައްޤުވެރިން ތިބީ އުފަލުން ފޮޅިފައި

ސިފައިންގެ ސިފްކޯ ފްލެޓްތަކުގެ އަގުކުޑަކޮށް، 19 އަހަރުން އެތަންތަން އަމިއްލަކުރެވޭގޮތަށް މި ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާކަމަށް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މި ފްލެޓްތަކުގެ މަސައްކަތް ނިންމާ، މިހާރު ވަނީ ފްލެޓްތައް ލިބުނު ސިފައިންގެ ޢާއިލާތަކަށް ތަޅުދަނޑި ޙަވާލުކުރަން ފަށާފައެވެ.

ދިވެހި ސިފައިންގެ ވެލްފެއަރގެ ކަންކަމުގެ ތެރެއިން އެންމެ ބޮޑު ހައްލެއް ބޭނުންވެފައި އޮތް އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިކަމަށް ޙައްލެއް ގެނެސްދެއްވުމަށް މީގެ 10 އަހަރު ކުރިން ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކުގެ ސަރުކާރުގައި 2013 ވަނަ އަހަރު ހުޅުމާލޭގައި ބިންގާ އެޅި "ސިފްކޯ" ފްލެޓްތަކުގެ މަޝްރޫޢާއެކު، ބޯހިޔާވަހިކަމުގެ އިންތިޒާރުގައި ތިބި ސިފައިންގެ ޢާއިލާތަކަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބިގެންދިޔައެވެ.

މި ފްލެޓްތަކުގެ މަސައްކަތް އެންމެ ފުރަތަމަ ޙަވާލުކުރީ ނޫމަޑި ކުންފުންޏާއެވެ. ނަމަވެސް ފްލެޓްތަކުގެ ބިންގާއެޅުން ފިޔަވާ، އިތުރު ބޮޑު މަސައްކަތެއް ނުކުރެވި އެ ސަރުކާރު ނިމިގެންދިޔައީއެވެ.

އެފަހުން އައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައިވެސް މި ފްލެޓްތަކުގެ މަސައްކަތްތައް އެދެވޭ ބާރު މިނެއްގައި ކުރިއަށްގޮސްފައެއްނުވެއެވެ. އެއާއެކު އެކި މައްސަލަތައް ކުރިމަތިވެ ނޫމަޑިއާއެކު ހަދާފައިވާ އެއްބަސްވުން 2016 ވަނަ އަހަރު އުވާލާ، އަލުން މަސައްކަތް ފެށިއެވެ.

ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން އެ މަސައްކަތް ފަށްޓަވާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއެވެ.

އޭރު އެ މަސައްކަތް ކުރަމުންދިޔައީ އައިލެންޑް އެކްސްޕާރޓް މޯލްޑިވްސް ކިޔާބައެކެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ 5 އަހަރުވީ ވެރިކަން ނިމިގެންދިޔައިރުވެސް ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިންމޭގޮތެއްނުވިއެވެ.

އެއަށްފަހު 2018 ވަނަ އަހަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެން ވަނީ ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިންމުމަށް މަސައްކަތް ފަށްޓަވާފައެވެ. 2 ފަހަރެއްގެ މަތިން ޙަވާލުކުރި ކުންފުނިތަކަށްވެސް މަސައްކަތް ނިންމޭގޮތް ނުވުމުން، މި ފްލެޓްތަކުގެ މަސައްކަތް ފުރިހަމަކޮށްފައިވަނީ ޗައިނާގެ ޗައިނާގެ ޓުވެންޓީ ތާރޑް މެޓަލަޖިކަލް ކޮންސްޓްރަކްޝަން ގްރޫޕާއި ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ ދަށުން ފްލެޓް ލިބޭ ސިފައިންގެ ލިސްޓްވެސް ކުރިން އޮތީ އިޢުލާންކޮށްފައެވެ. އަދި ގިނަބަޔަކު ފްލެޓްތަކަށް ފައިސާވެސް ދައްކާފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިއުން ވެގެންދިޔައީ ސިފައިންގެ އެތައް ޢާއިލާއަކަށް މާޔޫސްކަން ގެނުވިކަމަކަށެވެ. އެކަމުގެ ޝަކުވާއާއި ކަންބޮޑުވުން އެއާއިލާތަކުން ދިޔައީ ފާޅުކުރަމުންނެވެ.

