ޚަބަރު

ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއް ބޭސްފަރުވާއަށް، 76.8 މިލިއަން ޚަރަދުކުރި


  • އެންމެ ބޮޑު ހޭދައެއް ކުރީ ބޭސްފަރުވާއާއި ތަޢޫލީމާއި ކޯވިޑުން އަރައިގަތުމަށް

  • ޒަކާތު ފަންޑުން 4 އަހަރާއި ބައިގެ ތެރޭ 85.9 މިލިއަން ޚަރަދުކުރި

ޒަކާތު ފަންޑުން ވޭތުވެދިޔަ ފަސް އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ބޭސްފަރުވާއާއި، ސްކޯލަރޝިޕްގެ ފުރުޞަތުތަކަށް 86 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީގެ "2018-2023 މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއަށް ނަޒަރެއް" ގެ ނަމުގައި ޝާއިޢުކުރެއްވި ފޮތުގައި ވަނީ ޒަކާތު ފަންޑުން އެކި ފަރާތްތަކަށް އެހީތެރިވުމަށް ބޮޑު ހޭދައެއް ކުރައްވާފައިވާކަމަށް ބަޔާންކޮށްފައެވެ.

ޒަކާތު ފަންޑުން އެންމެ ބޮޑު ހޭދައެއްކޮށްފައިވަނީ ބޭސްފަރުވާއަށެވެ. އެގޮތުން 4 އަހަރާ ބައިގެ މުއްދަތުގެ ތެރޭގައި 76.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތު ފަންޑުން ބޭސްފަރުވާއަށް ހޭދަކޮށްފައިވެއެވެ.

ބޭސްފަރުވާއަށް ކޮށްފައިވާ ޚަރަދު

- 2019 ވަނަ އަހަރު، 1289 މީހަކަށް 15.8 މިލިއަން ރުފިޔާ
- 2020 ވަނަ އަހަރު 288 މީހަކަށް 6.3 މިލިއަން ރުފިޔާ
- 2021 ވަނަ އަހަރު 997 މީހަކަށް 11.6 މިލިއަން ރުފިޔާ
- 2022 ވަނަ އަހަރު 2030 މީހަކަށް 21.4 މިލިއަން ރުފިޔާ
- މިއަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް 1532 މީހަކަށް 12.5 މިލިއަން ރުފިޔާ

ކުރިއަށް އޮތް ތާނގައިވެސް ޒަކާތު ފަންޑުން ބޭސް ފަރުވާގެ އެހީ ހޯދަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. އެންމެ ގިނަ އަދަދެއްގެ ފަރާތްތަކަށް ބޭސް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދެވިފައިވަނީ 2022 ވަނަ އަހަރާއި މި އަހަރުއެވެ. އެއީ މުޅި ޖުމްލަ 3562 މީހުންނެވެ.

ހަމައެއާއެކު މާލީ ތަނަވަސްކަން ނެތް މީހުންނަށް ޒަކާތު ފަންޑުން ހޮސްޕިޓަލްތަކުގެ ބިލު ދައްކައިދީފައިވެސްވެއެވެ. އެގޮތުން 2019 ވަނަ އަހަރު 9 މީހުންނަށް 2020 ވަނަ އަހަރު 7 މީހުންނަށް 2021 ވަނަ އަހަރު 15 މީހުންނަށް، 2022 ވަނަ އަހަރު 16 މީހުންންނަށް އަދި މިއަހަރުގެ އޯގަސްޓް މަހުގެ ނިޔަލައަށް 26 މީހުނަށް ވަނީ ޒަކާތު ފަންޑުން ހޮސްޕިޓަލްތަކުގެ ބިލް ދައްކައިދީފައެވެ. އެންމެ ގިނަ ބަޔަކަށް ޒަކާތު ފަންޑުން ފަންޑުން ހޮސްޕިޓަލް ބިލް ދައްކައިދީފައި ވަނީ މި އަހަރުއެވެ.

ތެލަސީމިއާ ކުދިންނަކީ ޚާއްސަ ފަރުވާތެރިކަމެއްދީ އެކުދިންނަށް ބޭނުންވާ ފަރުވާ ޤަވާއިދުން ދޭންޖެހޭ ބައެކެވެ. ތެލަސީމިއާ ކުދިންނަށް ބޭނުންވާ ފަރުވާ ހޯދައިދިނުމަކީ ސަރުކާރުން އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ.

މި ވޭތުވެދިޔަ 5 އަހަރުން ފެށިގެން މިއަދާއި ހަމައަށް ސަރުކާރުން ވަނީ ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ބޮޑު އަދަދެއްގެ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. މިގޮތުން 2019-2023 އާއި ހަމައަށް ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން، ޖުމްލަ 9.2 މިލިއަން ރުފިޔާގެ ޒަކާތު ފަންޑުން ހޭދަކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ދުވަސްވަރަކީ މާލީގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ ޢާމްދަނީ ހޯދުމަަށް މަސައްކަތްކުރުމަށާއި އާމްދަނީ ލިބިގަތުމަށް އެތައް ބަޔަކަށް ދަތިތައް މެދުވެރިވި ދުވަސްވަރެކެވެ. އެ ދަނޑިވަޅުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކަށް އާމްދަނީ ލިބުމުގެ މަގު ބަންދުވިއެވެ. މި ޙާލަތާއި ގުޅިގެންޙާލުގައި ޖެހުނު ފަރާތްތަކަށް ޒަކާތު ފަންޑުން އެހީވުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އަށް 1 މިލިއަން ރުފިޔާ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒަށް 1.5 މިލިއަން ރުފިޔާ، މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް 3 މިލިއަން ރުފިޔާ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒަށް 29،948 ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ.

ތަޢުލީމީ ދާއިރާ ކުރިއަރުވައި ދަރިވަރުންގެ ހިތްތަކުގައި ތަޢުލީމަށް ލޯބި ޖެއްސުމަށް މި ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތެއް ކޮށްފައެވެ. ޚާއްސަކޮށް މަތީ ތަޢުލީމު ޚާސިލްކުރަން ބޭނުންވާ ކުދިންނަށް ރާއްޖެއާއި ރާއްޖޭން ބޭރުގެ ސްކޮލަރޝިޕްގެ ފުރުސަތުތައް ވަނީ ފަހިކޮށްދީފައެވެ. މިގޮތުން ޒަކާތު ފަންްޑުން ސްކޮލަރޝިޕް ދިނުމަށް 30 ކުއްޖަކަށް ޖުމްލަ 3.6 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އިސްލާމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ.

ޒަކާތު ފަންޑަކީ ޒަކާތުގެ ގޮތުގައި ލިބޭ ފައިސާއިން ޔަތީމުންނާއި މިސްކީނުންނާއި ފަޤީރުންނަށް ބެހުމަށްފަހު ބާކީވާ ފައިސާ ޖަމާކުރާ ފަންޑެވެ. އަދި އެފަންޑުގައި ހުންނަ ފައިސާ ޚަރަދު ކުރަނީ ވަކި އުޞޫލެއްގެ ދަށުން ޒަކާތު ކޮމިޓީގެ ލަފަޔާ މަޝްވަރާގެ މަތިންނެވެ. ޒަކާތު ފަންޑުން، ނިކަމެތިންނަށް އެހީތެރިވުމަށާއި، މުޖުތަމަޢުގައި ޙާލުގައި ޖެހިފައިތިބި މީހުންނަށް އެހީތެރިވުމަށާއި، ކިޔަވައިދިނުމަށާއި، ބޭސްފަރުވާއަށް ދަނީ މެދުކެނޑުމެއް ނެތި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.