އިލެކްޓްރިކް ވެހިކަލަށް އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމަކީ ސަރުކާރުން މިހާރުވެސް ހިންގަވާ ޕްރޮގްރާމެއްކަމަށް އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޟް މަންޞޫރު ވިދާޅުވެއްޖެއެވެ.
ރިޔާޟް މިކަން ހާމަކުރައްވާފައި މިވަނީ ޕީ.ޕީ.އެމް/ޕީ.އެން.ސީގެ ސަރުކާރެއްގައި އިލެކްޓްރިކް ވެހިކަލަށް އިންވެސްޓު ކުރަން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިވެދޭނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނިކޮށެވެ.
މިކަމާގުޅިގެން ކުރެއްވި ޓްވީޓެއްގައި މަންޞޫރު ވިދާޅުވީ، ޑރ. މުޢިއްޒު އެ ކަމަށް ވަޢުދުވެ، އެއީ އައު ވަޢުދެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކަން މަސައްކަތް ކުރެއްވި ނަމަވެސް، އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މިހާރުވެސް ހިންގަވަމުންދާ ޕްރޮގުރާމެއް ކަމަށެވެ.
މި ޓްވީޓާއެކު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޟް މަންޞޫރު ވަނީ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕޮރޭޝަން (އެސް.ޑީ.އެފް.ސީ)ން މިހާރުވެސް ހިންގަމުންދާ "ޓެކްސީ ނަފާ" ލޯނު ޕުރޮގުރާމާ ގުޅޭ މަޢުލޫމާތުތަކެއް ހިއްސާ ކުރައްވާފައެވެ.
Another new proposal by @Muizzu - but wait - this is an EXISTING SERVICE already offered by @IbuSolihhttps://t.co/6KxfuPpwbA https://t.co/5WUgquZsA6 pic.twitter.com/4vdScfTvyV
— Riyaz Mansoor (@RiyazMansoor) September 24, 2023
އެސް.ޑީ.އެފް.ސީގެ "ޓެކްސީ ނަފާ" ލޯން ޕުރޮގުރާމު އިފުތިތާޙުކޮށްފައި ވަނީ 2023 އޮގަސްޓު 31 ވަނަ ދުވަހުއެވެ. މި ޕުރޮގުރާމުގެ ދަށުން އެޕްލިކޭޝަންތައް ބަލައިގަތުމުގެ މަސައްކަތް މިމަހުގެ 3 ވަނަ ދުވަހު ވަނީ ފަށާފައެވެ. އަދި މި ޕުރޮގުރާމުގެ ދަށުން މިހާރުވެސް 44 އެޕްލިކޭޝަން ޕްރޮސެސްކުރުމުގެ މަސައްކަތް އެފް.ޑީ.އެފް.ސީން ދަނީ ކުރަމުންނެވެ.
"ޓެކްސީ ނަފާ" ޕްރޮގްރާމަކީ މިހާރު ބޭނުން ކުރަމުންދާ ޓެކްސީ އައު ކުރަން ނުވަތަ ޓެކްސީގެ ގޮތުގައި ބޭނުން ކުރަން އައު އުޅަނދެއް ގަންނަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމް ހިންގަނީ 3 ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެގޮތުން ކެޓެގަރީ A ޚާއްސަކޮށްފައިވަނީ މިހާރު ދުއްވާ ޓެކްސީގެ ވެރިފަރާތްތަކަށެވެ. ކެޓެގަރީ B މިހާރު ޓެކްސީ ދުއްވާ ޑްރައިވަރުންނަށް ޚާއްސަކޮށްފައިވާއިރު، ކެޓެގަރީ C އަމާޒުކޮށްފައިވަނީ އަލަށް ޓެކްސީ ދުއްވުމުގެ ޚިދުމަތާ ގުޅެން ބޭނުންވާ މީހުންނަށެވެ.
މި ޕުރޮގުރާމުގެ ދަށުން 300,000 ރުފިޔާއާ ހަމައަށް ލޯނު ދޫކުރެވޭނެއެވެ. މި ފައިސާ ދޫކުރެވޭނީ ބައިބަޔަށް ބަހައިލައިގެންނެވެ. މި ލޯނުގެ އިންޓްރެސްޓަކީ %6 އާއި %8 އާއި ދެމެދެވެ. މި އިންޓްރެސްޓް ރޭޓު ކަނޑައަޅަނީ ކްރެޑިޓް ރޭޓިންގއަށް ބެލުމަށްފަހުއެވެ. އަދި ލޯނު އަނބުރާ ދައްކަންޖެހޭނީ 5 އަހަރު ދުވަހުގެ ތެރޭގައެވެ.