އެހެންނަމަވެސް މިއަދުގެ ސަރުކާރުން މިވަނީ ސިފައިންގެ ދުވަސްވީ މިކަންބޮޑުވުމަށް ނިންމުން ގެނެސްދެއްވާ، މަޑުޖެހިފައިއޮތް ސިފްކޯ ފްލެޓްތަކުގެ މަޝްރޫޢަށް ދިރުން ގެންނަވާ، މަސައްކަތް ފުރިހަމަކުރެއްވުމަށްފަހު ފްލެޓްތަކުގެ ޙައްޤުވެރިންނަށް ފްލެޓް ހަވާލުކުރަން ފަށްޓަވާފައެވެ.

މިއީ ޒަމާނީ ފެންވަރުގެ ހިތްގައިމު ފްލެޓްތަކެއް

ދިވެހި ސިފައިންނާއި، ސިފައިންގެ ޢާއިލާތަކަށް ޚާއްޞަކުރައްވައިގެން ހުޅުމާލޭގައި ޢިމާރާތްކޮށްފައިވާ ސިފްކޯ ހިޔާ 3 ޓަވަރަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާފައިވާ ފްލެޓްތަކެކެވެ.

"ސިފްކޯ ހިޔާ"ގައި ހިމެނޭ، 330 ފްލެޓަކީ ޒަމާނީ ފެންވަރުގައި ތަރައްޤީކޮށްފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓުގެ ޖާގަ ހުންނާނެއެވެ.

މި ޢިމާރާތްތަކުގެ އެންމެ ތިރިން އެއްގަމު އުޅަނދުތައް ޕާކްކުރުމަށް ވަނީ ޖާގަ ޚާއްސަކޮށްފައެވެ. އަދި ވިޔަފާރިތަކަށްވެސް ވަކި ޚާއްސަ ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. މިހާރު އެންމެ ތިރީގެ މަސައްކަތްތައް ނިމުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ހުރިހާ ޔުނިޓްތަކެއްވެސް ޙަވާލުކުރެވިގެންދާނީ އެތަންތަނަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތްވެސް ވަނީ ގުޅައިދިނުމަށްފަހުއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ޚިލާފަށް ސިފައިންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ނިންމާ އޭގެ ޙައްޤުވެރިންނަށް ހަވާލުކުރަމުން އަންނަނީ ފިނިޝިންގެ ހުރިހާ މަސައްކަތްތަކެއް ނިންމުމަށްފަހުގައިކަމަށެވެ.

އެގޮތުން ސިފްކޯ ހިޔާގެ 330 ފްލެޓްއަކީ އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފްލެޓްތަކެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ފްލެޓްތަކުގައި ހުންނާނީ ޒަމާނީ ފެންވަރުގެ ސާމާނުކަމަށެވެ. ސިފްކޯ ހިޔާގެ ފްލެޓްތައް ހަވާލުކުރަން ފަށާފައިވަނީ ބަދިގެ ސެޓް ހަރުކުރުމަށް ފަހުގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އެންމެ ޒަމާނީ ފެންވަރުގެ ފިޓިންސް ބަދިގެ ސެޓް ، މައިކްރޯވޭވް ވެސް ލާފައި ހުންނާނީ . ބަހާލައިގެން އެގްރީމަންޓްތައް ހަވާލުކޮށް ތަޅުދަނޑިތައް ހަވާލުކުރަމުން ދާނީ. މިހާރު ކޮމާޝަލް ސަރަޙައްދުގެ މަސައްކަތްތައް ކުރިއަށް އެދަނީ. އެންމެ ބޮޑު އިސްކަމެއް ސަރުކާރުން ދެއްވީ ވީހާވެސް އަވަހަކަށް ސައިފައިންގެ ކުދިންނަށް އެތަނަށް ވަދެވޭނެ ގޮތް ހެދުމަށް." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

