ވިޔަފާރި

ރައީސްކަމަށް އިންތިޚާބުވިކަމުގެ ލިޔުން މިފަހަރު ހަވާލުކުރާނެ، ރަސްމިއްޔާތެއް އޮންނާނެ: އީސީ


  • އިންތިޚާބު ކާމިޔާބުކުރިކަމުގެ ލިޔުން ދެއްވުމަށް ޚައްޞަ ރަސްމިއްޔާތެއް އޮންނާނެ

  • މިއީ އީސީން އަލަށް ކުރަން ނިންމެވި ކަމެއް

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ރަސްމީ ލިޔުމެއް ހަވާލުކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވެފައިވާ އެންމެފަހުގެ ތައްޔާރީތަކުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އެކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އިންތިޚާބު ކާމިޔާބު ކުރައްވާ ކެންޑިޑޭޓަށް ރަސްމީ ލިޔުމެއް ދެއްވުމަށް އެކޮމިޝަނުން ނިންމަވާފައިވާކަމަށާއި، މިއީ މުޅިން އަލަށް އެ ކޮމިޝަނުން ކުރުމަށް ނިންމާފައިވާ ކަމެއްކަމަށެވެ.

ހަބީބް ވިދާޅުވީ، އިންތިހާބުގައި ހޮވިވަޑައިގަންނަވާ ކެނޑިޑޭޓަކަށް ލިޔުން ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

"މިފަހަރު ކޮމިޝަނުންވެސް ތަފާތު ގޮތަކަށް ކަމެއް އަޅުގަނޑުމެން އެބަ ރާވަން. އެއީ މިފަހަރު ރިޔާސީ އިންތިޚާބުގައި ހޮވިވަޑައިގަންނަވާ ކެނޑިޑޭޓަކަށް ރަސްމީ ނަތީޖާއަކާއިއެކީގައި އެބޭފުޅަކު ހޮވިވަޑައިގެންނެވި ކަމުގެ ރަސްމީ ލިޔުން ރަސްމިއްޔާތެއްގެ ތެރެއިން އަޅުގަނޑުމެން އެ ކެންޑިޑޭޓަކާއި ހަވާލުކުރުން ކޮމިޝަނުން ނިންމާފައި އޮތީ. އިރާދަކުރެއްވިއްޔާ ރަސްމީ ނަތީޖާއާއިއެކީގައި އެ ރަސްމިއްޔާތު ބާއްވާނަން." އިސްޟާޢީލް ޙަބީބު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެނޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. ނަމަވެސް އެއްވެސް ކެނޑިޑޭޓަކަށް ޤާނޫނުގައި ބުނާ އަދަދަށް ވޯޓު ލިބިވަޑައިނުގަތުމުން ދެވަނަ ބުރެއް ބާއްވަން ޖެހުނީއެވެ. އިންތިޚާބުގެ 2 ވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބިވަޑައިގަތް 2 ކެނޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.