ޚަބަރު

ފްލެޓް ރޭޓެއް ކަނޑައެޅުމުން 30-50 ޕަސެންޓް ކުޑަވާނެ، އަންނަ އަހަރު އަމަލުކުރަން ފެށޭނެ: ޝަރީފް


  • ފްލެޓް ރޭޓަކުން އަގު ކަނޑައެޅުމަށް ރައީސް ވަނީ ނިންމަވާފަ

  • މިކަމާ ގުޅޭ މަޝްވަރާތައް ދަނީ ކުރިއަށް

  • އަންނަ އަހަރު ފްލެޓް ރޭޓް ކަނޑައެޅުމަށް މަސައްކަތްކުރަނީ

ކަރަންޓަށް ބިލްކުރާ ބޭންޑް ފްލެޓް ރޭޓަކަށް ހެދުމުން ގޭބިސީތަކުގެ މިހާރު ކަރަންޓް ބިލުން 30 އާއި 50 އިންސައްތައަށް ކުޑަވާނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ގޭބިސީތަކުން ބޭނުންކުރާ ކަރަންޓަށް އެކި ބޭންޑްތަކަކުން އަގުކުރުމުގެ ބަދަލުގައި ފްލެޓް ރޭޓަކުން އަގު ނަގަން ނިންމަވާ، އެކަން ހާމަކުރައްވާފައެވެ.

މިކަމާ ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މިހާރު ކަރަންޓު ބިލް ބިލްކުރާއިރު ވަކި ރޭޓެއް ކަނޑައެޅުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެކަމާ ގުޅިގެން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ޝަރީފް ވިދާޅުވީ، ފްލެޓް ރޭޓުގެ ގޮތުގައި 1.5 ރުފިޔާ ކަނޑައެޅިއްޖެނަމަ ކަރަންޓު ބިލުން 30 އިންސައްތައާއި 50 އިންސައްތައާ ދެމެދު ކުޑަވެގެންދާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

ޝަރީފް ވިދާޅުވީ އަމާޒަކީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ފްލެޓް ރޭޓްތައް ކަނޑައަޅާ ބިލުތައް ތައްޔާރުކުރުންކަމަށެވެ.

"މާލެ ސަރަހައްދުގައި ގާތްގަޑަކަށް 28 އިންސައްތަ ގޭބިސީން 600 ޔުނިޓަށްވުރެ އިތުރަށް ކަރަންޓު ބޭނުންކުރޭ. އެވްރެޖްކޮށް 500 ޔުނިޓަށްވުރެ ދަށުގައި 40 އިންސައްތަ ގޭބިސީން ބޭނުންކުރޭ. ފްލެޓް ރޭޓެއް ކަނޑައެޅުމުން ހެޔޮ ބަދަލެއް އަންނާނެ." ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވިއެވެ.

ކަރަންޓު ބިލް ބިލްކުރާއިރު ގޭބިސީތަކަށް ގާތްގަނޑަކަށް ހަތް ބޭންޑް ކަނޑައަޅާފައި އޮވެއެވެ. ކަރަންޓު ބޭނުންކުރާ ވަރަކަށް ކޮންމެ ބޭންޑަކަށް އިތުރުވަމުންދެއެވެ. އަދި އެކަމުގެ ސަބަބުން ބިލް ވަރަށް ބޮޑުވެގެންދެއެވެ. ޚާއްސަގޮތެއްގައި ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދުވެސް ރައްޔިތުން ކުރެއެވެ.

ރާއްޖޭގައި ކަރަންޓްގެ އަގުތައް ކަނޑައަޅާ ޓެރިފް ރޭޓުތަކަށް އެންމެ ބޮޑު ބަދަލެއް ގެނެސްފައި ވަނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ކަރަންޓުގެ އަގަށް ޑިސްކައުންޓު ދީ، މި ސަރުކާރުން 2022 ވަނަ އަހަރު ވަނީ މާލެއާއި ރަށްރަށުގެ ކަރަންޓުގެ އަގުތައް އެއްހަމަކޮށްފައެވެ.