ޚަބަރު

ނޫސްވެރިންތަކެއް ހުއްދަ ނުހޯދާ އުތުރު ތިލަފަޅަށް އަރަން މަސައްކަތްކުރި މައްސަލަ ބަލަނީ


  • ސިފައިންގެ ބަނދަރުތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތްކުރި

  • މިއީ ސިފައިންގެ މައްސޫލިއްޔަތަށް ހުރަސް އެޅުމަށް ހިންގި ޢަމަލެއް

  • ސީރިއަސް މައްސަލައެއްގެގޮތުގައި ބަލާ ފިޔަވަޅު އަޅަނީ

އެމްއެންޑީއެފްގެ ހުއްދަނެތި އުތުރު ތިލަފަޅުގައިވާ އެމްއެންޑީއެފްގެ ސަރަޙައްދަށް ދިޔަރެސް ނޫހުގެ ނޫސްވެރިން އަރަން މަސައްކަތްކުރި މައްސަލަ ބަލައި ފިޔަވަޅުއެލުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

މިކަމާގުޅިގެން އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ބޭނުންތަކަށް ތަރައްޤީކުރަމުން އަންނަ ސަރަހައްދު ފިޔަވައި އެފަޅުގެ ބާކީ ސަރަޙައްދުތައް ރެސިޑެންޝަލް އޭރިޔާއެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާކަމަށް ސަރުކާރުން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހާމަކުރައްވާފައިވަނިކޮށް މިއަދުގެ ވަގުތެއްގައި ދިޔަރެސް ނޫހުގެ ނޫސްވެރިން ލޯންޗެއްގައިގޮސް ހުއްދަނެތި ސިފައިންގެ ބަނދަރުތެރެއަށް ވަދެ ވީޑިއޯކޮށް ހުއްދަނެތި އެރަށަށް އެރުމަށް މަސައްކަތްކޮށްފައިވާކަމަށެވެ.

އުތުރު ތިލަފަޅުގައި އެމްއެންޑީއެފްއިން ތަރައްޤީކުރަމުން އަންނަ ބަނދަރުގެ މަސައްކަތްތައް ދައްކާލުމަށް ވަރަށްފަހުންވެސް އެކަމަށް އެދުނު މީޑިއާތަކަށް ފުރުޞަތު ފަހިކޮށްދީފައިވާކަން މި ބަޔާނުގައި އެމްއެންޑީއެފްއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިގޮތަށް ހުއްދަ ހޯދުމެއްނެތި އެރަށް އަރަން އުޅުމަކީ ޤާނޫނާއި ޤަވާއިދާއި ޚިލާފު، ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެއްކަން ފާހަގަކޮށް، އެކަން އެމްއެންޑީއެފްއިން ވަނީ ހަރުކަށު ޢިބާރާތުން ކުށްވެރިކުރައްވާފައެވެ.

އެމްއެންޑީއެފްގެ މަރުކަޒުތަކަކީ ސިފައިންގެ ހުއްދަނެތި ވަނުންމަނާ ތަންތަނެވެ. އަދި އެފަދަ ތަނަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަކީ ސިފައިންގެ ޤާނޫނާއި ޤަވާއިދުތަކުން ސިފައިންގެ މައްޗަށް ލާޒިމްކޮށްފައިވާކަމެއްކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސިފައިންގެ ބަނދަރު ތަރައްޤީކުރަމުން އަންނަ ސަރަޙައްދަށް ހުއްދަނެތި އެރުމަށް މަސައްކަތް ކުރުމުން އެކަން ހުއްޓުވުމަށް އެރަށުގެ ސެކިޔުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް ސާޖެންޓް ފަސްޓް ކްލާސް ރޭންކުގެ ބޭކަލެއް މަސައްކަތްކޮށްފައިވަނީވެސް މި އުޞޫލުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްގެ ބަޔާނުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް އަސްކަރިއްޔާގެ މަރުކަޒުތަކަށް ހުއްދަނެތި އެއްވެސް ފަރާތަކުން ވަނުމަށް މަސައްކަތްކޮށްފިނަމަ އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ، އެފަދަ މަރުކަޒަކަށް ހުއްދަނެތި ބަޔަކު ވަންނަން މަސައްކަތްކުރާނަމަ އެކަން ހުއްޓުވުމަށް ހަތިޔާރުގެ ބޭނުންކުރުންވެސް ހުއްދަކުރެވިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

އެމްއެންޑީއެފްގެ ހުއްދަނެތި އެމްއެންޑީއެފްގެ މަރުކަޒަކަށް ވަނުމަށް މަސައްކަތްކުރި ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި އެހާމެ ސީރިއަސް މައްސަލައެއްކަމުގައި ދެކޭތީ، މިފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުގެ ތެރެއިން ފިޔަވަޅުއަޅުއްވައިދެއްވުމަށް އެމަސައްލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެކަމަށްވެސް ޤައުމީ ދިފާޢީ ބާރުގެ ބަޔާނުގައި ވިދާޅުވިއެވެ.