ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސިފައިންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުއެއް ކުރިއަށްގެންދިޔުމަށް ނިންމަވާފައިވާކަމަށް މިނިސްޓްރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހި ސިފައިންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން އެއްލައްކަ އަކަފޫޓްގެ ބިމެއް ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވާކަމަށެވެ. އަދި އަމާޒަކީ އެ ބިމުގައި ސިފައިންގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ހިންގުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އެބިމުގައި ސިފައިންގެ އާއިލާތަކަށް ޚާއްސަކޮށްގެން ފްލެޓްތަކެއް އަޅުއްވާނެކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިހާރު އެކަން ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށާއި، އެކަމަށް ބޭނުންވާ ކުރެހުންތައްވެސް ތައްޔާރުކޮށްފައިވާކަމަށެވެ.
"ސިފައިންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން އެއްލައްކަ އަކަފޫޓްގެ ބިމެއް ވަނީ ލިބިފައި. އެ ބިމުގައިވެސް ބަނޑޭރިކޮށި ސްޓައިލްއަށް ކެންޓޯނަމެންޓް އެޅުމަށް މި އަންނަނީ މަސައްކަތް ކުރަމުން. ކުރިއަށް އޮތް 5 އަހަރުގައި ކެންޓޯންމަންޓް ސްޓައިލްއަށް އިތުރު ފްލެޓްތައް އެޅި ސިފައިންގެ ބޯހިޔަވަހިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ." މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.
މިނިސްޓަރ މާރިޔާ ވިދާޅުވީ ސިފައިންނަށް ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށްޓަކައި ކުރައްވާ މަސައްކަތުގެ ދަށުން މިހާރު ސަފައިންނާއި ސިފައިންގެ އާޢިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރި ކޮށި ތަރައްޤީކުރުމުގެ ޕްލޭނެއްވެސް ގެންގުޅުއްވާކަމަށެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހި ސިފައިންނަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެއްކަމުން މިގޭ 10 އަހަރު ކުރިން ސިފައިންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް 2013 ވަނަ އަހަރު ފެށިއެވެ. އެހެންނަމަވެސް އެ މަސައްކަތްތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން ސަފައިންގެ އާއިލާތަކުން ވަނީ ފާޅުކޮށްފައެވެ. ނަމަވެސް މިހާރު މިވަނީ އެ 330 ފްލެޓްތަކުގެ މަސައްކަތް ނިންމާ އޭގެ ހައްޤުވެރިންނަށް ތަޅުދަނޑިތައް ހަވާލުކުރަން ފަށްޓަވާފައެވެ. މީގެ އިތުރުން އެ ފްލެޓްތަކުގެ އަގު 1.6 މިލިޔަން ރުފިޔާއަށް ކުޑަކޮށް 19 އަހަރުން ފައިސާ ދައިކައިގެން އަމިއްލަ ކުރެވޭގޮތް ސަރުކާރުން ވަނީ ހަމަޖައްސާދީފައެވެ.