އަގު 1.6 މިލިޔަން ރުފިޔާ، 19 އަހަރުން އެޕާޓްމަންޓް އަމިއްލަކުރެވޭނެ

ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވީ، ސިފްކޯ ފްލެޓްތަކުގެ މަސައްކަތް ލަސްވުމުގެ ސަބަބުން 2016 ވަނަ އަހަރު އޭރުގެ ސަރުކާރުން ލޯނެއް ނަގާ 6 މަސްދުވަހުގެ ތެރޭގައި ލޯނުދައްކަން ފަށާގޮތަށް ނިންމާފައި އޮތްކަމަށެވެ. ނަމަވެސް މި ސަރުކާރު ހަވާލުވިއިރުވެސް ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުގޮސް އޮތުމުގެ ސަބަބުން ފްލެޓްތަކުގެ އަގު އެތައް ގުނައަކަށް މައްޗަށް ދިޔަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން ލޯނު ނުދެއްކުމުގެ ޖޫރިމަނާއާއި އިންޓްރެސްޓް ހިމެނޭހެން 1.4 ބިލިޔަން ރުފިޔާ ޕްރޮޖެކްޓްގެ އަގަށް އެރިކަމަށް މާރިޔާ ވިދާޅުވިއެވެ. އެއާއެކު ކޮންމެ ފްލެޓެއްގެ ހައްޤުވެރިން 5 މިލިޔަން ރުފިޔާ ދައްކަން ޖެހޭގޮތަށް އޮތްނަމަވެސް، މި ސަރުކާރުން އެ އަގު 1.6 މިލިއަން ރުފިޔާއަށް ކުޑަކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިން 30 އަހަރުން މަހަކު 7150 ރުފިޔާ ދައްކައިގެން އަމިއްލަ ވާގޮތަށް އޮތަންމަވެސް މިހާރު 19 އަހަރުން އެ ފައިސާ ދައްއިގެން ފްލެޓް އަމިއްލަކުރެވޭނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މި ސަރުކާރު އައިރު ކޮށި ގަނޑެއް ހެން ތަން ހުރީ. އެއްވެސް ކަހަލަ އިތުރު މަސައްކަތަކެއް ކޮށްފައެއް ނެތް. ސަރުކާރުން ސިފައިންނަށް ލުޔެއް ދިނުމުގެ ގޮތުން 3.4 މިލިޔަން ރުފިޔާގެ ލުޔެއް މިވަނީ ދީފައި. މިހާރު ފްލެޓްގެ އަގަކީ 1.6 މިލިޔަން ރުފިޔާ. 19 އަހަރުން ފްލެޓް މިލްކްކޮށްލެވޭނެ." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ސިފައިންގެ ފްލެޓްތަކުގެ މަސައްކަތް ނިންމާ ތަޅުދަނޑި މިހާރު ހަވާލުކުރަން ފަށާފައިވާއިރު، 10 އަހަރުގެ ދިގު މުއްދަތަކަށްފަހު ފެލްޓްތައް ލިބޭތީ ފްލެޓްގެ ހައްޤުވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ ޚާއްސަގޮތެއްގައި މާލޭގައި ކުލި ދައްކައިގެން އުޅެންޖެހުނު ތަކުލީފަށް ހައްލެއް ލިބޭނެކަމުގެ އުއްމީދު އެމީހުން ފާހަގަކުރިއެވެ.

"ވަރަށް އުފާވެއްޖެ، އެތަކެއް ދުވަސްތަކަކަށްފަހު މި ފްލެޓް ލިބުނީމަ.. ކުލީގެ ގޮތުގައި ދައްކަން ޖެހުނު ފައިސާ މަދުވީމަ އެއަށްވުރެ ބޮޑަށް ހިތްހަމަޖެހިއްޖެ. ކުރު މުއްދަތެއްގައި އަޅުގަނޑުމެންނަށް ފްލެޓް މިލްކްކޮށްލެވޭނެ މަގު ތަނަވަސްވީ" ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި ފްލެޓް ލިބުނު ސިފައިންގެ މީހެއްގެ އާއިލާ މެންބަރަކު ބުންޏެވެ.

"މިހާރު އުޅެން މިޖެހެނީ މާލޭގައި ބޮޑު ކުލި ދީގެން. ނަމަވެސް މިތަން ލިބުމުން އަމިއްލަތަނެއް ލިބޭނެކަން ޔަޤީންވެއްޖެ. އަނެއްކާ ހުޅުމާލެއިން ފްލެޓް ލިބުނީމަ ވަރަށް ހިތްހަމަޖެހިފައި މިހުރީ." ފްލެޓް ލިބުނު ސިފައިންގެ މީހަކު ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދައްކަމުން ބުންޏެވެ.

ސިފައިންގެ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރާން ފަށާފައިވަނީ ޓަަވަރު "އޭ"ގެ އެޕާޓްމަންޓްތަކެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ދެންހުރި ޓަވަރުތަކާއި އިތުރު އެޕާޓްމަންޓްތައް އޭގެ ހައްޤުވެރިންނަށް ދެމުންދާނެއެވެ.

މިއީ ސިފައިންގެ ތަރައްޤީއަށާއި މި ލޮބުވެތި ޤައުމަށް ދިވެހި ސިފައިން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތަށްވެސް އިތުރު ހިތްވަރެއް ލިބިގެންދާނެކަމެއްކަން ސަރުކާރުންވެސް ފާހަގަކުރައްވައެވެ.