ޚަބަރު

ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އިތުރު އޮފިޝަލުން ހޯދަނީ


  • ފުރަތަމަ ބުރުގަ 5 ހާހަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވި

  • ދެވަނަ ބުރުގަ ވޯޓު ފޮޮށީގެ ޢަދަދަށް ބަދަލު އާދޭ

  • މިއާއެކު އިތުރު އޮފިޝަލުން ބޭނުންވޭ

  • ކުރިން ފާހަގަވި މައްސަލަތަކަށް މިފަހަރު ޙައްލު ގެންނާނެކަމަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އިތުރު އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފަސް ހާހަށްވުރެ ގިނަ އޮފިޝަލުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވެފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ދެވަނަބުރުގެ ވޯޓުލާ މަރުކަޒުތަކަށް އިތުރު އޮފިޝަލުން ބޭނުންވާކަމަށެވެ. އެހެންނަމަވެސް ދެވަނަ ބުރަށް ނަގަނީ ކިހާ އޮފިޝަލުންކަމެއް އިލެކްޝަންސް ކޮމިޝަނުން ވިދާޅެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލަކަށްވުމަށް އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އިތުރުން އެކޮމިޝަނަށް ހާޟިރުވެގެން އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށައެޅޭނެކަމަށެވެ.

އިލެކްޝަންސް އޮފިޝަލަކަށްވުމުގެ ޝަރުޠު

- ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
- އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
- އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
- އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
- އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
- މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.
- ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

އޮފިޝަލުންނަށް ދޭން ކަނޑައަޅާފައިވާ އުޖޫރަ:

- ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް އުޖޫރައިގެ ގޮތުގައި 1500ރ (ފަނަރަސަތޭކަ ރުފިޔާ)
- ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ (ބާރަސަތޭކަ ރުފިޔާ)
- ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ (އެއްހާސް ރުފިޔާ)
- ރިޒާވް އޮފިޝަލަކަށް 500ރ (ފަސްސަތޭކަ ރުފިޔާ)

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވޯޓުލާއިރު 500 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ވޯޓުފޮށީގައި 2 ސެޓަޕް ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. މިއާއެކު އެކޮމިޝަނުން ވަނީ އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުންގެ ޢަދަދު އިތުރުކުރުމަށް ނިންމަވާފައެވެ.

މިފަހަރުގެ އިންތިޚާބުގައި 282803 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.