ޚަބަރު

އިންޑިއާއަށް ދިންކަމަށް ބުނާ އުތުރު ތިލަފަޅުގައި ދިރިއުޅޭނީ ދިވެހިން، ގޯތިވެސް ދޭނަން: ރައީސް


  • ރައީސް ވިދާޅުވީ އަލަށް ހުޅުވާލާ ސްކީމަށް ކުރިމަތިލާން މިރޭ ހުޅުވާލާނެކަމަށް

  • އާ ހައުސިން ސްކީމްގައި އުތުރު ތިލަފަޅުންވެސް ގޯތި ދޭނެކަމަށް ރައީސް ވިދާޅުވި

  • ސަރުކާރުން ވަނީ އިތުރު 4000 ގޯތި އަދި 6000 ފްލެޓް ދޭން ނިންމާފައި

އިންޑިއާއަށް ދީފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ އުތުރު ތިލަފަޅުގައި ދިރިއުޅޭނީ ދިވެހިންކަމަށާއި، ފްލެޓާއި ގޯތި ދިނުމަށް ސަރުކާރުން އަލަށް ހުޅުވާލާ ހައުސިން ސްކީމްގެ ދަށުން އުތުރު ތިލަފަޅުން ގޯތިވެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިކަން އިއުލާން ކުރެއްވީ، ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީގެ ރިޔާސީ ކެމްޕެއިނާއި ގުޅުން ފާހަގަކުރުމަށް މިރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ އާ ސްކީމަށް ކުރިމަތިލުމަށް މިރޭގެ ވަގުތެއްގައި ހުލުވާލާނެކަމަށާއި، އެމަޝްރޫއުގެ ދަށުން 4000 ގޯއްޗާއި، 6000 ފްލެޓަށް ހުޅުވާލާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވީ މާލޭގެ ރައްޔިތުންނޭ އެއްގޮތަށް، މާލެއަށް ހިޖުރަކޮށް ދިރިއުޅެމުންދާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މާލެ ސަރަޙައްދުން ހިޔާވަހިކަން ލިބޭނެކަމަށެވެ. އެގޮތުން މި ސްކީމްގައި، ދަފްތަރުގައި ޖެހިފައިވާ މީހުންނާއި، އަދި މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ މީހުންނަށްވެސް ތަފާތުކުރުމެއް ނެތި ބިން މިލްކުކުރުމުގެ ފުރުޞަތު ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުން ގޯތި ދޫކުރަން ނިންމާ އެއް ތަނަކަށް ވާނީ އިންޑިޢާއަށް ދީފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ އުތުރު ތިލަފަޅުކަމަށެވެ. އަދި އުތުރު ތިލަފަޅުގައި އުޅޭނީ ބޭރު މީހުން ނޫންކަމަށާއި، ދިވެހި ރައްޔިތުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުއާއެކު، ސަރުކާރުން މިހާރު ތަރައްޤީކުރަމުންދާ ތިލަމާލެ ބްރިޖް ގޮސް ނިމޭނީ އުތުރު ތިލަފަޅުކަމަށެވެ.

"އުތުރު ތިލަފަޅަކީ ބޭރުމީހުން އުޅެން ހަދާ ތަނެއް ނޫން. އެތާންގައި އުޅޭނީ ދިވެހިން. މިހާރު ފަށާފައިވާ ބްރިޖް މަޝްރޫޢު މާލެ-ވިލިމާލެ-ގުޅިފަޅު-ތިލަފުށި-ގިރާވަރުފަޅުން ގޮސް ނިމޭނީ އުތުރު ތިލަފަޅަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ދިވެހި ރައްޔިތުން އުފާވެރި އަމާން ރާއްޖެއަކަށް ގެންދިއުމަށް ކުރައްވާ މަސައްކަތްތައްކަމަށެވެ.

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ދިނުމުގެ މަޝްރޫޢެއް ކުރިއަށް ނުގެންދާތާ ތިރީހަށްވުރެ ގިނަ އަހަރު ވެފައިވަނިކޮށް މި ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހާއްސަ މަޝްރޫއެއްް ހިންގަވާފައެވެ. ބިންވެރިޔާ ސްކީމްގެ ނަމުގައި ހިންގި އެ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުން ކަނޑައަޅައި،، ބިން ހަވާލުކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.